ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މިއީ ގުޅިގެން މަސައްކަތްކުރަން ޖެހޭ ވަގުތު: އިމްރާން

Mar 25, 2020
5

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ އުނދަގޫ ދަނޑިވަޅަކީ ހުރިހާ ފަރުދުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި އިމްރާން މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ ކިތަންމެ ބައިމަދުވެ އެކަނި ހުންނަން ޖެހުނަސް ހައްގު ގޮތުގައި ސާބިތުވެހުރެ ގައުމަށް ހިދުމަތްކުރުމަކީ ޝަހީދު އަލިރަސްގެފާނުގެ ޖިހާދުން އުނގަންނާދޭ އެއް ފިލާވަޅެއް ކަމަށާއި ހަމަ އެހެންމެ ގައުމުގެ ހަމަޖެހުމާއި އަމަންއަމާންކަމާއި ރައްޔިތުންގެ މަސްލަހަތާއި ރައްކާތެރިކަމަކީ ހަމައެކަނި ވެރިކަމުގެ ފަރާތުން ކުރާ މަސައްކަތުން ހާސިލުކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ނުރައްކާތެރި ބަލިމަޑުކަމާ ދެކޮޅަށް ރާއްޖެ އިން ވެސް އުނދަގޫ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ މި ނާޒުކު ދަނޑިވަޅުގައި ސަރުކާރުން ދޭ ލަފަޔާ އެއްގޮތައް އަމަލުކޮށް ނުރައްކާތަކުން މިންޖުވުމަށްޓަކައި މުޖުތަމައުގެ ހުރިހާ ފަރުދުން ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ބައިބައިވުމާއި ފިތުނަފަސާދަ އުފެދޭ ބާވަތުގެ ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ، އާންމު ސިއްހަތަށް ނުރައްކާވެ، އިގްތިސާދީގޮތުން މިރާއްޖެއަށް ތަހައްމަލުކުރަން ދަތި ހާލަތަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އަޅުގަނޑުމެން އެނެމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކުން ދޭ އިރުޝާދަށް ފުރިހަމަޔަށް އަމަލުކުރުން. މި ދަނޑިވަޅަކީ ހަމަ އެންމެ މީހަކު ފަރުދީ ޒިންމާއަށް ފަރުވާކުޑަކުރުމުގެ ސަބަބުން އެތައްބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅި، މުޅި ގައުމަށް އޭގެ ގެއްލުން އިންތިހާއަށް މެދުވެރިވެދާފަދަ ވަގުތެއް," އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު ދިވެހިންގެ ސަލާމަތަށްޓަކައި އާއިލާއާއި ގާތްތިމާގެ މީހުން ދޫކޮށް، ފުރާނަ އަތްމައްޗަށް ލައިގެން ނިކުމެ ގައުމީ ހިދުމަތުގައި އެތައް ދިވެހި ދަރީންނެއް ނިކުމެ އެބަތިބި ކަމަށެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން މުޅި ދުނިޔޭގެ އާންމު ސިއްހަތަށް ބޮޑު ނުރައްކަލަކާ ކުރިމަތިވެފައިވާ ހިނދު، ގައުމީ ޖިހާދުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނާއި ސަލާމަތީ ހިދުމަތްތަކާއި ދަރުމަވެރިންނާއި އެހެންވެސް ފަރާތްތަކުން ވަމުންއަންނަ ގުރުބާނީއަކީ ޝުކުރާއި ތައުރީފު ހައްގު ގުރުބާނީއެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދުއާއަކީ މުޅި އިންސާނިއްޔަތަށް މެދުވެރިވަފައިމިވާ ނުރައްކަލުން އަޅުގަނޑުމެން އެންމެން މިންޖުކުރެއްވުން، މި ހުތޫރަތްތެރި ވަގުތުގައި އަޅުގަނޑުމެން އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އެކިވަރުގެ ގުރުބާނީ ވަމުންދާ އެންމެހާ ފަރާތްތަކަށް އެކަމުގެ ފުރިހަމަ ސަވާބާއި ހެޔޮދަރުމަ ދެއްވުން. އަދި ޝަހީދު އަލިރަސްގެފާނާއި އެ ރަސްގެފާނު ފަދައިން އަޅުގަނޑުމެންގެ ހައްގުގައި ޝަހީދުވެވަޑައިގެންނެވި އެންމެހާ އަބްތާލުންނަށް ސުވަރުގޭގެ މަތިވެރި ނުއުމަތް މިންވަރުކުރެއްވުން," އިމްރާން ވިދާޅުވި އެވެ.