ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ލޯނުތައް ވެސް ހަ މަސް ދުވަހަށް ފަސް ކޮށްދީފި އެވެ.
ހަމައެކަނި ގެދޮރު އިމާރާތް ކުރަން ލޯނު ދޫކުރާ ކުންފުނި، އެޗްޑީއެފްސީން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ އެ ކުންފުންޏާއި އެ ކުންފުނީގެ އިސްލާމިކް ވިންގް އަމްނާގެ ފަރާތުން ދޫކޮށްފައިވާ ލޯނުތައް ވެސް ފަސް ކޮށްދޭން ނިންމާފައިވާ ކަމަށެވެ.
"މިކަން ކުރުމުގައި އަޅުގަނޑުމެން މެނޭޖު ކުރާ އެހެން ބޭންކްތަކުގެ ލޯނުތައް ވެސް ހިމެނޭނެ. ދަތި ތަކެއް ހުރި ނަމަވެސް މި ފިޔަވަޅު އެޅީ ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން،" އެ އޮފިޝަލް ވިދާޅުވި އެވެ.
އެޗްޑީއެފްސީން ބުނީ ލުއި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތްތައް އެ ކުންފުނިން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.
އެޗްޑީއެފްސީއަކީ ރާއްޖޭގެ ބާޒާރުގައި ހައުސިން އަށް ދޫކޮށްފައިވާ ލޯނުގެ 30 ޕަސެންޓް ކޮންްޓްރޯލް ކުރާ ތަނެވެ. އެ ތަނުން މިހާތަނަށް 1.8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ.
ސަރުކާރުގެ އިގްތިސޯދީ އެހީގެ ޕެކޭޖުގައި ލޯނުތައް ފަސް ކޮށްދޭން ވަނީ ހިމަނާފަ އެވެ. އެގޮތުން މިހާތަނަށް ލޯނު ފަސްކޮށް ދިންކަން އިއުލާނު ކޮށްފައި ވަނީ ބޭންކް ބޭންކް އޮފް މޯލްޑިވްސް އެވެ. އެ ބޭންކުން ވަނީ ހުރިހާ ލޯނެއް ހަ މަހަށް ފަސް ކޮށް ދީފަ އެވެ.