ބޭރު ކުޅިވަރު

ޕްރިމިއާ ލީގުގައި އެންމެ މުސާރަ ބޮޑީ ރޫނީ، އަގުއެރޯ، ޔާޔާޓޯރޭ

Sep 10, 2015

އިނގިރެސި ޕްރެމިއާ ލީގުގެ އެންމެ މުސާރަ ބޮޑު ތިން ކުޅުންތެރިންނަކީ މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ވޭންރޫނީ އާއި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއެރޯ އާއި ޔާޔާޓޯރޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އިނގިރޭސި ލީގުގައި އެވްރެޖްކޮށް ކޮންމެ ކުޅުންތެރިއަކަށް ވެސް ހަފުތާއެކު 44000 ޕައުންޑް ލިބޭއިރު އެންމެ މުސާރަބޮޑު ކުޅުންތެރިޔާ ރޫނީ އަށް ހަފުތާއަކު 260،000 ޕައުންޑް ލިބެ އެވެ.

ދެ ވަނަ އަށް އެންމެ މުސާރަ ބޮޑީ އަބުދާބީގެ މަހުޖަނުން ހިންގާ މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވަޑް އަގުއެރޯ އެވެ. އޭނާ އަށް ހަފުތާއަކު 240،000 ޕައުންޑް ލިބޭއިރު ސިޓީ އަށް ކުޅޭ އައިވަރީ ކޯސްޓްގެ ކެޕްޓަން ޓޯރޭ އަށް ވެސް މިއަދަދަށް މުސާރަ ލިބެ އެވެ. ނަމަވެސް އަގުއެރޯ އަށް ފަސް އަހަރުގެ ކޮންޓްރެކްޓެއް ދީފައިވާއިރު ޓޯރޭ ފުރިހަމަ ކުރަމުންދަނީ ތިން އަހަރުގެ ކޮންޓްރެކްޓެކެވެ.

ލިސްޓުގެ ހަތަރުވަނާގައިވަނީ ޗެލްސީގެ އެޑެން ހަޒާޑެވެ. ބެލްޖިއަމްގެ މިޑްފީލްޑަރަށް ހަފުތާއަކު 220،000 ޕައުންޑް ލިބޭއިރު ފަސް ވަނާގައިވަނީ ހަފުތާއަކު 200،000 ޕައުންޑް ލިބޭ ސިޓީ އަށް ކުޅޭ ސްޕޭނުގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ އެވެ.

ލިސްޓުގެ ހަ ވަނާގައިވަނީ އާސެނަލްގެ ޖަރުމަނު މިޑްފީލްޑަރު މެސުޓް އޮޒިލް އެވެ. އޭނާ އަށް ހަފުތާއަކު 190،000 ޕައުންޑް ލިބޭއިރު ހަތް ވަނާގައިވަނީ އަނެއްކާ ވެސް ސިޓީގެ ކުޅުންތެރިއެކެވެ. އެއީ މިދިޔަ ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށް ސިޓީ އަށް ބަދަލުވި އިނގިރޭސި ޒުވާން ކުޅުންތެރިޔާ ރަހީމް ސްޓާލިން އެވެ. އޭނާ އަށް ހަފުތާއަކު ލިބެނީ 180،000 ޕައުންޑެވެ.

ލިސްޓުގެ އަށް ވަނާގައިވަނީ ޗެލްސީގެ ސްޕޭން މިޑްފީލްޑަރު ސެސް ފެބްރިގާސް އެވެ. ނުވަވަނާގައިވަނީ ސިޓީގެ ޑެވިޑް ޑެބްރޫނޭ އެވެ. މި ދެ ކުޅުންތެރިންނަށް ވެސް ލިބެނީ 170،000 ޕައުންޑެވެ. ގަދަ 10ގެ ފަހު ޖާގަ ލިބެނީ ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ އަށެވެ. އޭނާ އަކީ ހަފުތާއަކު 160000 ޕައުންޑް ލިބޭ ކުޅުންތެރިއެކެވެ.