ބޭރު ކުޅިވަރު

ރޫނީ އަށް ގައުމީ ޓީމްގައި 70 ގޯލު ޖެހިދާނެ: ލިނެކާ

Sep 10, 2015

އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމަށް ކެޕްޓަން ވޭން ރޫނީ އަށް 60 ނުވަތަ 70 ގޯލު ޖެހިދާނެ ކަމަށް ކުރީގެ ކެޕްޓަން ގެރީ ލިނެކާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔޫރޯ ކޮލިފައިންގައި ރޭ ސްވިޒަލޭންޑް ކޮޅަށް ޖެހި ގޯލާއެކު ގައުމީ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ކުޅުންތެރިޔާގެ ރެކޯޑް ރޫނީ ރޭ މުގުރާލުމުންނެވެ. މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 107 މެޗުގައި ރޫނީ ޖަހާފައިވަނީ 50 ގޯލެވެ. މީގެ 45 އަހަރުކުރިން ފެށިގެން މި ރެކޯޑް އޮންނަ ބޮބީ ޗާލްޓަން ޖަހާފައިވަނީ 49 ގޯލެވެ. މި ދެ ކުޅުންތެރިންގެ ފަހަތުން ގައުމީ ޓީމަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ލިނެކޭ އެވެ. ގައުމީ ޓީމަށް ކުޅުނު 80 މެޗުގައި އޭނާ ވަނީ 48 ގޯލު ޖަހާފަ އެވެ.

"މިއީ ވަރަށް ފުރިހަމަ ރެކޯޑެއް. އޭނާގެ ފިޓްނަސް ހިފަހައްޓައިފިއްޔާ ރޫނީ އަށް ޖެހިދާނެ 60 ނުވަތަ 70 ގޯލު. އެއީ އޭނާ އަށް 30 އަހަރު ނުވޭ،" ރޫނީ އަށް ތައުރީފް ކުރަމުން ލިނެކާ ބުންޏެވެ.

އޭނާ އަދި ބުނީ ރޫނީގެ ރެކޯޑް މުގުރާލަން އެހެން ކުޅުންތެރިއަކު ވަރަށް ގިނަ ދުވަސް ބޭނުންވާނެ ކަމަށެވެ. އަދި ގަވާއިދުން ގައުމީ ޓީމަށް ކުޅެގެން ނޫނީ އެހެން ކުޅުންތެރިއަކަށް މި ރެކޯޑް މުގުރާނުލެވޭނެ ކަމަށެވެ.

ލިނެކާ ބުނީ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ހުރި ޗާލްޓަން އަކީ މޮޅު މިޑްފީލްޑަރެއް ކަމަށާއި ނަމަވެސް އޭނާ ރެކޯޑް ހެދީ ގޯލުޖެހުމުގައި އާދަޔާ ހިލާފު ހުނަރާއި ތޫނުފިލިކަން ލިބިފައި ހުރުމުން ކަމަށެވެ.

އަދި އިނގިރޭސިވިލާތުގައި މޮޅު ފޯވަޑުން އުފެދިފައިވާ ކަމަށާއި އެއިން ކޮންމެ ފޯވަޑަކީ ވެސް މޮޅު މީހެއް ކަމަށެވެ.

"ނަމަވެސް ރޫނީ އަކީ ހުރިހާ ގޮތަކުން ވެސް މޮޅު މީހެއް. އޭނާ އަކީ ވަރަށް ގިނަ ޕޮޒިޝަންތަކަށް ކުޅޭ މީހެއް. ބައެއް ފަހަރު މިޑްފީލްޑަށް ވެސް ކުޅޭ. އެންމެ ކުރިއަށް ވެސް ކުޅޭ. އެހެންވީމަ އޭނާ އަކީ ވަރަށް ފުރިހަމަ ކުޅުންތެރިއެއް،" ލިނެކާ ބުންޏެވެ.