ކަރަންޓީން ފެސިލިޓީތަކަށް ބޭނުން ކުރަމުންދާ ރިސޯޓްތަކުން އެ މުއްދަތުގައި ދައުލަތަށް ދައްކަން ޖެހޭ ކުލި، ދައްކަން ނުޖެހޭ ސަބަބު ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް މިއަދު ސާފު ކޮށްދެއްވައިފި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު ވިދާޅުވެފައި ވަނީ ސަރުކާރަށް ކަރަންޓީން ފެސިލީޓީއަށް ދޫކޮށްފައިވާ ރިސޯޓް ރަށްތަކަށް ކުލީގެ ގޮތުގައި އެއްވެސް އެއްޗެއް ދައްކަން ނުޖެހޭ ކަމަށެވެ.
އެކަމާ ގުޅިގެން ގިނަ ބަޔަކަށް އޮޅުން އަރާފައިވާކަމަށް ފާހަގަކުރައްވަމުން، މަބުރޫކު ވިދާޅުވި ގޮތުގައި، ކުއްލި ހާލަތެއް ނުވަތަ ކާރިސާތަކުގައި ކުއްޔަށްދީފައި ހުންނަ ރިސޯޓުތައް ސަރުކާރުގެ ބޭނުމަށް ނެގިދާނެކަމަށް ބުނާ ބާބެއް ރިސޯޓުތައް ކުއްޔަށްދޭ އެއްބަސްވުންތަކުގައި ހިމެނޭ ކަމަށެވެ.
އެގޮތުން، އެފަދަ ހާލަތެއްގައި އެ ރަށެއް ސަރުކާރުގެ ބޭނުމަށް ނަގާ ހިސާބުން، އެ އެއްބަސްވުން ވަގުތީ ގޮތުން ސަސްޕެންޑްވެގެންދާނެ ކަމަށް އެ ބާބުގައި ބަޔާންކޮށްފައިވާކަމަށް މަބުރޫކު ވިދާޅުވި އެވެ.
"ސަރުކާރަށް އެ ރަށެއް ނަގާ މުއްދަތަށް އެ ރިސޯޓަކާއެކު ހެދިފައި އޮންނަ އެއްބަސްވުން ސަސްޕެންޑުވާނެކަމަށް ބުނެފައި އޮންނަނީ. އެހެންވީމާ، އެ މުއްދަތުގައި ކުލި ވެސް ދައްކަން ނުޖެހޭނީ. އެއްބަސްވުން ސަސްޕެންޑުވާތީ،" މަބުރޫކު ސާފުކޮށްދެއްވި އެވެ.
ނަމަވެސް، އެ ރަށެއް އަނބުރާ ހަވާލުކުރާ ދުވަހުން ފެށިގެން އެ އެއްބަސްވުމަށް އަމަލު ކުރަން ފެށޭނެ ކަމަށާއި، ރަށް ނެގުނު މުއްދަތު އެއްބަސްވުމަށް އިތުރުކުރެވި، އެ މުއްދަތަށް އަރާ ކުލި، ފަހުން ނަމަވެސް، ދައުލަތަށް ލިބޭނެކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރިސޯޓްތަކުގައި ބޭނުން ކުރަމުންދާ ކޮންމެ ކޮޓަރިއަކަށް ދުވާލަކު 750 ރުފިޔާ ސަރުކާރުން ދޭނެ ކަމަށާއި އެއީ އެތަނުގައި ކަރަންޓީން ކުރާ މީހާއަށް ކުރަންޖެހޭ ހަރަދުތަކަށް ހޭދަކުރާ ފައިސާއެއް ކަމަށް މަބުރޫކު ރޭ ވަނީ ވިދާޅުވެފަ އެވެ.
ދިހަ ރިސޯޓެއްގެ 2288 އެނދު ކަރަންޓީން ފެސިލިޓީ ބޭނުން ކުރަން ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިވަގުތު އެކިއެކި ކަރަންޓީނު ފެސިލިޓީތަކުގައި ޖުމްލަ 574 މީހަކު ތިބިކަމަށް މަބުރޫކު މިއަދު ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.