ސްރީލަންކާގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިރޭ ބުނީ ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް މިއަދު 82 ކޯލެއް އައިސްފައިވާ ކަމަށާ އޭގެ ތެރެއިން ގިނަ ކޯލްތަަކަކީ އެކިއެކި މައުލޫމާތު ސާފު ކޮށްދިނުމަށް އެދި އެ ގައުމުގައި ތިބި ދިވެހިން ކުރި ކޯލްތަކެއް ކަމަށެވެ.
އަދި ޒަރޫރީ އެކި ބޭނުންތަކުގައި ތިން ކޯލެއް އައި ކަމަށާ އެ ކޯލްތަކަށް ޖަވާބުދީ އެކަމާއި ގުޅިގެން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ލަންކާއިން ވަނީ ކޮވިޑް19 އިން ރައްކާތެރިވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އެ ގައުމުގެ ބޮޑު ސަރަހައްދަކަށް ވަނީ ކާފިއު އިއުލާނުކޮށްފައެވެ. އެކަމުގެ ސަބަބުން ޒަރޫރީ ބައެއް ބޭނުންތައް ފުއްދުމަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. މިއީ ހަމައެކަނި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދިމާވެފައިވާ ދަތިތަކެއް ނޫން ކަމުން ހުރިހާ ރައްޔިތުންވެސް ކެތްްތެރިކަމާއެކު، ލަންކާ ސަރުކާރުން އަންގާ އެންގުންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އެމަޖަންސީ ހާލަތެއް ދިމާވެއްޖެނަމަ ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ގުޅާ އެ މައުލޫމާތު ހިއްސާ ކުުރުމަށްވެސް ވަނީ އެދިފައެވެ.