ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެމެރިކާގައި ދެ ޓްރިލިއަން ޑޮލަރުގެ ޕެކޭޖަކަށް އެއްބަސްވެއްޖެ

Mar 25, 2020

ވޮޝިންގްޓަން (މާޗް 25) - އެތައް ދުވަހެއްގެ ހޫނު ބަހުސްތަކާއި މަޝްވަރާތަކަށްފަހު، ދެ ޓްރިލިއަން ޑޮލަރުގެ ތާރީހީ އިގުތިސޯދީ ސްޓިމިއުލަސް ޕެކޭޖަކަށް އެމެރިކާގެ ސަރުކާރާއެކު، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެއްބަސްވެއްޖެ އެވެ.

ދާދި ދެންމެއަކު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި، ސެނެޓުގެ ދެ ޕާޓީގެ މެންބަރުންގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން، ކޮވިޑް-19އާ ގުޅިގެން އެމެރިކާ މިވަގުތު ވެއްޓެމުންދާ އިގުތިސޯދީ ވަޅުގަނޑުން އަރައިގަތުމުގެ އިތުރުން، ސިއްހީ ފަރުވާދޭ މަރުކަޒުތަކަށް ވަރަށް ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ އެވެ.

ކުރިއަށްއޮތް ދުވަސްތަކުގައި އެ އެއްބަސްވުން ގާނޫނަކަށް ހެދުމުގެ މަސައްކަތް ކުރެވޭއިރު، އެ ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށާއި ވަޒީފާ ގެއްލޭ މީހުނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހިމަނައިފަ އެވެ.

އެ ޕެކޭޖާ ގުޅިގެން ސެނެޓުގައި އެންމެ ބޮޑު ދެބަސްވުމެއް ހިނގާފައިވަނީ ބޮޑެތި ކުންފުނިތަކަށާއި އެއާލައިންތަކަށް ދޭން ހިމެނި 500 ބިލިއަން ޑޮލަރުގެ އެހީއާ ގުޅޭގޮތުންނެވެ. އެ ފައިސާ ދޫކުރުމުގައި މަސައްކަތްތެރިންގެ ހައްގުތައް އިތުރަށް ރައްކާތެރިކުރުމުގެ އިތުރުން ހައްގުވެރި ކުންފުނިތަކަށް ލިބޭނެކަން ކަށަވަރުކުރަން އިދިކޮޅު ޑިމޮކްރެޓު ޕާޓީގެ ސެނެޓުގެ ލީޑަރުން ވަކާލާތު ކުރެއްވި އެވެ.

އެ ޕެކޭޖުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، ވަކިވަކި ފަރުދުންނަށާއި އާއިލާތަކަށް މާލީ އިނާޔަތެއްގެ ގޮތުގައި 250 ބިލިއަން ޑޮލަރާއި، ކުދި ވިޔަފާރިތަކަށް ލޯނު އެހީގެ ގޮތުގައި 350 ބިލިއަން ޑޮލަރާއި، ބައްޔާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް 250 ބިލިއަން ޑޮލަރުގެ އިތުރުން ވިޔަފާރިތަކަށް ލޯނު އެހީގެ ގޮތުގައި 500 ބިލިއަން ޑޮލަރެވެ.

އޭގެ އިތުރުން ހޮސްޕިޓަލުތަކަށާއި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސްޓޭޓުތަކުގެ ސަރުކާރުތަކަށް 280 ބިލިއަން ޑޮލަރެވެ.

ކޮވިޑް-19 ފެތުރޭ އާ އެޕިސެންޓަރަކަށް އެމެރިކާ ވެދާނެކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ދީފައިވާއިރު، އެގައުމުގައި މިހާރު 53،000 މީހުނަށް އެ ބަލި ޖެހިފައިވާއިރު، އޭގެ ތެރެއިން 700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.