އިންޓަނެޓްގެ އަގުގެ މައްސަލައިގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ މަޖިލީހަށް ހާޒިރު ކުރަން އެދެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ސޮއި ކުރައްވާ، މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މި ދަނޑިވަޅަކީ ގިނަ ރައްޔިތުންތަކެއް ގޭގައި ތިބެގެން ވަޒީފާ އަދާ ކުރަން މަޖުބޫރުގެ ދަރިވަރުންވެސް އެމީހުންގެ އުނގެނުމުގެ ކަންކަން ގޭގައި ކުރަން މަޖުބޫރު ވެފައިވާއިރު މުވާސަލާތީ ހިދުމަތުގެ ތެރެއިން އިންޓަނެޓު ޒަރޫރީ ހިދުމަތަކަށް ވެފައިވާ ކަމަށެވެ.
އެހެންނަމަވެސް ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ފޯރުކޮށްދީފައިނުވާކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ބާރާއި ހިދުމަތުގެ އަގުތައް ކޮންޓްރޯލްކޮށް އެ އަގުތައް ފާސްކުރުމުގެ ބާރު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށް ލިބޭއިރު އެކަމަށް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ.
އެހެންކަމުން، އެ އޮތޯރިޓީގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާ ކުރަމުން ނުދަނީ ކީއްވެތޯ ސާފު ކުރުމަށް އޮތޯރިޓީގެ އިސްވެރިޔާ މަޖިލީހަށް ހާޒިރު ކުރުމަށް ވަނީ އެދިފަ އެވެ.
ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އަށް ގާނުނުގެ 17 ވަނަ މާއްދާގެ (އ) އާއި އެ މާއްދާގެ ދަށުން ހެދިފައިވާ ގަވައިދުގެ 38 ވަނަ މާއްދާއިން، ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ބާރާއި ހިދުމަތުގެ އަގުތައް ކޮންޓްރޯލްކޮަށް އަގުތައް ފާސް ކުރުމުގެ ބާރު ލިބެ އެވެ.
ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، ސަރުކާރުގެ އޮފީސް ތަކުގެ އިތުރުން ބައެއް އަމިއްލަ އޮފީސްތައްވެސް ވަނީ ގޭގައި މަސައްކަތް ކުރާ ގޮތަށް ހަދާފަ އެވެ. މީގެ އިތުރުން، ސްކޫލްތައް ވެސް ބަންދު ކޮށްފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގޭގައި އިންޓަނެޓް ފަދަ ވަސީލަތްތައް ބޭނުން ކޮށް ކިޔެވުމަށް ބާރު އަޅާފަ އެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ސޯޝަލް މީޑިއާގައި ގިނަ ފަރާތްތަކުން ގޮވަމުން އަންނައިރު ބައެއް ކުންފުނިތަކުން ވަނީ ބްރޯޑްބޭންޑް ޕްލޭންތަކުން ހާއްސަ އަގުތަކެއް ކަަނޑައަޅާފަ އެެވެ.