ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭ އަށް ފްލައިޓްތައް ހުއްޓާލައި ވަގުތީ "ތަޅެއް"

ރާއްޖޭ ގަޑިން މިރޭ 12:00 ޖެހުމާ ހަމައިން ފެށިގެން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ކުރާ ޝެޑިއުލް ފްލައިޓްތައް ހުއްޓުމަކަށް އައިސް މައި ގޭޓުގައި ވަގުތީ "ތަޅެއް" އެޅުވިއްޖެ އެވެ.

ކޮވިޑް-19 ބަލާއާފާތް ރައްޔިތުންގެ ތެރޭގައި ފެތުރުމުގެ ބިރު އޮތުމާއެކު ސަރުކާރުން ވަނީ ރާއްޖެއަށް އޮން އެރެއިވަލްސް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. މި ނިންމުމާއެކު ވީއައިއޭގައި އިން މިހާރުން ފެށިގެން ދެން އުދުއްސާނީ ހާއްސަ ހުއްދައެއްގެ ދަށުން އަންނަ ފްލައިޓްތަކެވެ. އަދި ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ޗާޓަރު ކުރާ ފްލައިޓު ތަކެވެ.

މި ބަދަލާއެކު، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންގެ ވަޒީފާގެ ގަޑި ވެސް އެ ކުންފުިން ވަނީ ބަދަލު ގެނެސްފަ އެވެ. އަދި ކޮވިޑް-19 ދުނިޔޭގައި ފެތުރެން ފެށުމާއެކު ދިގު މުއްދަތުގައި ބޭސްކާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އިނާޔަތްތަކެއް އެ ކުންފުނިން ވަނީ ދީފަ އެވެ.

"މުވައްޒަފުންގެ ޑިއުޓީ ގަޑި އޮންނާނީ ހެނދުނު 9 އަކުން 1 ޖަހަންދެން ކުޑަކޮށްލާފަ. މިރޭ އެއާޕޯޓް ބަންދު ކުރިނަމަވެސް އޮޕަރޭޝަނަލް ޓީމް ޑިއުޓީގައި ހަރަކާތްތެރިވަމުން ގެން ދާނެ،" އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖޭގެ މައި އެއާޕޯޓުގެ އޮޕަރޭޝަން މި ވަރަށް ހުއްޓާލަނީ މަދު ފަހަރެއްގަ އެވެ. ކުރިން އާއްމު ގޮތެއްގައި އެއާޕޯޓް ބަންދު ކުރަނީ ރަންވޭގެ މަސައްކަތްތަކެއް ކުރަން ދަންވަރުގެ ވަގުތު ތަކުގަ އެވެ. ވީއައިއޭ ވަގުތީ ގޮތުން ބަންދު ކޮށްގައި މިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަންނަ ފްލައިޓްތައް މަދުވުމާ އެކުގަ އެވެ. މި އެއާޕޯޓަށް ކުރިން 50 އަކަށް ފްލައިޓް ޖައްސަމުން ދިޔަ ނަމަވެސް މިހާރު ދުވާލަކު ޖައްސަނީ 10 ވަރަކަށް ފްލައިޓެވެ.