ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ސަރުކާރުގެ ފައިސާ ލިބުން ލަސްވެ ޝަކުވާ ފުނިޖެހިއްޖެ

Mar 26, 2020
9

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރު ބަންދުކޮށްފައިވުމާއެކު، ލިބެން ޖެހޭ ޕޭމަންޓްތައް ނުލިބި ލަސްވަމުންދާތީ ވިޔަފާރިވެރިންނާއި އަމިއްލަ ފަރާތްތަކުން ޝަކުވާ ކުރަން ފަށައިފި އެވެ.

އަވަސް އަށް ވާހަކަ ދެއްކި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ވަނީ ސަރުކާރުގެ ސިސްޓަމްގެ ތެރެ އިން އިންވޮއިސްތައް ޕްރޮސެސް ވުން ލަސްވުމުން ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ބުނެފަ އެވެ. އަދި އެކަމުގެ ސަބަބުން އެ މީހުންގެ ހަރަދުތައްކުރުން ދަތިވަމުންދާ ކަމަށް ބުނެފަ އެވެ.

ކުދި ވިޔަފާރިތަކަށް މީ ބޮޑު ދައްޗެއް

ރާއްޖޭގައި އިލެކްޓްރޯނިކް ސާމާނު ވިއްކާ މެދު ފަންތީގެ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި ދެ ހަފުތާ އަށް ސަރުކާރު ބަންދު ކުރިނަމަވެސް ބޭނުންވާ ބައެއް ހިދުމަތް ނުލިބުމަކީ މައްސަލައެއް ކަމަށެވެ.

"މިހާރު ފިހާރަ އަކުން ވިޔަފާރިއެއް ނުކުރެ. އެހެންވީމަ މި ވަގުތު ފައިސާ ލިބޭނެ ހަމައެކަނި ގޮތަކަށް މި އޮތީ ސަރުކާރުގައި ހުރި ޕޭމަންޓްތައް ލިބުން.، އެކަމަކު އެ ނުލިބި ލަސްވާނަމަ ވަރަށް ދަތިވާނެ. މިހާރު މައްސަލައަކީ އިންވޮއިސްތައް ޕްރޮސެސްވުން ލަސް ވުން،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި އެ ޖަމިއްޔާ އަށް ރަށްރަށުން ވެސް މި ޝަކުވާ ލިބެމުން އަންނަ ކަމަށާ، މި ފައިސާ ލިބުން އަވަސް ކޮށްގެން ނޫން ގޮތަކަށް އާއްމު ދިރިއުޅުން ރަނގަޅު ނުވާނެ ކަމަށެވެ.

"މީގައި މި އުޅެނީ ސިވިލް ސާވިސްގެ ސްލޯކަމުގެ މައްސަލައެއް. ސިވިލް ސާވިސްގެ މުވައްޒަފުންގެ މޭޒުމަތީގައި ބިލްތައް ބަހައްޓައިގެން ތިއްބަ ބަންދުވީ. އެ ބިލްތައް ފޮނުވާން ޖެހޭ ތަންތަނަށް ބިލްތައް ފޮނުވީމަ ފައިސާ ލިބޭނީ އެހެންނޫނީ ބިލް ތަކަށް ފައިސާ ލިބޭނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެ،" ޖަމިއްޔާއެއްގެ އިސްވެރިއަކު ވިދާޅުވި އެވެ.

ސަރުކާރުގެ އޮފީހެއްގެ ފާހާނާއެއްގެ މަސައްކަތެއް ކޮށްފައިވާ މީހަކު ބުނި ގޮތުގައި އޭނާ އަށް މާބޮޑު އެއްޗެއް ދޭން ސަރުކާރުން ނުޖެހޭ ކަމަށާ، ނަމަވެސް އެ ފައިސާކޮޅު ވެސް ނުލިބޭ ކަމަށެވެ.

"ގާތްގަނޑަކަށް 12،000ރ. މި ދޭން ޖެހެނީ. އެ ވަރުގެ ޕޭމަންޓްތައް ވެސް ނުދީގެން މި އުޅެނީ. މިއީ މަދު އަދަދެއް. އެކަމަކު މިހާރަށް ބޮޑު އެއްޗެއް މިވެސް،" ނަން ނުޖެހުމަށް ޝަތުރުކޮށް ބުންޏެވެ.

ބައެއް ކުންފުނި ތަކުން ސަރުކާރުގެ އޮފީސް ތަކަށް އެކި ހިދުމަތްތައް ދީފައިވަނީ އެއްތަށް ލައްކަ ޑޮލަރެއްގެ ކްރެޑިޓަށް ބޭރުން ލޯނާއި ފައިސާ ހޯދައިގެންނެވެ.

މިގޮތަށް ބޭރުން ކްރެޑިޓަށް މުދާ ގެނެސް ސަރުކާރުގެ އޮފީހަކަށް ހިދުމަތް ދީފައިވާ ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި ފައިސާ ނުލިބިގެން ބޭރުގެ ސަޕްލަޔަރު ގުޅަމުންދާ ކަމަށާ، ޕޭމަންޓްތައް ލަސްވުމުގެ ސަބަބުން ބޭރުގެ ސަޕްލަޔާ ދެމެދު އޮންނަ އިތުބާރަށް ބުރޫ އަރަމުންދާ ކަމަށެވެ.

"ވަރަށް ދެރަކަމެއް މިއީ. މިކަމުން ވިޔަފާރި ތަކަށް ބޮޑު ގެއްލުމެއް ވާނެ. މި ކަހަލަ ހާލަތެއްގައި ސަރުކާރު ބަންދު ކުރަން ޖެހޭ. އެކަމަކު ހިދުމަތް އެބަ ލިބެން ޖެހޭ ކޮންމެވެސް ގޮތަކަށް. ބޭންކްތައް ހުޅުވިނަމަވެސް އިންވޮއިސް ޕްރޮސެސް ކުރަން ޖެހޭ ތަންތަނުން ޕްރޮސެސް ނުވާނަމަ ފައިސާ ލިބޭނެ ގޮތެއް ނޯންނާނެ،" ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

އިންޑިވިޖުއަލް އާޓިސްޓުންގެ ޝަކުވާ ވެސް ބޮޑު

އިވެންޓުތަކާއި މިއުޒިކް ކުޅުން ފަދަ ހިދުމަތްތައް ސަރުކާރަށް ދީފައިވާ ގިނަ ބަޔަކު ވެސް ޕޭމަންޓް ނުލިބުމުގެ ޝަކުވާ ދަނީ ކުރަމުންނެވެ.

"އަޅުގަނޑުމެންގެ މެއިން އިންކަމްއަކީ ރިސޯޓު. އެ ތަންތަން މިވަނީ ހުއްޓިފަ. އެހެންވީމަ ސަރުކާރަށް ދީފައިވާ ހިދުމަތަކަށް ޕޭމަންޓް ނުލިބުމުން މި ކަހަލަ ވަގުތެއްގައި ވަރަށް ދަތިވޭ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ފިނޭންސުން ބުނަނީ ޕްރޮސެސް ވާނެ ކަމަށް

ސަރުކާރަށް އަމިއްލަ ފަރާތް ތަކުން ދީފައިވާ ހިދުމަތް ތަކަށް ޕޭމަންޓް ލަސްވާ މައްސަަލާގައި، ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މުހައްމަދު ޝަނޫން ވިދާޅުވީ ފިނޭންސް މިނިސްޓްރީން ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިން ވޮއިސްތައް ޕްރޮސެސް ކުރަމުންދާ ކަމަށެވެ.

"ސަރުކާރު ބަންދު ކުރިނަމަވެސް، ފިނޭންސުގެ މަސައްކަތް ކުރަމުން ދާނެ. ޕޭމަންޓުގެ ކަންކަމުގައި އެއް ވެސް ދައްޗެއް ނޯނާނެ،" ޝަނޫން ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީ ދަށްވާނެތީ ސަރުކާރުން ވަނީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ހަރަދު ކުޑަކޮށް އެއް މިލިއަން ރުފިޔާ ސަލާމަތް ކުރަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މުސާރައިން 20 ޕަސެންޓް އުނިކޮށްފައިވެ އެވެ. އަދި މި ފިޔަވަޅު މިނިވަން މުވައްސަސާތަކަށް އަޅަންވެސް ވަނީ އަންގާފަ އެވެ.