ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސަރުކާރުގެ އިލްތިމާސް: ނެގެޓިވް ނަތީޖާތައް ލުއިކޮށް ނުނަގާ

Mar 24, 2020
2

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު މީހަކު ނުފެންނަތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، ބަލި ޖެހިފައިވާ 13 މީހުންގެ ތެރެއިން ފަސް މީހަކު މިހާރު ރަނގަޅުވެފައި ވާތީ، އެކަން ލުއިކޮށް ނުނަގަން ދިވެހި ސަރުކާރުން ރައްޔިތުންނަށް އިލްތިމާސް ކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވި ގޮތުގައި، ބަލިން ރަނގަޅުވި މީހުންގެ އިތުރުން، މި ފަހުން ޓެސްޓު ކުރި މީހުންގެ ނަތީޖާތައް ނެގެޓިވްވުމަކީ، މި ބަލީގެ ނުރައްކަލުން ރާއްޖެ ސަލާމާތްވެފައި ކަމަށް ނިންމައި، އެ ބަލި ފެތުރުން ހުއްޓުވަން ކުރާ މަސައްކަތް ހުއްޓާލަން ޖެހުން ނޫން ކަމަށެވެ.

މުރާދު ވިދާޅުވި ގޮތުގައި، މި ބަލި ކުއްލިއަކަށް ފެތުރިގެން ހިނގައިދާނެ ކަމުގެ މިސާލުތައް ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރު ވެސް ފެންނަމުންދާ ކަމަށެވެ.

"ދުނިޔޭގެ އެކި ގައުމުތަކުގައި ފެންނަމުންދާ ކަންކަމަކީ އިބުރަތެއް ކަމަށް ބައްލަވާ، އަޅުގަނޑުމެން މި ކުރާ މަސައްކަތް މަޑުޖައްސާލެވޭކަށް ނެތް،" ސިއްހީ އިދާރާތަކުން ދެމުންދާ އިރުޝާދުތަކާއި މެސެޖުތައް ގަބޫލުކޮށް، އެއާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރައްވަމުން މުރާދު ވިދާޅުވި އެވެ.

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތައް އަޅާފަ އެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދު ކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް ވަނީ މަނާކޮށްފަ އެވެ.

ނަމަވެސް، ގިނަ ބަޔަކު ހާއްސަކޮށް މާލޭގައި، ބޭރަށް ނުކުމެ އުޅޭތީ، އެކަން އެގޮތަށް ނުކުރުމަށާއި، ވީހާވެސް ބޮޑަށް ގޭގައި އެކަހެރިވެގެން ތިބުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.