ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖޭން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަނީ

Mar 25, 2020

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖޭން އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ދެންމެއަކު ވިދާޅުވެއްޖެ އެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ޗައިނާ އިން ކޮވިޑް-19 ފެތުރެން ފެށި ފަހުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދިވެހި ސަރުކާރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.

އެގޮތުން، އަންނަ ހުކުރު ދުވަހުން ފެށިގެން، ރާއްޖޭން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާކަމަށާއި، އެއާއެކު ބޭރު އެއްވެސް ގައުމަކުން މީހުން ރާއްޖެއަށް އެތެރެނުވެވޭނަކަމަށް ރައީސް ވިދާޅުވި އެވެ.

ބޭރުން މީހުން އެތެރެވުން ހުއްޓުވައި، ރާއްޖެ ލޮކްޑައުން ކުރި ނަމަވެސް، ސަރުކާރު އޮތީ ކުރިމަތިވެދާނެ ހާލަތަކަށް ތައްޔާރަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަދި ދިވެހި ރައްޔިތުންނަށް އަސާސީ އެއްވެސް ކަމަކަށް ދަތިވިޔަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކަރަންޓާ، ފެން އަދި ކާބޯތަކެއްޗާ ޒަރޫރީ ދަތުރުފަތުރުގެ ނިޒާމަށް އެއްވެސް ހުރަހެއް އެޅުނަ ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން، ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ މެދުވެރިކޮށް ކުރިއަށް ގިނަ މަސްތަކަށް ބޭނުންވާ ކާޑުގެ ބާވަތްތައް ގެނެވޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި އާއްމު ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ސިއްހީ ތަޖުރިބާކާރުން ލަފާގެ މަތިން، ހުރިހާ ރައްޔިތުން ގޭގައި މަޑުކުރުމަކީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާކަމެއް ކަމަށެވެ. އެގޮތުން، ސަރުކާރުން ފިޔަވަޅުތައް އަޅަމުންދަނީވެސް ސިއްހީ ތަޖުރިބާކާރުން ލަފަޔާއެކު ކަމަށެވެ.

"މިކަމުގައި އެންމެ އިސް ބަސްވެސް، އަދި އެންމެ ފަހު ބަސް ވެސް ވިދާޅުވާނީ ސިއްހީ ތަޖުރިބާކާރުން. ސަރުކާރުން ހަމައެކަނި ކުރާކަމަކީ އެ ބޭފުޅުން ވިދާޅުވާގޮތަށް ކަންތައްތައް ފަހިކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދު ވަނީ އިތުރު ހަފްތާއަކަށް ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތައް ބަންދުކުރަން ނިންމާފައިވާކަން އިއުލާނުކުރައްވައިފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކު އެ ބަލިން ރަނގަޅުވެފައިވާކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ނަމަވެސް، ރައީސް ސޯލިހު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިތުރު ތިން މީހަކު އެ ބަލިން ރަނގަޅުވެފައިވާކަން އިއުލާނުކުރައްވައިފަ އެވެ.