ކޮރޯނާވައިރަސް އިން ރައްކާތެރިވެ ހުންނަން ބޭނުންނަމަ އެހެން މީހުންނާ ދުރުހެލި ވެގެން އުޅެން ދަސްކުރަން ޖެހެ އެވެ. ސަބަބަކީ މި ބައްޔަކީ އަދި ފަރުވާއެއް ނެތް ބައްޔަކަށް ވެފައި ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ އެވެ. ދުނިޔޭގެ ހުރިހާ ގައުމެއް ކަހަލަ ގޮތަކަށް މިހާރު ވަނީ މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ބަންދު ކޮށްފަ އެވެ. އަދި އެތައް ބިލިއަން ބަޔަކު ގެއިން ނުނުކުމެ ތިބުމަށް ސިއްހީ މާހިރުން ދަނީ އަންގަމުންނެވެ.
ނަމަވެސް މިޒަމާނުގައި އެންމެން އެހާ ބުރަކޮށް އުޅެން ޖެހިފައިވާއިރު އެހެން މީހުންނާ ދުރުހެލިވެގެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ މިއީ ވަރަށް ގިނަ މީހުންގެ ހިތުގައި އޮންނަ ސުވާލެކެވެ. މިކަމަށްޓަކައި ކުރެވިދާނެ ހަ ކަމެއް އެބައޮތެވެ.
ފުރަތަމަ ކަމަކީ މާރުކޭޓު ފަދަ މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމެވެ. ކޮރޯނާވައިރަސް ހަށިގަނޑުގައި ހުއްޓަސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނި 14 ދުވަހު ވެސް ހުރެދާނެ އެވެ. ވީމާ މީހަކާ ބައްދަލުވާއިރު އެއީ ވައިރަސް ހުރި މީހެއްކަން ނުވަތަ ނޫންކަން ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ. އެއްވެސް މީހަކާ ގާތްކޮށް ނޫޅެން ޖެހެނީ މިހެންވެ އެވެ. ގިނަ މީހުން ދަތުރުކުރާ އެއްޗެހީގައި ދަތުރު ނުކުރުމާއި މީހުން ގިނައިން ވަންނަ ތަންތަނަށް ވިޔަފާރިކުރަން ނުދިއުން ވެސް މިއީ ކޮރޯނާވައިރަސް އިން ރައްކާތެރިވާން ކުރެވިދާނެ ކަންކަމެވެ.
ދެވަނަ ކަމަކީ އޮންލައިންގެ ޚިދުމަތް ހޯދުމެވެ. މި ޒަމާނަކީ ގޭގައި ތިބެ އޯޑަރު ކޮށްލުމުން ގޭ ދޮރާ ހަމަޔަށް އެއްޗެތި ގެނެސްދޭ ޒަމާނެކެވެ. ވީމާ މި ޚިދުމަތުގެ ބޭނުން ހިފައި ވީވަރަކުން ބޭރު ތެރެއަށް ނުނިކުތުން ރަނގަޅެވެ. އަދި އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރި މީހަކާ ބައްދަލުވެފައި ވާނަމަ އެހެން މީހުން ވެސް ތިމާއާ ވެސް ދުރުގައި ހުރުމަށް ބުނާށެވެ. ފަހަރެއްގައި އެމީހާގެ ގައިން ތިމާގެ ގަޔަށް ވައިރަސް އަރާފައި ހުރެދާނެތީ އެވެ.
އޮފީސްތަކުގައި އުޅޭ މީހުންނަށް ގޭގައި މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަކީ ވެސް އެހެން މީހުންނާ ދުރުހެލިކޮށް އުޅުމަށް އެޅިދާނެ ފިޔަވަޅެކެވެ.
ހަތަރު ވަނަ ކަމަކީ ކޮންމެ މީހަކާ ވެސް ހަ ފޫޓު ދުރުގައި ހުރުމެވެ. އެއްވެސް މީހަކާ ވާހަކަ ދައްކަން މާ ކައިރިއަށް ނުޖެހުމެވެ. ގެއިން ބޭރަށް ނުދާނަމަ އެކުގައި މަސައްކަތްކުރާ މީހުންނާއި އެކުވެރިންނާ ދިމާ ނުވެދާނެ އެވެ. ނަމަވެސް ގޭގައި އުޅޭ މީހުންނާ ދުރެއް ނުވާނެ އެވެ. މިފަދަ ވަގުތެއްގައި ގޭގައި އުޅޭ މީހުންނާ ވެސް ވީވަރަކުން ދުރުދުރުން އުޅުން ރަނގަޅެވެ. ސޯޝަލް ޑިސްޓެންސިން އާއި ސެލްފް ކަރަންޓީނު ތަފާތެވެ. ސީދާ ވައިރަސް ޖެހިފައިވާ މީހަކާ އެއްވެސް ވަރަކަށް ކޮންޓެކްޓް ވެފައި ވުމުގެ ފުރުސަތެއް ނެތްނަމަ ކޮންމެހެން ސެލްފް ކަރަންޓީނު ވާކަށް ނުޖެހެ އެވެ. ނަމަވެސް މީހުންނާ ދުރުހެލިވުމުން ފުދޭނެ އެވެ.
މީހުންނާ ބައްދަލުކުރުމަށް މި ދުވަސްވަރު އެންމެ ރަނގަޅީ ވާޗުއަލް ކޮށެވެ. އެއީ ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި މެދުވެރިކޮށެވެ. ވީމާ ސޯޝަލް މީޑިއާގައި ބޭނުން ހިފައިގެން އެހެން މީހުންނާ އޮންނަ ގުޅުން ދަމަހައްޓާށެވެ.
އެންމެ ފަހަށް އޮތީ އެންމެ މުހިއްމު ކަމެވެ. ކިރިޔާވެސް އަރިދަފުސް ރޯގާގެ އަސަރެއް ހުރިނަމަ އަމިއްލައަށް އެހެން މީހުންނާ ދުރުހެލިވެގެން އުޅޭށެވެ. އަދި ގޭގައި އުޅޭ މީހުންނާ ވެސް ވީވަރަކުން ދުރުހެލިވާށެވެ. އެއީ ކޮރޯނާވައިރަހަށް ނުވިޔަސް މި ދުވަސްވަރު އަރިދަފުސް ރޯގާ ޖެހުމުން ވެސް އުފުލަންޖެހޭ ތަކުލީފު އިތުރުވާނެ އެވެ. ސަބަބަކީ ރޯގާގެ އަލާމާތްތައް ވެސް ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭނެތީ އެވެ.
ކޮރޯނާވައިރަސް ކަހަލަ ބައްޔަކަށް އެންމެ ރަނގަޅީ ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. އެހެން ނޫންނަމަ ފަހުން މާ ބޮޑަށް ހިތާމަކުރަން ޖެހިދާނެތީ އެވެ.