ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ތުރުކީ މީހުންގެ ސެނިޓައިޒާއަކީ ކޯލާވާޓަރު!

ތުރުކީގައި ކޯލާވާޓަރަކީ އެމީހުންގެ ސަގާފަތާ ގުޅިފައިވާ ވަރަށް މުހިއްމު އެއްޗެކެވެ. ބޯކޮށަން ދާ މީހާއަށް ވެސް ބޯކޮށާތަނުން މަރުހަބާ ކިޔާނީ އަތަށް ކޯލާވާޓަރު ކޮޅެއް އަޅައިދީގެންނެވެ. ރެސްޓޯރަންޓަކަށް ކާން ދިޔަސް އަތަށް ކޯލާވާޓަރު ކޮޅެއް ބުރުއްސާލެ ދޭނެ އެވެ. އަދި ބަހެއްގައި ދަތުރެއް ކުރި ނަމަވެސް އެ ބަހަކަށް އަރާ ވަގުތު އެމީހާގެ އަތަށް ކޯލާވާޓަރު ކޮޅެއް ބުރުވާލައި ދޭނެ އެވެ.

މިއީ އެމީހުން މެހެމާންދާރީ އަދާކުރުމުގެ ގޮތުން ކުރާ ކަމެކެވެ. ތާރީޚާއި ސަގާފަތުގެ އެކި އެކި ކަންތައްތަކުން މުއްސަނދިވެފައިވާ އެ ގައުމުގެ މީހުންގެ މި އާދަވެފައި ވަނީ ސާފުތާހިރުވުމަށް ވެސް އެހީތެރިވެދޭ ކަމަކަށެވެ.

މިހާރު އަނެއްކާވެސް ތުރުކީގައި ކޯލާވާޓަރުގެ ޑިމާންޑް ވަނީ ކުރިޔަށް ވުރެ މާ ބޮޑަށް ވެސް އިތުރުވެފަ އެވެ. މިހާރު އެ ގައުމުގެ ކޮންމެ ގެއެއްގެ އައިސްއަލަމާރީގައި ނުވަތަ ކަބަޑުތަކުގައި ކޯލާވާޓަރު ފުޅިތައް ގިނަ އަދަދަކަށް ހުއްޓާ ފެންނާނެ އެވެ. އެއީ އެހެން ގައުމުތަކުގެ މީހުން ކޮރޯނާވައިރަހުން ސަލާމަތްވާން ސެނެޓައިޒާ ބޭނުންކުރާ ގޮތަށް ބޭނުން ކުރުމަށް އެ ގައުމުގެ މީހުން އެއްކުރާ ތަކެއްޗެވެ.

ތުރުކީގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޮޑި ކޮލޯން ނުވަތަ ކޯލާވާޓަރަކީ އެލްކޮހޯލް ވަރަށް ގިނައިން އެކުލެވޭ އެއްޗަކަށް ވާތީ އަތާއި ހަށިގަނޑުގެ އެނޫންވެސް ބައިތަކުގައި ކޯލާވާޓަރު ގިނައިން އުނގުޅުމުން ކޮރޯނާވައިރަހުން ރައްކާތެރިވެވޭނެ އެވެ.

އެހެންވެ މިހާރު އިސްތަންބޫލްގެ ސްޕައިސް މާކެޓްގައި ހުންނަ ކޯލާވާޓަރު ވިއްކާ ފިހާރަތަކުގެ ކައިރީގައި ދިގު ކިޔޫތައް ދަމާލާފައިވާތަން ފެނުން ވަނީ އާންމުވެފަ އެވެ. ތުރުކީއަށް ކޮރޯނާވައިރަސް ލައްވާލުމުގެ މާ ކުރިއްސުރެ އެ ގައުމުގެ މީހުން ކޯލާވާޓަރު ގަނެ އެއްކުރަން ވަނީ ފަށާފަ އެވެ.

މިހާރު އެ ގައުމުގެ ހުރިހާ ފިހާރައަކާއި ފާމަސީއެއްގެ ބޭރުގައި "ކޯލާވާޓަރު ވިކި ހުސްވެއްޖެ" ކަމަށް ލިޔުންތައް ތަތްކޮށްފައި ވެއެވެ. މީހުން ކޯލާވާޓަރު ގަންނަން ދާލެއް ނަ ކަމުންނެވެ. މަގުމަތިން ހިނގާ މީހުންގެ އަތަށް ވެސް ކޯލާވާޓަރު އޮއްސާދޭ މީހުން މިހާރު ވަރަށް ގިނައިން ފެންނައިރު ޓެކްސީއަށް އަރާ މީހުންނަށް ޑްރައިވަރު ވެސް ކޯލާވާޓަރުކޮޅެއް އަތަށް އަޅައިދެ އެވެ.

އެ ގައުމުގެ އިޒްމިޓްގެ އެސޯސިއޭޝަނަކުން މިހާރު ދަނީ ފަގީރުންނަށް ކޯލާވާޓަރާއި ޕާން ހިލޭ ބަހަމުންނެވެ. އެހާވެސް އެ ގައުމުގައި ކޯލާވާޓަރުގެ މުހިއްމުކަން ވަނީ ބޮޑުވެފަ އެވެ.

ޓްރެޑިޝަނަލްކޮށް ކޯލާވާޓަރު އުފައްދާ މީހަކު ފްރާންސް ނޫހަކަށް މައުލޫމާތު ދީފައިވާ ގޮތުގައި މިހާރު އޭނާއަށް ދުވާލަކު އެތައް ހާސް ފުޅިއެއްގެ އޯޑަރު ލިބެ އެވެ. އެހެންވެ ސިއްހަތަށް ފައިދާކުރާ ގޮތަށް ކޮލިޓީކޮށް އެ ތަކެތި އުފައްދަން ބޭނުންވާތީ މިހާރު އޭނާ ވަނީ ވަގުތީ ގޮތުން އޮންލައިން އޯޑަރުތައް ނެގުން ހުއްޓާލާފަ އެވެ.

ތުރުކީ މީހުން ސެނިޓައިޒާއެއްގެ ގޮތުގައި ކޯލާވާޓަރު ބޭނުން ކުރަން ފެށީ ސެނިޓައިޒާ ނުލިބޭ ހާލަތުގައި ކޯލާވާޓަރު ބޭނުން ކުރުމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު އެ ކަމަށް އިލްތިމާސް ކުރެއްވުމާ ގުޅިގެން ވެސް މެއެވެ.

ކޯލާވާޓަރު ބޭނުންކުރާ މީހަކު ބުނީ ކުރިޔަށް ވުރެ ތިން ގުނަ އިތުރަށް މިހާރު އެނާ ކޯލާވާޓަރު އުނގުޅާ ކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ސެނިޓައިޒާ އަށް ވުރެ ވެސް ކޮރޯނާވައިރަސް ނައްތާލަސް ކޯލާވާޓަރު މާ ފައިދާ ބޮޑުވާނެ އެވެ.

ސެނިޓައިޒާ އާއި ކޯލާވާޓަރުގެ ޑިމާންޑް ބޮޑުވެ މި ތަކެތީގެ ފޭކް ހައްދާ މީހުންގެ މައްސަލަތައް ވެސް ތުރުކީގައި ވަނީ އިތުރުވެފަ އެވެ. އަދި ޕޮލިހުން ދަނީ ފޭކް އުފެއްދުންތައް ތައްޔާރުކުރާ ފެކްޓްރީތަކަށް ވަދެ އެ މަސައްކަތް ހުއްޓުވައި އެ މީހުން ހައްޔަރު ކުރަމުންނެވެ.

ތުރުކީގެ ރައީސް މިދިޔަ ހަފުތާގައި ވިދާޅުވެފައިވަނީ އެ ގައުމުގައި ތިބި 65 އަހަރުން މަތީގެ އެންމެންނަށް ފޭސް މާސްކާއި ކޯލާވާޓަރު ސަރުކާރުން ހިލޭ ދެއްވާނެ އެވެ.

ތުރުކީގައި މިހާތަނަށް 1،529 މީހުންނަށް ކޮވިޑް-19 ޖެހި 37 މީހުން އެ ބަލީގައި މަރުވެފައި ވެއެވެ.

ކޯލާވާޓަރަކީ ހަގީގަތުގައި ވެސް ރަނގަޅު ސެނިޓައިޒާއެއް ހެއްޔެވެ؟ ސައިންސް މިކަމާ މެދު ބުނަނީ ކީކޭ ހެއްޔެވެ؟ ޓާކިޝް ސޮސައިޓީ އޮފް ކްލިނިކަލް މައިކްރޮބައޮލޮޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ ބޯޑު މެމްބަރު ޕްރޮފެސާ ބުލަންޓް އެރްޓެގުލް ވިދާޅުވީ އަލްކޮހޯލުން ކޮރޯނާވައިރަހުގެ ބޭރު ދުލި ހަލާކުކޮށްލެވޭނެ ކަމަށެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ބޭރަށް ނުކުމެފައި ގެޔަށް ވަންނަ ކޮންމެ ފަހަރަކު ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ފެނާއި ސައިބޯނި ލިބެން ނެތް ވަގުތު ތަކުގައި 60 ޕަސެންޓް އަލްކޮހޯލް ހުންނަ ސެނިޓައިޒާ ބޭނުން ކުރުން ރަނގަޅުވާނެ ކަމަށް އޭނާ އިރުޝާދު ދެއްވި އެވެ. ކޮލޯން ނުވަތަ ކޯލާވާޓަރު މި ކެޓަގަރީއަށް ވަރަށް ރަނގަޅަށް ފެތެ އެވެ. ސަބަބަކީ ކޮލޯންގައި 70 ޕަސެންޓް އަލްކޮހޯލް އެކުލެވޭތީ އެވެ. އެހެންވެ ކޮވިޑް-19 އަށް ރަނގަޅު ހޭންޑް ސެނިޓައިޒާ އަކަށް ކޯލާވާޓަރު ވާކަމަށް އޭނާ ވިދާޅުވި އެވެ.