ރާއްޖޭގެ މިހާރުގެ އިގްތިސޯދީ ހާލަތު ހާމަ ކޮށްދިނުމަށް އިދިކޮޅުން ގޮވާލައިފި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން މުޅި އިންސާނިއްޔަތަށް ނުރައްކާތެރިކަން ބޮޑުވެ، ގައުމުތަކުގެ އިގްތިސޯދު އެފުށް މިފުށަށް ޖެހެމުންދާއިރު ގައުމީ މަސްލަހަތު އިސްކޮށް މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާއިރު ރާއްޖޭގެ މިހާރުގެ އިގްތިސޯދީ ހާލަތު ހާމަ ކޮށްދިނުމަށް ރައީސް ސޯލިހަށް ގޮވާލާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ސަރުކާރުން ތައާރަފު ކޮށްފައިވާ އިކޮނޮމިކް ޕެކޭޖާ ގުޅޭ ގޮތުން ވެސް ގިނަ ސުވާލުތަކެއް އިދިކޮޅުން ވަނީ އުފައްދާފަ އެވެ. އެގޮތުން ސަރުކާރުން އިއުލާނު ކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖުން އާންމު ރައްޔިތުންނަށް ސީދާ އަސަރެއް ނުކުރާ ކަމަށާ ވިޔަފާރިތަކާއި، ދިވެހި އިގްތިސޯދަށް އެ ފައިސާއިން ކުރަން ގަސްތުކޮށްފައިވާ އެއްވެސް ކަމެއްގެ ތަފްސީލް ހާމަ ކޮށްފައި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
"... ހަމަ އެފަދައިން އެ ފައިސާ ހޯދާނެ ގޮތުގެ ތަފްސީލް ނެތުމާއި، ފައިސާ މެނޭޖް ކުރުމުގައި ދެފުށް ފެންނަ ހަރުދަނާ އުސޫލެއް މިހާ ހިސާބަށް އައިއިރު ވެސް ގާއިމުވެފައި ނުވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް."
މީގެ އިތުރުން ދިވެހިންނަށް ބޭނުންވާ ބޭހާ، ކާޑާ، ތަރުކާރީއާ މޭވާ ފަދަ ބާވަތްތައް އެތެރެކުރާ ގައުމުތަކުގެ ބޯޑަރުތައް ބަންދު ކޮށްފައިވާ މިދަނޑިވަޅުގައި އެ ބާވަތްތައް ދަތި ނުވެ ލިބޭނެ ކަމުގެ ޔަގީންކަން ދިނުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
އިދިކޮޅުގެ ބަޔާނުގައި ވަނީ ގައުމީ ބެންކަށް ބޮޑެތި ބުރަތައް އުފުލުމަށް މަޖުބޫރުވާ ހާލަތަށް ސަރުކާރުން ނުފޫޒު ފޯރުވާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ބުނެފައެވެ. އަދި ދުނިޔެ މިހާރު އޮތް ހާލަތުގައި ޑޮލަރު ލިބުން ދަތިވާނަމަ އެކަން ވެސް ސާފު ކޮށްދިނުމަށް ވަނީ އެދިފަ އެވެ.
އަދި ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓް ހައުސް އަދި ސަފާރީތަކުގެ ހިންގުން ހުއްޓިފައިވާއިރު މިއީ ގިނަ ބައެއްގެ ވަޒީފާ ގެއްލުމުގެ ބިރު އޮތް ވަގުތަކަށްވާތީ ޕެންޝަން ފަންޑުން ކުރެވޭނެ ބޭނުން ދެނެގަނެ، އަވަސް ފިޔަވަޅުތަކެެއް އެޅުމަށް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.
އަދި ސަރުކާރުގެ މުވައްޒިފުންނަށް ކުރިއަށް އޮތް ތިން މަސްދުވަހު މުސާރަ ދެވޭނެ ކަމުގެ ޔަގީންކަން ދިނުމަށް ވެސް އިދިކޮޅުން ނެރުނު ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.