ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ތޫފާނެއްގެ ކޮޅުމަތީގައި ސާބިތުވެހުރި ޗައިނާގެ އައިސީޔޫ ޑޮކްޓަރު

އެއީ މިދިޔަ ފެބްރުއަރީ މަހުގެ މެދެއްހާ ހިސާބެވެ. ޗައިނާގައި ކޮރޯނާވައިރަސްގެ ގަދަފަދަ ތޫފާން އެންމެ ބާރުގަދަވީ ދުވަސްވަރެވެ. ޝެންޒެންގެ ތާޑް ޕީޕަލްސް ހޮސްޕިޓަލްގެ އައިސީޔޫގައި ޑރ. ލީ ޒޫ އޭރު މަސައްކަތް ކުރަމުންދިޔަ 45 ދުވަހުގެ ވަގުތީ އެސައިންމަންޓެއްގެ ދަށުންނެވެ.

އޭރު އެ ހޮސްޕިޓަލުގެ އައިސީޔޫ އަކީ ކޮވިޑް-19 ބަލިމީހުންނަށް ފަރުވާކުރަން އެ ސިޓީގައި ހަމަޖައްސާފައި ހުރި ހަމައެކަނި ތަނެވެ.

"އަލަށް ބަލިޖެހިގެން މީހުން ނުގެނައި ކަމުގައި ވިޔަސް އައިސީޔޫގައި އެ ވަގުތު ތިބި މީހުންގެ ފަރާތުން ރަނގަޅުވުމުގެ އެއްވެސް ނިޝާނެއް ނުފެނޭ. އެތަން ހީވަނީ ނިމުނެއް ނެތް ހަނގުރާމައެއް ކުރިޔަށްދާ ތަނެއްހެން،" 35 އަހަރުގެ ޑޮކްޓަރު ބުންޏެވެ.

އެ ވަގުތު އައިސީޔޫގައި ތިބި ބަލި މީހުންގެ ތެރެއިން ދެ މީހަކު، އެކަކަށް ފަހު އަނެކަކު މަރުވުމުން ޑރ. ލީ އާއި އޭނާގެ ބައިވެރިންގެ މާޔޫސްކަން އިތުރުވެގެން ދިޔަ އެވެ.

ޔުނިވަސިޓީ އޮފް ހޮންކޮންގް-ޝެންޒެން ހޮސްޕިޓަލުން ތާޑް ޕީޕަލްސް ހޮސްޕިޓަލަށް ޖެނުއަރީ 31 ގައި ޑރ. ލީ ފޮނުވީ އެތަނަކީ ކޮރޯނާވައިރަސް ޖެހޭ ހާލުބޮޑުމީހުންނަށް ފަރުވާކުރާ ހަމައެކަނި ތަނަށް ވާތީ އާއި އޭނާގެ ގާބިލްކަމުގެ ސަބަބުންނެވެ. ޑރ. ލީގެ ޒިންމާ އަކީ ކޮރޯނާވައިރަސް ޖެހިގެން ވަރަށް ހާލުބޮޑުވެފައި ތިބި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރުމެވެ.

އޭރު އައިސީޔޫގައި 36 އަހަރުގެ ހޫ ނަމަކަށް ކިޔާ މީހަކު މަރާ ހަނގުރާމަ ކޮށްކޮށް އޮތެވެ. އެ އަންހެންމީހާގެ ފުރާނަ ސަލާމަތްކުރުމަށް ޑރ. ލީ އާއި އޭނާގެ ޓީމު ފޫގަޅާލާފައި މަސައްކަތް ފެށީ އެވެ. އެ އަންހެންމީހާގެ ފުއްޕާމޭގެ ބޮޑުބަޔެއް ވަނީ އިންފެކްޓް ވެފަ އެވެ. އޭނާ ނޭވާލަމުން ދިޔައީ ވެންޓީލޭޓަރެއްގެ އެހީގަ އެވެ. ޑރ. ލީ އަށް މުޅިން އާ ވިސްނުމެއް އައެވެ. އެ އަންހެންމީހާގެ ފުރާނަ ސަލާމަތްކުރަން އާ ގޮތަކަށް މަސައްކަތް ކުރުމުގެ އެވެ.

ހޫ އަށް ބަލި ޖެހުނީ ވޫހާންގައި ތިބި ގާތްތިމާގެ ބަޔެއް ކައިރިއަށް ޒިޔާރަތްކޮށްފައި އެނބުރި ޝެންޒިންއަށް އައިތަނާ އެވެ. ކޮރޯނާވައިރަސް ފުރަތަމަ ފެނުނު ހިސާބަށް ހޫ ކުރި ދަތުރު ވެގެން ދިޔައީ އޭނާގެ އާއިލާއަށް ވެސް އޭގެ ބޮޑު އަގެއް އަދާކުރަން ޖެހުނު ކަމަކަށެވެ. އޭނާގެ ފިރިމީހާ އާއި މަންމަ އަދި ހަތް އަހަރުގެ ދަރިފުޅަށް ވެސް ބަލި ޖެހުނީމަ އެވެ. ނަމަވެސް އެ އެންމެން ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލިއިރު ހޫ އޮތީ އައިސީޔޫގައި މަރާ ހަނގުރާމަ ކުރާށެވެ. ދިރިއުޅުމުގެ އުންމީދު ގެއްލިފަ އެވެ.

އޭނާގެ އެތެރެހައްޓަށް އެތައް ހޮޅިތަކެއް ގުޅައި ނިންދަވާފައި ބާއްވާފައި އޮންނަތާ އޭރު 10 ވަރަކަށް ދުވަސް ވެއްޖެ އެވެ.
މެޑިކަލް ޓީމުން ހޫގެ ފުރާނަ ސަލާމަތްކުރުމަށް ވަރަށް ތަފާތު ގޮތްގޮތަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެއްވެސް ކަމަކުން އޭނާގެ ހާލަތު ރަނގަޅުވާ ގޮތެއް ނުވި އެވެ. އެއްވެސް ފަރުވާއަކުން ޒުވާން ހޫގެ ބަލި ރަނގަޅުވާ ގޮތް ނުވާތީ މެޑިކަލް ޓީމު ވަނީ މާޔޫސްވެފަ އެވެ. އެވަގުތު ޑރ. ލީ އަނެއްކާވެސް އާ ގޮތަކަށް ހޫ އަށް ފަރުވާ ދޭން ވިސްނި އެވެ. ސިޑޭޓްކޮށްފައި އޮތް ހޫ ހޭލައްވައިގެން އޭނާގެ ރިއެކްޝަން ހުރި ގޮތަކަށް ބަލާ ފަރުވާތަކަށް ބަދަލުގެންނަން އޭނާ ގަސްތުކުރި އެވެ.

ޑރ. ލީގެ މި ނިންމުމަކީ ހަގީގަތުގައި ވަރަށް ރިސްކު ބޮޑު ކަމެކެވެ. ސިޑޭޓްކޮށްފައި އޮތް ހޫ އަށް އަލުން ހޭލެވުމާއެކު އޭނާގެ ނޭވާ އަވަސްވާން ފެށީ އެވެ. މިއީ އޭނާގެ ހަށިގަނޑުގައި ބަދަލުވާ އޮކްސިޖަން އާއި ކާބަންޑައިއޮކްސައިޑް އަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. މިކަމުގެ ސަބަބުން މި ނޫނަސް ސީރިއަސް ތަފާތު މައްސަލަތަކެއް އުފެދުމުގެ ފުރުސަތު ބޮޑެވެ.

ހޫ އަށް ހޭވެރިކަން ވުމާއެކު އޭނާގެ މޫޑަށް ބޮޑު ބަދަލުތަކެއް އައެވެ. އޭނާގެ އަނގަޔަށް ލައްވާފައިވާ ޓިއުބު ދަމައިގަންނަން ވެސް މަސައްކަތް ކުރި އެވެ. ޑރ.ލީ އާއި ނާސިން ޓީމުން އޭނާ އެކަން ކުރިޔަ ނުދީ ހިފެހެއްޓުވީ އެވެ. ޑރ. ލީ މަޑުމަޑުން ހޫގެ ކައިރީގައި އިށީނދެ ވަރަށް އޯގާތެރިކަމާއެކު އޭނާގެ ހާލަތު އޭނާއަށް ކިޔައިދިނެވެ. އަދި ޓިއުބު ދަމައިގެންފިއްޔާ އޭނާގެ ފުރާނަ ދާނެކަމަށް ވިސްނައިދިނެވެ.

ޖެހިގެން އައި ދުވަސްތަކުގައި ހޫ އަށް ޑރ. ލީ ހިތްވަރުދިނީ އެހާ ބާރަށް ނޭވާ ނުލާ މަޑުމަޑުން ނޭވާ ލުމަށެވެ. އަނގަޔަށް ލައްވާފައިވާ ހޮޅި އޮތަސް އެހާ ބާރަށް ނޭވާ ނުލަން މަސައްކަތް ކުރުމަށެވެ. އަދި އަތާއި ފައިގެ ކަސްރަތުތައް ކޮށްދިނެވެ. މަޑުމަޑުން ހޫގެ ބޭރަށް ހިންގުން ރަނގަޅުވެ ހަށިގަނޑަށް އެތެރެވާ ނިއުޓްރިޝަން ހިފެހެއްޓޭގޮތް ވިއެވެ. ހޫގެ ދަރިފުޅާއި ފިރިމިހާއަށް ވީޑިއޯކޯލް ކޮށްދީގެން އެމީހުން ލައްވާ ހޫ އަށް ހިތްވަރުދީ ހިތްހަމަޖައްސައި ދިނެވެ.

ވަރަށް ބޮޑު އިމްތިހާނުތަކަކަށްފަހު ހޫގެ ހާލަތު މަޑުމަޑުން ރަނގަޅުވާން ފެށި އެވެ. ފެބްރުއަރީ 23 ގައި ހޫގެ ހަށިގަނޑަށް ލައްވާފައިވާ ޓިއުބުތައް ނައްޓާލި އެވެ. އޭގެ ހަތަރު ދުވަސް ފަހުން އޭނާ އާއްމު ވޯޑަށް ބަދަލުކުރި އެވެ.

ހޫއަށް ލިބުނު ޝިފާގެ ސަބަބުން މެޑިކަލް ޓީމަށް އިތުރު ހިތްވަރާއި އަޒުމު ލިބިއްޖެ ކަމަށް އައިސީޔޫގައި މަސައްކަތްކުރި ސީނިއާ ޑޮކްޓަރަކު ޑރ. ލީ ކައިރީގައި ބުންޏެވެ. ހޫ ރަނގަޅުވީ ޑރ. ލީގެ ބުރަ މަސައްކަތުންކަން އައިސީޔޫގައި މަސައްކަތްކުރި ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ވެސް ގަބޫލު ކުރެ އެވެ. އަދި ހުދް ހޫ ވެސް ގަބޫލުކުރާ ގޮތުގައި އޭނާގެ ބަލި ފަސޭހަވުމުގެ ހުރިހާ ވެސް ސިއްރަކީ ޑރ. ލީގެ ބުރަ އަދި ކެތްތެރި މަސައްކަތެވެ.

ޖެނުއަރީ ފަހުކޮޅު ޑރ. ލީ ކައިރީގައި ފުރަތަމަ ކޮރޯނާވައިރަސް ބަލިމީހުންނަށް ފަރުވާދިނުމުގެ ކުރީ ސަފަށް ނުކުންނަން ބޭނުންތޯ ސުވާލުކުރުމުން އޭނާ ވަގުތުން އެއްބަސްވި އެވެ. އައިސީޔޫގައި ޑޮކްޓަރުން ޑިއުޓީ އަދާކުރަން ޖެހެނީ ހަތަރު ގަޑިއިރު ނަމަވެސް އޭނާ ހަތްގަޑިއިރު އެތަނުގައި ހޭދަކުރެ އެވެ. ކޮންމެ ބަލިމީހެއްގެ ބޮލުން ފެށިގެން ފައިގެ ބޮޑުވާ އިނގިއްޔަށް އޭނާ ބަލަ އެވެ. އަދި އެމީހުންނަށް ގުޅާފައި ހުންނަ ހުރިހާ އިކްއިޕްމަންޓެއް ވަކިވަކިން ޗެކް ކުރެ އެވެ. ހޭނައްތާފައި ތިބޭ ބަލިމީހުންގެ ގޮހޮރު ތަންތަން ކޮންމެ ދެ ތިން ދުވަހުން ސާފުކޮށްދީ ޖަރާސީމު އަށަ ނުގަންނާނެ ގޮތް ހަދާދެ އެވެ.

މިއަދާ ހަމައަށް ޑރ. ލީ މަސައްކަތްކުރާ އައިސީޔޫގައި 40 އަށް ވުރެ ގިނަ ބަލި މީހުން ބައިތިއްބި އެވެ. ކޮންމެ އައިސީޔޫ ޑޮކްޓަރަކަށް އެންމެ ޕީކް ގަޑީގައި ތިން މީހުން ބަލަހައްޓަން ޖެހެ އެވެ. ޑރ. ލީ ޑިއުޓީ ނިމުނަސް އޭނާ ހުރިހާ ބަލި މީހުން ކައިރިއަށް ވަކިވަކިން ހިނގާ އެންމެ ހާލުބޮޑު މީހުންނަށް ވެސް ރަނގަޅުވާނެކަމަށް ބުނެ ހިތްވަރުދީ ހަދަ އެވެ. ހުސް ވަގުތުގައި ވެސް އޭނާ ބަލި މީހުން ކައިރިއަށް ޒިޔާރަތްކުރެ އެވެ. މި މަސައްކަތާ ހަވާލުވި ފަހުން ޑރ. ލީ ޗުއްޓި ނެގީ އެންމެ ދެ ދުވަހު އެވެ.

ލީ އަށް ގަބޫލުކުރެވުނު ގޮތުގައި އައިސީޔޫގައި ތިބޭ ބަލިމީހުންގެ އެންޒައިޓީ ލެވެލް ވަރަށް މައްޗެވެ. "އަހަރެން ރަނގަޅުވާނީ ކޮން އިރަކުންހޭ"، "އަހަރެންނަށް ގެޔަށް ދެވޭނީ ކޮން އިރަކުންހޭ؟" އެމީޙުން ތަކުރާރުކޮށް ސުވާލު ކުރެ އެވެ. ވަރަށް ވޭނުގައި އުޅޭ މި މީޙުންނަށް ހިތްވަރުދީ އެމީހުންނާ ވާހަކަ ދައްކާ އެމީހުންގެ ވޭނަށް ލުޔެއް ހޯދައިދޭން ޑރ. ލީ ވަރަށް ގިނަ ވަގުތު އެމީހުންނާއެކު ހޭދަކުރެ އެވެ. އެމީހުން އެނދުން ނަގާ ބައިންދާ، ބައެއް މީހުން ބިންމައްޗަށް ވެސް ބާލުވަ އެވެ. އަދި މަޑުން ނޭވާ ލާން ދަސްކޮށްދީ ކަސްރަތު ވެސް ކުރުވަ އެވެ. އަދި ސައިކޮލޮޖިކަލް ކައުންސެލިން ވެސް ދެއެވެ.

އެއް ދުވަހަކު މެންދުރުފަހު އޭނާ އައިސީޔޫގައި ތިބި ވަރަށް ހާލުބޮޑު ތިން މީހަކު ފުރޮޅުލީ ގޮނޑިއަށް ލައިގެން އިރު އޮއްސޭ މަންޒަރު ބަލާލަން ގެންދިޔަ އެވެ.

"އެމީހުންނަށް އަބަދުވެސް ފެންނަނީ ޕްރޮޓެކްޓިވް ސޫޓްގައި ތިބޭ ޑޮކްޓަރުންނާއި ނަރުހުން. ދެން އިވޭނީ މެޝިންތަކުން ގޮވާ އަޑުތައް. އެމީހުންނަށް މިއަށް ވުރެ ހިތްގައިމު އަޑުތަކެއް އިވި މަންޒަރުތަކެއް ފެނިގެން ދިރިއުޅުމުގެ އުންމީދު އާވާނީ،" ޑރ. ލީ ބުންޏެވެ.

އިރުއޮއްސޭ މަންޒަރު ދައްކާލަން ގެންދިޔަ ތިން މީހުންގެ ތެރެއިން އެކަކީ ޒެންގް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ސީދާ ޑރ. ލީ ފަރުވާދޭ މީހެއް ނޫނެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ޑރ. ލީ އޭނާ ކައިރިއަށް ވެސް ގޮސް ހިތްވަރުދީ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ތަފާތު ވާހަކަތައް ދައްކަ އެވެ. މިހާރު އޭނާވެސް ހާލު ރަނގަޅުވެ ޖެނެރަލް ވޯޑަށް ބަދަލުވެއްޖެ އެވެ.

ޒަންގް ވެސް ބުނަނީ އޭނާއަށް މަރާ ހަނގުރާމަކުރަން ހިތްވަރުލިބުނީ އައިސީޔުގައި ތިބި މެޑިކަލް ޓީމު ޚާއްސަކޮށް ޑރ. ލީގެ ސަބަބުން ކަމަށެވެ. އެ ޓީމަށް އޭނާގެ ހިތުގައިވަނީ ޝުކުރުން ފުރިފަ އެވެ.

ޑރ. ލީ ބަލިމީހުން ދެކެ ވާ ލޯތްބަކީ މިއުޒިކަށް އޭނާގެ ހިތުގައި އޮންނަ ލޯބި ކަހަލަ އެއްޗެކެވެ. އޭނާ ޑިއުޓީއަށް ވެސް އަންނަނީ ވަރަށް ރީތި މިއުޒިކްތައް ރެކޯޑްކޮށްގެންނެވެ. އަދި ރޮކް ޓީޝާޓްތައް ވެސް ގެނެ އެވެ. އަދި ސްޕީކަރު ބަހައްޓައިގެން އޭނާ ލަވަ އަޑު އަހަ އެވެ. އެއީ ސްޓްރެސް ފިލުވަން އޭނާ ކުރާ ކަމެކެވެ. ޕެއިންކިލާ މިއުޒިކަށް އޭނާ ލޯބިކުރެ އެވެ. ހާއްސަކޮށް "ޔުއަ އިންވައޮލެބަލް ފްރީޑަމްސް" އަކީ އޭނާއަށް ވަރަށް މަގްބޫލު ލަވަ އެކެވެ.

މިފަހަރު ޑރ. ލީ އަށް މި ކުރެވުނު ތަޖުރިބާއަކީ އައިސީޔޫ ޑޮކްޓަރެއްގެ މަސައްކަތުގައި އޭނާ އިތުރަށް ދެމި ހުރުމަށް ލިބުނު އިތުރު ހިތްވަރެކެވެ. އޭނާ ބުނާ ގޮތުގައި ކްރިޓިކަލް ކެއާ މެޑިސިންގެ ރޮނގުން ކިޔެވުން އެއީ އޭނާއަށް ހަޔާތުގައި އެންމެ ނަސީބުގަދަކަމަކަށް ކުރެވުނު ކަމެވެ. އަދި އޭނާ އެންމެ ފަޚުރުވެރިވަނީ އޭނާއަކީ އައިސީޔޫ ޑޮކްޓަރަކަށް ވީތީ އެވެ.

ކޮންމެ ކޮންމެ ޑޮކްޓަރެއްގެ ކިބައިގައި އައިސީޔޫ ޑޮކްޓަރަކަށް ވާހާ ހިތްވަރާއި އަޒުމެއް ނުހުންނާނެ އެވެ. އިންތިހާއަށް ހާލުބޮޑު ބަލިމީހުން ކައިރީގައި އަބަދާ އަބަދު މަސައްކަތް ކުރުމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް އިންތިހާއަށް ޕްރެޝަރު ކުރިމަތިވާ ކަމަކަށް ވާތީ އެވެ. ނަމަވެސް ޑރ. ލީ ތަފާތެވެ. މަރާ ހަނގުރާމަކުރަމުންދާ މީހަކު މަރުން ސަލާމަތް ކޮށްދެވިއްޖެނަމަ އޭނާއަށް އެ ލިބޭ ހިތްހަމަޖެހުން އެހެން އެއްވެސް ކަމަކުން ނުލިބޭތީ އެވެ.