ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓެކުހުގެ ސުންގަޑި ފަސް ކުރުމުން އާމްދަނީއަށް އިތުރުވުމެއް

ކޮވިޑް-19 އާ ގުޅިގެން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޓެކުހުގެ ސުންގަޑިތައް މިދިޔަ މަހަށް ފަސްކޮށް ދިނުމާއެކު، މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 97.6 ޕަސެންޓް އިތުރު ވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު ލިބުނު އާމްދަނީ 97.6 ޕަސެންޓް އިތުރުވެފަ އެވެ. މީރާ އިން ބުނި ގޮތުގައި މި އަހަރު އޮގަސްޓް މަހު 1.71 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފަ އެވެ. މިދިޔަ އަހަރު ލިބުނީ 862 މިލިއަން ރުފިޔާ އެވެ.

މި ބަދަލު އައިސްފައިވަނީ މީރާ އިން ބުނި ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ބޭންކް ޕްރޮފިޓް ޓެކުހާއި މި އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީއެސްޓީ މިދިޔަ އަހަރުގެ ބީޕީޓީ ފައިނަލް ޕޭމަންޓް އަދި މި އަހަރުގެ އިންކަމް ޓެކްސް ފުރަތަމަ އިންޓަރިމް ޕޭމަންޓް މިދިޔަ މަހަށް ވަނީ ފަސްކޮށް ދިނުމުންނެވެ.

މީރާ އިން ބުނީ މި ސުންގަޑިތަކަކީ މިދިޔަ އަހަރު ކުރީ މަސްތަކުގައި އައިސްފައިވާ ސުންގަޑިތަކަށް ވުމުން، މިދިޔަ އަހަރުގެ އޮގަސްޓު މަހު މި ސުންގަޑިތަކުގެ ފައިސާ ބަލައިގަނެފައިނުވުމުން، މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅައިބަލައި މި އަހަރުގެ އޮގަސްޓް މަހުގެ އާމްދަނީ އިތުރުވެފައިވަނީ އެވެ.

"މީގެ އިތުރުން، ލީސް ޕީރިއަޑް 99 އަހަރަށް އިތުރުކުރުމަށްޓަކައި ދައްކަންޖެހޭ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ވެސް މި މުއްދަތުގެ ތެރޭގައި ލިބިފައިވުމަކީ ވެސް މިދިޔަ އަހަރާއި އަޅައިބަލާއިރު މި އަހަރުގެ އޮގަސްޓު މަހުގެ އާމްދަނީ އިތުރުވެފައިވާ ސަބަބެއް،" މީރާއިން ބުނެފައިވެ އެވެ.

ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ މަހުގައި މީރާ އަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަރުދުންގެ އާމްދަނީން ނަގާ ޓެކުހެވެ. އެއީ 46.0 ޕަސެންޓް ނުވަތަ 783.76 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީ އިންނެވެ. އެއީ 27.8 ޕަސެންތް ނުވަތަ 474.57 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން، ޖީއެސްޓީގެ ގޮތުގައި 293.91 މިލިއަން ރުފިޔާ (17.2 ޕަސެންޓް) ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.93 މިލިއަން ރުފިޔާ (4.5 ޕަސެންޓް) ހިއްސާ ކުރެ އެވެ. އަދި ރެސިޑެންޝަލް ޕާމިޓްގެ ގޮތުގައި 21.49 މިލިއަން ރުފިޔާ (1.3 ޕަސެންޓް) ހިމެނެ އެވެ. އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 54.96 މިލިއަން ރުފިޔާ (3.2 ޕަސެންޓް) ހިމެނެ އެވެ.

މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 21.67 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޓެކުހުގެ ސުންގަޑި އަށް އައި ބަދަލާއެކު އާމްދަނީ އިތުރުވި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހީނަރުވެފައިވާތީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެއެއް ނުވެ އެވެ.