ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ޖައްސާނެ ފްލައިޓެއް ނެތި ވީއައިއޭ ފަޅަށް!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އާއްމު ގޮތެއްގައި ދުވާލަކު 50 އަށް ވުރެ ގިނަ ފްލައިޓް ޖައްސަ އެވެ. ދުނިޔެއަށް ކޮވިޑް-19 އިގެ ބަލާއާފާތް ކުރިމަތިވުމުގެ ކުރިން އެވްރެޖު ގޮތެއްގައި ދުވާލަކު 5،000 މީހުން ރާއްޖެ އާދެ އެވެ. އެކަމަކު މިހާރު ދުވާލެއްގެ މައްޗަށް އަންނަނީ 200 އެއްހާ މީހުނެވެ. މިހާރު ވީއައިއޭއަށް ދުވާލަކު ޖައްސަނީ 16 ވަރަކަށް ފްލައިޓެވެ. އަންނަ ޓޫރިސްޓުން މަދުވެ ފްލައިޓް މޫވްމަންޓް ހުއްޓުމަކަށް އައުމުން ވީއައިއޭ މިހާރު ފެންނަނީ ގާތްގަނޑަކަށް ފަޅަށް އަދި ހުއްޓިފައިވާ ދިރުމެއް ނެތް ތަނެއްގެ ގޮތުގަ އެވެ.

"ދުވަހަކު ވެސް އެއާޕޯޓަކުން މި ވަރުގެ ފަޅު ކަމެއް ނުފެނޭ. އަޅުގަނޑޫ މިތަނުގައި މަސައްކަތް ކުރާތާ 15 އަހަރު ވެއްޖެ. މިއީ މި ތަން [ވީއައިއޭ] މިހާ ފަޅުކޮށް އޮއްވާ ފެނުނު ފުރަތަމަ ފަހަރު،" ރާއްޖޭގެ ލަގްޒަރީ އެއާޕޯޓެއްގެ އެއާޕޯޓް ރެޕެއްގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.

ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަސް މައި އެއާޕޯޓަށް ބެލެވެނީ "ސުޕަ ސަންޑޭ" ގެ ގޮތުގަ އެވެ. އެއީ ހުރިހާ މުވައްޒަފުން ވެސް ބިޒީކޮށް އުޅެން ޖެހޭ ދުވަހެއްގެ ގޮތުގައި ވެފައި އޮވެ އެވެ. އެކަމަކު ނިމިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެއާޕޯޓަށް އަންނާނެ މީހަކު ނެތި ވަނީ ފަޅުވެފަ އެވެ. ދުނިޔޭގެ ބޮޑެތި އެއާލައިންތައް ކަމަށްވާ އިއްތިހާދު އެއާވޭސް އާއި އެމިރޭޓްސް ފަދަ އެއާލައިން ތަކުން ވަނީ ދަތުރު ކުރުން ހުއްޓާލާފަ އެވެ.

ރާއްޖެ އަންނާނެ ޓޫރިސްޓަކު ނުވެ، ޓޫރިޒަމް ހީނަރުވުން ވެގެން ދާނީ ރާއްޖޭގެ އިގްތިސޯދަށް ކުރިމަތި ވާނެ ބޮޑު ތަދަކަށެވެ. ރާއްޖޭގެ އިގްތިސޯދުގެ މައި ނާރަކީ ޓޫރިޒަމް ކަމަށްވާއިރު ޓޫރިސްޓުން އަންނަ އަދަދު މަދުވުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ މިވަނީ މިހާރުވެސް ވަރަށް ބޮޑުތަން ދަށަށް ވެއްޓިފަ އެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ވިދާޅުވި ގޮތުގައި ޓޫރިޒަމް ސިނާއަތުގައި އޭނާ މަސައްކަތް ކުރައްވާތާ 35 އަށްވުރެ ގިނަ އަހަރު ވެފައިވާއިރު، މިހާތަނަށް މިވަރުގެ ގެއްލުމެއް ލިބެމުންދާ ދުވަސްވަރެއް ތަޖުރިބާ ކުރެއްވިފައި ވެސް ނެތެވެ.

ގެއްލުން އަދި ސީދާ ބުނަން ވެސް ނޭނގެ. ކުރިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ސުނާމީ އާއި ގަލްފް ހަނގުރާމާގައި. މިހާރު މި ވާގޮތަކީ ބުކިން ހުއްޓަސް އެ ބުކިން ތަކަށް ނާދެވިގެން ގެސްޓުން މަދު ވަނީ. މަދުވެގެން ގޮސް 20 ޕަސެންޓް ނޫނީ 30 ޕަސެންޓަށް އޮކިއުޕެންސީ ދިޔައީމަ ރިސޯޓު އޮޕަރޭޓް ކުރުމުގެ ބޭނުމެއް ނޯންނާނެ،
އަހުމަދު ނަޒީރު | ކްރައުން

"ގެއްލުން އަދި ސީދާ ބުނަން ވެސް ނޭނގެ. ކުރިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ ސުނާމީ އާއި ގަލްފް ހަނގުރާމާގައި. މިހާރު މި ވާގޮތަކީ ބުކިން ހުއްޓަސް އެ ބުކިން ތަކަށް ނާދެވިގެން ގެސްޓުން މަދު ވަނީ. މަދުވެގެން ގޮސް 20 ޕަސެންޓް ނޫނީ 30 ޕަސެންޓަށް އޮކިއުޕެންސީ ދިޔައީމަ ރިސޯޓު އޮޕަރޭޓް ކުރުމުގެ ބޭނުމެއް ނޯންނާނެ،" ނަޒީރު ވިދާޅުވެފައިވެ އެވެ.

ސަރުކާރުން އަންދާޒާ ކޮށްފައިވާ ގޮތުގައި މިހާރުގެ ހީނަރުކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުމުގެ ފުރުސަތު އޮންނާނެ އެވެ. ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި އިގްތިސޯދީ ދުވެލި ހުންނާނީ 7.5 ޕަސެންޓުގަ އެވެ. ނަމަވެސް މިހާރުގެ ލަފާ ކުރުމަކީ ދުވެލި 0.5 އާއި މައިނަސް 5.6 ޕަސެންޓަށް ވެއްޓޭނެ ކަމެވެ.