ފޮރިން މިނިސްޓްރީ

ރާއްޖޭގެ ހާލަތު ބޭރު ދުނިޔެއަށް ހާމަކޮށްދީ، އެހީތެރިކަން ހޯދަނީ

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ހާލަތު ބޭރު ދުނިޔެއަށް ހާމަކޮށްދީ، އެހީތެރިކަން ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ފަށައިފި އެވެ.

އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެންދަވަނީ ގައުމުތަކުގެ އިސްވެރިންނާ ގުޅުއްވާ، ކޮވިޑް-19އާ ގުޅިގެން ރާއްޖެއިން އަޅަމުން ގެންދާ ފިޔަވަޅުތަކާއި، ރާއްޖޭގެ ހާލަތު އަދި އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ. އެގޮތުން މިނިސްޓަރު މިހާރު ވަނީ ސްރީލަންކާ، ޕާކިސްތާން، ނޯވޭ އަދި ގެންބިއާގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން މިނިސްޓަރު ޝާހިދު މިއަދު ވަނީ ސްރީލަންކާ އަދި ނޯވޭގެ ފޮރިން މިނިސްޓަރުންނާއެކު ފޯނުން މަޝްވަރާ ކުރައްވާފައެވެ. އަދި ރާއްޖޭގެ ހާލަތު ބަޔާންކޮށްދެއްވާ، އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ލަންކާގެ ފޮރިން މިނިސްޓަރު ވަނީ ސިއްހީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމު ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ލަންކާގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެއަށް ފޮނުވަން ތައްޔާރަށް އޮތް ކަމުގައި ވިދާޅުވިއެވެ.

އިއްޔެ މިނިސްޓަރު ޝާހިދު ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މަގްދޫމް ޝާހް މަހްމޫދު ގުރޭޝީއާއި ފޯނުން ގުޅުއްވައި، ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ދުނިޔޭގައި އަދި ޕާކިސްތާނުގައިވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެބަލިން ރައްކާތެރިވުމަށާއި ބަލި ކޮންޓްރޯކްކުރުމަށް ޕާކިސްތާން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް މިނިސްޓަރު ޝާހިދު ތައުރީފް ކުރެއްވިއެވެ. އަދި ފަތުރުވެރިކަމާއި އިމްޕޯޓަށް ބަރޯސާވެފައިވާ ދިވެހިރާއްޖޭގެ އިގްތިސާދަށް ކޮވިޑް-19 ގެ ސަބަބުން ކުރަމުންދާ އަދި ކުރާނެ އަސަރުތަކާއި ބެހޭ ގޮތުން މިނިސްޓަރު ޝާހިދު ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް މައުލޫމާތު ދެއްވާފައެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތުވެސް ހިއްސާ ކުރެއްވިއެވެ.

މި ދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރިކަމަށާއި، ހާއްސަކޮށް ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ދަރިވަރުންގެ ކަންކަން ބަލަހައްޓަވާ ކަމަށްޓަކައި ޕާކިސްތާނުގެ ސަރުކާރަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިވަގުތު ރާއްޖޭގައި ތިބި ޕާކިސްތާނުގެ ރައްޔިތުންގެ ހާލުވެސް ދިވެހި ސަރުކާރުން ކައިރިން ބަލަމުންދާނެކަމުގެ ޔަގީންކަން ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް ދެއްވާފައެވެ.

ފޯނުން ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ދާދިފަހުން ސާކް ގައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވުނު ވީޑިއޯ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ހުށަހެޅުއްވި ކަންތައްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސަރަހައްދީ ގައުމުތަކުގެ ސިއްހީ އަދި ކުއްލި ހާލަތާއި ބެހޭ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކުގައި މަސައްކަތްކުރުމުގެ އޮނިގަނޑެއް އެކުލަވާލުމުގެ މުހިއްމުކަމާއި، ކޮވިޑް-19ގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމާ ބެހޭ ގޮތުން މިނިސްޓަރު ވާހަކަފުޅު ދެއްކެވިއެވެ.

ސަރުކާރުގެ އެދިވަޑައިގަތުމަށް ޗައިނާއިންވެސް ވަނީ ރާއްޖެއަށް އެހީތެރިވުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. އަދި މިހާރު ރާއްޖެއަށް ފޮނުވަން ހަމަޖެހިފައިވާ ތަކެތި ވަނީ ތައްޔާރުކުރެވިފައި ކަމަށާ ރާއްޖެއަށް އެ ތަކެތި ފޮނުވޭނެ މަގެއް ހޯދަމުންދާ ކަމަށް ޗައިނާ ސަފީރު ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓަރު ގެންދަވަނީ ގައުމުތަކުގެ އެންމެ އިސްވެރިންނާ ގުޅުއްވާ ރާއްޖެއަށް އެހީތެރިކަން ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.