ސަލަފް ޖަމިއްޔާ

ސަލަފުން ލޭ ހަދިޔާކޮށްފި

ރައްޔިތުންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ އެ ޖަމިއްޔާ ކަމަށްވާ ޖަމިއްޔަތުއް ސަލަފުގެ އިލްމުވެރިންނާ، އާންމު މެންބަރުން ލޭ ހަދިޔާ ކުރުމުގެ ހާއްސަ ޕްރަގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

އެ ޖަމިއްޔާއިން މިފަދަ ޕްރަގްރާމެއް ކުރިއަށް ގެންގޮސްފައިވަނީ މިދުވަސްވަރު ތެލެސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ދަތިތަކެއް ދިމާވެ އާންމުންގެ އެހީތެރިކަމަށް އެދިފައިވަނިކޮށެވެ.

އަވަސްއާ ވާހަކަދައްކަވަމުން ސަލަފްގެ އޮޕަރޭޝަން މެނޭޖަރު އަލީ ރަމީޒް ވިދާޅުވީ ސަލަފް އެއިޑްގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ޕްރަގްރާމަކީ ލޭ ހޯދުމަށް ދަތިވެ އެހީތެރިކަމަށް އެދުމުން އެކަމަށް އިޖާބަ ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރަގްރާމެއް ކަމަށެވެ.

އެގޮތުން ސަލަފްގެ އިލްމުވެރިންނާއި، އާންމު މެންބަރުން އަދި ސަލަފް އެއިޑް ހަރަކާތްތަކުގައި ހަރަކާތްތެރިވާ ވޮލަންޓިއަރުންވެސް މިއަދު ވަނީ ލޭ ހަދިޔާ ކޮށްފައެވެ.

އަލީ ވިދާޅުވީ ކުރިއަށް އޮތްތާވެސް ދީނީ، އިޖްތިމާއީ މިފަދަ ކޮންމެ ކަމެއްގައި ސަލަފް އެއިޑްގެ އެހީތެރިކަން ފޯރުކޮށްދެވެން އޮތް އެންމެ މަތީ ދަރަޖައެއްގައި ފޯރުކޮށްދޭނެ ކަމަށެވެ.

ސަލަފް އެއިޑްގެ ފުރަތަމަ ހަރަކާތަކީ ކުރީ ސަރުކާރުގެ ދުވަސްވަރު ކުރިމަތިވި ފެނުގެ ކާރިސާއާއި ގުޅިގެން ސިފައިންނާ ފުލުހުންނަށް އެހީތެރިވުމަށް އެއާޕޯޓްގައި ކުރެވުނު މަސައްކަތެވެ. އެގޮތުން ރާއްޖެއިން ބޭރުން ގެނައި ފެން އާންމުންނާ ހަމައަށް ގެނެސްދިނުމަށް ކަމާބެހޭ އިދާރާތަކާއެކު ސަލަފް އެއިޑްގެ ވޮލަންޓިއަރުން ވަނީ ހަރަކާތްތެރިވެފައެވެ.

މީގެ އިތުރުން އެހީތެރިކަމަށް ބޭނުންވާ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުމާއި، ރޯދަ ވީއްލޭނެ އިންތިޒާމްވެސް ސަލަފް އެއިޑުން ހަމަޖައްސައިދީފައިވެއެވެ.

ދިވެހިންގެ ދީނީ ހޭލުންތެރިންކަން އިތުރުކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއަކީ ސަލަފެވެ. ސަލަފުން ގެންދަނީ ކޮންމެ ހަފްތާއަކު މާލޭގެ މިސްކިތްތަކުގައި ދަރުސް ދިނުމާއި، އަތޮޅުތެރޭގެ ރަށްތަކަށް ޒިޔާރަތްކޮށް ދަރުސްދީ، ވޯކްޝޮޕްތައް ބާއްވާ ދީނުގެ ސައްހަ މައުލޫމާތު ރައްޔިތުންނަށް ބުނެދިނުމަށް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ކޮންމެ ހަފްތާއަކު ޓީވީ އަދި ރޭޑިއޯ ޕްރަގްރާމްތަކާއި، އޮންލައިން ޕްރަގްރާމްތައްވެސް އެ ޖަމިއްޔާއިން ގެނެސްދެއެވެ.