ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މީރާ

މީރާގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށްފި

May 5, 2021

ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން މީރާގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދިނުމަށް ނިންމައިފި އެވެ.

މީރާ އިން ބުނީ އެ އޮތޮރިޓީގެ ޓެކުހާއި ފީތައް މީރާ ކަނެކްޓު އަދި ވާރުޕޭ މެދުވެރިކޮށް އޮންލައިންކޮށް ދެއްކޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މީރާ އިން ބުނީ އޮންލައިންކޮށް ހިދުމަތް ދޭން ފެށުމާ ގުޅިގެން އެ އޮތޯރިޓީގެ ހޮޓްލައިން 1415 އިން ރަސްމީ ގަޑިތަކުގައި އާންމުން ބޭނުންވާ މައުލޫމާތު ސާފުކޮށްދެމުންދާނެ ކަމަށެވެ.

މީރާގެ ހިދުމަތް އޮންލައިންކޮށް ދޭން ފަށާފައިވާއިރު މަރުކަޒީ ބޭންކް، އެމްއެމްއާއި އެހެން ބޭންކްތަކުން ވެސް ވަނީ އޮންލައިންކޮށް ހިދުމަތް ދޭން ނިންމާފަ އެވެ. ނަމަވެސް ކޮންމެހެން ބޭންކަށް ހާޒިރުވެގެން ހޯދަން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހޯމަ އަދި ބުދަ ދުވަހު ބޭންކްތަކުން އެ ހިދުމަތެއް ދިނުމަށްވެސް ނިންމާފައިވެ އެވެ.

ސަރުކާރުގެ ހުރިހާ އޮފީހެއްގެ ހިދުމަތް ވެސް އޮންލައިންކޮށް ދިނުމަށް ވަނީ ނިންމާފަ އެވެ. އެގޮތަށް ހިދުމަތް ދިނުމަށް ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖެއިން އިއްޔެ އެކަނިވެސް 601 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެ އެވެ. އެއީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 31،931 އަށް އަރާފަ އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދަނީ 6،508 މީހުންނެވެ. މިހާތަނަށް 25،340 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 181 މީހަކަށް ފަރުވާ ދެމުންދާއިރު ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 74 މީހަކު ވަނީ މަރުވެފަ އެވެ.