ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އިގްތިސޯދަށް އެހީވެދޭން ބީއެމްއެލް ތައްޔާރު

Mar 24, 2020
2

ބަލާއާފާތެއްގެ ގޮތުގައި ދުނިޔެއިން ކަނޑައަޅާފައިވާ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި އެހީ ވެދޭން ގައުމީ ބޭންކް ތައްޔާރަށް އޮތް ކަމަށް ބުނެފި އެވެ.

ބީއެމްއެލް އިން އާއްމު ކޮށްފައިވާ މިދިޔަ އަހަރުގެ އޮޑިޓްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރަކީ އެ ބޭންކަށް މާލީ ގޮތުން ކާމިޔާބު އަހަރެކެވެ. އަދި އެ ކާމިޔާބީގެ ސަބަބުން މުޖުތަމައަށް ކުރާ ހޭދަ އިތުރު ކުރުމާއެކު ވިޔަފާރިތަކަށް އެހީވާން މަގު ފަހި ވެފައި ވެއެވެ. އަދި މިވަގުތު ރާއްޖޭގެ އިގްތިސޯދަށް އެހީތެރިވާން ތައްޔާރަށް އޮތް ކަމަށް ވެސް އެ ބޭންކުން ބުނެފައިވެ އެވެ.

މިދިޔަ އަހަރު ޓެކްސް އަށް ކެނޑުމަށްފަހު ގައުމީ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 1.04 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މާލީ ރިޕޯޓުގައިވާ ގޮތުން 2018 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު ހިންގުމުގެ ފައިދާ ނުވަ ޕަސެންޓަށް އިތުރުވެ، 1.7 ބިލިއަން ރުފިޔާއަށް އަރާފައި ވެއެވެ.

އަދި ބޭންކުގެ އެސެޓް ވަނީ ތިން ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 18 ޕަސެންޓުގެ އިތުރުވުމެކެވެ. މީގެ އިތުރުން ބޭންކުގެ ކެޕިޓަޕް ޕޮޒިޝަން ވަނީ ގާނޫނުގައި ބުނާ އަދަދަށް ވުރެ މަތީގައި ހިފެހެއްޓިފަ އެވެ. ކެޕިޓަލް އެޑަކުއަސީ ރޭޝިއޯ ނިސްބަތް ހުރީ މިދިޔަ އަހަރު ނިމުނުއިރު 40 ޕަސެންޓަށް ވުރެ މަތީގައި ހިފެހެއްޓިފަ އެވެ.

ބީއެމްއެލްގެ ސީއީއޯ އަަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވި ގޮތުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލާއާފާތުގެ މި ދަނޑިވަޅަކީ ބޭންކާއި އިގްތިސޯދަށް ވެސް ދަތި ވަގުތެކެވެ. ނަމަވެސް ވިޔަފާރި ތަކަށް ލިބެމުންދާ ގެއްލުމުން ސަލާމަތް ކުރުމަށް ސަރުކާރާ ގުޅިގެން އެޅި ދާނެ ފިޔަވަޅު ތަކެއް ބަލަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެ އިސްކަމެއް ދެނީ ރައްޔިތުންގެ ރައްކާތެރިކަމަށް. އަދި އެންމެން ގުޅިގެން ކުރާ މަސައްކަތުން މި ކަމުން އަރައި ގަނެވޭނެ،" ޓިމް ވިދާޅުވި އެވެ.

ކުރި އަރަމުން އަންނަ އިސްލާމިކް ބޭންކިންއާ ބެހޭ ގޮތުން ޓިމް ވިދާޅުވީ މުޅި ރާއްޖެއަށް ހާއްސަކޮށް ބޭންކުގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން މިދިޔަ އަހަރު އާ ބްރާންޗަކާއި އޭޓީއެމް ތަކެއް އަތޮޅުތަކުގައި ގާއިމް ކޮށްފައިވާ ކަމަށާއި އެ ބޭންކުގެ ބޭނުމަކީ ހިދުމަތް ޑިޖިޓަލް ކުރުން ކަމަށެވެ.

"ޑިޕޮސިޓް އަދި ޕޭމަންޓް ހިދުމަތް ފުޅާ ކުރުމަށްޓަކައި ކޭޝް އެޖެންޓުން ވެސް ވަނީ ގާއިމް ކުރެވިފައި. ބީއެމްއެލް އިސްލާމިކަށް އިތުރުވަމުންދާ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ޒަމާނީ ހެޑްކުއަޓާސް އެއް ވަނީ ގާއިމް ކުރެވިފައި. ބޭންކުގެ ކޮންވެންޝަނަލް ޕްރޮޑަކްޓްތަކާ އެއް މިންވަރަށް ޝަރިއްޔާ ހުއްދަ ކުރާ އިސްލާމިކް ޕްރޮޑަކްޓްތައް ބޭންކުގެ ޕާސަނަލް އަދި ބިޒްނަސް ކަސްޓަމަރުންނަށް މި ދަނީ ތައާރަފު ކުރަމުން،" ސޯޔާ ވިދާޅުވި އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ބީއެމްއެލް އިން ވަނީ އެ ބޭންކުގެ ލޯނުތައް ހަ މަސް ދުވަހަށް ފަސް ކޮށްދޭން ނިންމާފަ އެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ހިދުމަތް ދޭ އެއް ބޭންކް އެކެވެ. ބީއެމްއެލް އިން 20 އަތޮޅެއްގައި 38 ބްރާންޗް އާއި 51 ސެލްފް ސާވިސް ސެންޓަރު އަދި 115 އޭޓީއެމްގެ އިތުރުން 277 ކޭޝް އެޖެންޓުންގެ ހިދުމަތް ދެ އެވެ. މީގެ އިތުރުން އެ ބޭންކުން ވަނީ އެންމެ ޒަމާނީ އޮންލައިން ބޭންކިން ޕްލެޓްފޯމެއް ގާއިމް ކޮށްފައިވެ އެވެ.