ވިޔަފާރި

ސްރީލަންކާ ފައިސާގެ އަގު ރެކޯޑު އަދަދަކަށް ދަށަށް

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ލިބެމުންދާ ގެއްލުންތަކާއެކު، ސްރީލަންކާ ރުފިޔާ، ރުޕީސްގެ އަގު ރެކޯޑް އަދަދަކަށް މިއަދު ވެއްޓިއްޖެ އެވެ.

ސްރީލަންކާގެ ފައިސާގެ އަގު މި އަހަރު އެވްރެޖްކޮށް އުޅުނީ ޑޮލަރެއް 180 ރުޕީސްގަ އެވެ. ނަމަވެސް މިއަދު އެވްރެޖުކޮށް ޑޮލަރެއް ހުރީ 190.61 ރުޕީސްގަ އެވެ.

ސްރީލަންކާ ރުޕީސްގެ އަގު އެންމެ ފަހުން ދަށަށް ގޮސްފައިވަނީ 2018 ވަނަ އަހަރުގެ ފަހު ކޮޅު އެވެ. އެ ފަހަރު އެ ގައުމުގެ ފައިސާގެ އަގު ޑޮލަރަކަށް ޖެހޭ އަދަދު 180 ރުޕީސް އަށް ވެއްޓުނެވެ.

ދުނިޔޭގެ އިގްތިސާދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ގިނަ ގައުމުތަކުގެ އިގްތިސާދު ވަނީ ދަށްވެފަ އެވެ. ރާއްޖޭގެ އިގްތިސާދު ވެސް ކުރިން ލަފާކުރި ދުވެލި ވަނީ ދަށްވެފަ އެވެ. މި ގެއްލުމުން އަރައި ގަންނަން އައިއެމްއެފާއި ވޯޑް ބޭންކުން ވަނީ އެހީ ދޭނެ ކަމަށް ބުނެފަ އެވެ.