ފީނުން

ތިލަމާލެ ބްރިޖް އަޅާ ސަރަހައްދަށް ޑައިވްކުރުމާ މޫދަށް އެރުން މަނާކޮށްފި

ތިލަމާލެ ބްރިޖުގެ އިންވެސްޓިގޭޝަން މަސައްކަތްތަކަށް ބޯހޯލް ތޮރުފުމުގެ މަސައްކަތް ފެށިފައިވާތީ އެ ސަރަހައްދަށް ޑައިވްކުރުމާ މޫދަށް އެރުން މަނާކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ގްރޭޓާ މާލެ ކަނެކްޓިވިޓީ - މާލެ ތިލަފުށި ލިންކް މަޝްރޫއުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތަކަށް މާލެއާ ވިލިނގިލިއާ ދެމެދު ކަނޑުގެ ސަރަހައްދުގައާ ވިލިނގިލި ދެކުނު ފަރުމަތީގައި ބޯހޯލް ތޮރުފުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މަސައްކަތް ކުރިއަށް ގެންދާއިރު ޕްލެޓްފޯމް ވަށައިގެން 100 މީޓަރު ސަރަހައްދަކީ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ނުރައްކާތެރި ސަރަހައްދެއް ކަމަށާ އެހެން ކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިއަދުން ފެށިގެން މި މަސައްކަތް ނިމެންދެން އެކަމަށް ސަމާލުކަން ދީގެން ދަތުރުތައް ކުރުމަށް ވަނީ އަންގާފައެވެ.

އަދި މި ސަރަހައްދުގައި ޑައިވްކުރުމާއި މޫދަށް އެރި އުޅުމަކީ ރައްކާތެެރި ކަމަށް ނުވާތީ މިއަދުން ފެށިގެން މަސައްކަތް ނިމެންދެން އެ ސަރަހައްދަށް ޑައިވްކުރުމާއި މޫދަށް އެރި އުޅުމަކީ މަނާކަމެއް ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަސައްކަތުގެ ތެރެއިން ކަނޑުގެ 23 ތަނެއްގައި ބޯހޯލް އަޅާނެ އެވެ. އަދި އެއްގަމުގެ ފަސް ސަރަހައްދެއްގައި 75 މީޓަރު ފުން މިނަށް އެ މަސައްކަތް ކުރާނެ އެވެ. ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ ސާވޭގެ މަސައްކަތް މާލޭގެ ދެ ސަރަހައްދެއްގައި ކުރިޔަށް ދާނެ ކަމަށާއި މާލެ އާއި ވިލިނގިލި ގުޅިފަޅު ތިލަފުށީ ހިމެނޭ ގޮތައް އިތުރު ބޯހޯލްތަކެއް ތޮރުފާނެ ކަމަށެވެ. އަދި ލޭންޑް ސާވޭތަކެއް މާލެ ގުޅިފަޅު އަދި ތިލަފުށީގައި ކުރިޔަށް ދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.