ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މީރާ

ޓެކްސް ދެއްކުމުގައި ލުއިތަކެއް ދީފި

ޓެކްސް ދެއްކުމުގައި ލުއިތަކެއް ދިނުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފި އެވެ.

މީރާއިން މިއަދު ބުނީ ކޮވިޑް-19އާ ގުޅިގެން އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައިވާތީ ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޓެކުހާއި އެހެނިހެން ފައިސާ ނުދެއްކިވާ ފަރާތްތަކަށް، އެ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދެއްކުމަށް އިތުރު ލުއިފަސޭހަތަކެއް ހަމަޖައްސައިފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް ހަމަޖައްސައިދީފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ތިން މަސްދުވަހުގެ މުއްދަތަށް ފަސްކޮށްދީފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކުމަށް އިންސްޓޯލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓެއް އޮތް ނަމަވެސް، އެ އިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަންޓަކަށް އެދިއްޖެ ހިނދެއްގައި އެ ފުރުސަތު ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ދިނުމަށް ވަނީ ނިންމާފައިވާ ކަމަށް ޓެކްސް އިދާރާއިން ވަނީ ބުނެފައެވެ. މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަދި ޑިސެންބަރު، 1 2019، އިން ފެށިގެން ފެބުރުވަރީ، 29 2020 އަށް، ހާއްސަ އިނާޔަތެއްގެ ގޮތުން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް ހަމަޖައްސަމުންދިޔަ ލުއިތަކާ އެކު އިންސްޓޯލްމަންޓް ތަކަކަށް ބަހައިލައިގެން ފައިސާ ދެއްކުމުގެ ފުރުސަތުވެސް އިތުރު ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

ކޮވިޑް19 އާ ގުޅިގެން ހުރިހާ ގައުމުތަކުންވެސް ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި އިގްތިސާދަށް ކޮށްފާނެ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށް ވިޔަފާރިތަކާއި އާންމުންނަށް ލުއި ގޮތްތަކެއް ދަނީ ހަމަޖައްސައިދެމުންނެވެ. ރާއްޖޭގައި މިފަދަ ފިޔަވަޅުތައް ސަރުކާރުން ދަނީ އަަޅަމުންނެވެ.