ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މިހާރު ޓޫރިޒަމް ފަޅު ފިލުވައި ދެނީ ރާޅުގެ އަޑު!

ފެބްރުއަރީ މަހާހަމަށް ރިސޯޓުތައް ފެނުނީ ވަރަށް ހަރަކާތްތެރި ކޮށެވެ. ހަލަ ބޮލި ތަންތަނުގެ ގޮތުގައެވެ. ހެނދުނުގެ އިރު އަރާ މަންޒަރު ބަލާށާއި އިރުއޮއްސޭ މަންޒަރު ބަލަން ޓޫރިސްޓުންނާއެކު އޮޑި ފަހަރު ބަނދަރުން ނުކުމެ އެވެ. ކޮންމެ ދުވަހެއްގެ ގިނަ ވަގުތުތަކުގައި ރިސޯޓުތަކުގެ ރެސްޓޯރެންޓްތައް އޮތީ ފުރިފަ އެވެ.ރަށްރަށަށް އަންނަ ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ދިޔައީ ގިނަ މަސައްކަތް ތަކެއް ތަރުތީބު ކުރަމުންނެވެ. ސޭންޑް ބޭންކް އަށް ދާ ޓޫރިސްޓުންގެ ކެއުން ތައްޔާރު ކޮށް ދީގެން ގިނަ އާއިލާތަކެއްގެ އަތްމަތި ތަނަވަސް ވަމުންނެވެ. އިގްތިސާދީ ގިނަ ހަރަކާތްތަކާއެކު ރަށްރަށުގައި ފައިސާ ދައުރުކުރުން އިތުރުވި އެވެ. އެކަމަކު ނޭނގި ތިއްބައި ކުއްލި އަކަށް ޗައިނާގެ ވޫހާން އިން ނުކުތް ކޮރޯނާ ވައިރަހާއެކު ހުރިހާ ކަމެއް އެކޮޅު ކޮޅުން ޖެހިއްޖެ އެވެ. މިއަދު ރިސޯޓުތަކުގެ ރެސްޓޯރެންޓް ތަކުން ފެންނަނީ ފަޅު ކަމެވެ. އާއްމުކޮށް ޓޫރިސްޓުން ފައިބާ ހަމަބޮލިކޮށް ކުރިން އޮތް ރާއްޖޭގެ ގިނަ ރަށްރަށުން މިހާރު އިވެނީ ހަމައެކަނި ކާޅު ގޮވާ އަޑެވެ. މިހާރު ޓޫރިޒަމަށް ފަޅު ފިލުވައިދެނީ ހަމައެކަނި ރާޅުގެ އަޑެވެ.

ކޮރޯވައިރަސް ފެތުރެން ފެށީ ރާއްޖެ އަށް އެންމެ ގިނައި ން މީހުން އަންނަ ދުވަސްވަރު ކަމަށްވާ ޗައިނީސް އާ އަހަރު ބޯމަތި ވެފައިވަނިކޮށެވެ. ޗައިނާ ބޮޑު އީދާ ދިމާކޮށް އެ ގައުމުގެ ގިނަ ބަޔަކު ދުނިޔޭގެ އެތަށް މި ތަނަށް ދަތުރު ކުރަން ތައްޔާރު ވެގެން ތިއްބަ އެވެ. އާއްމުކޮށް މި ދުވަސްވަރު ހަތް މިލިއަނެއްހާ ޗައިނާ މީހުން ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ފެތުރި ގަނެވެ. އަދި އެ މީހުން އެތަށް ބިލިއަން ޑޮލަރެއްގެ ފައިސާ ގައުމުތަކުގެ އިގްތިސާދުގެ ތެރެއަށް ދޫކޮށްލަ އެވެ. ޗައިނާ މީހުން އެންމެ ގިނައިން އަންނަ މި ސަރަހައްދުގެ އެއް ގައުމަކީ ރާއްޖެ ކަމަށްވާއިރު ކޮންމެ އަހަރަކު ޗައިނާ އިން އެކަނި 300،000 އަށްވުރެ ގިނަ މީހުން ރާއްޖެ އާދެ އެވެ. މި އަދަދަކީ ރާއްޖެ އަންނަ މިލިއަނެއްނާ ޓޫރިސްޓުންގެ އަދަދާ އަޅާ ބަލާއިރު ނިސްބަތުން ބޮޑު އަދަދެކެވެ. ނަމަވެސް ކޮވިޑް-19 ވައިރަސް ފެތުރެން ފެށުމާއެކު ޗައިނާގެ އެއްކޮށް "ބަންދު" ކޮށްލި އެވެ. މިކަމުގެ ވޭން އެންމެ ބޮޑަށް ކުރި ބަޔަކީ ދިވެހިންނެވެ.

ޗައިނާ ބަންދުކޮށް ޓޫރިސްޓުން މަދުވެފައި ވަނިކޮށް، ރާއްޖެ އަށް ކުރާ އަސަރު ބޮޑު ވެގެން ދިޔައީ ކޮވިޑް-19 ބޮޑު ބާލާއާފާތަކަށް ބަދަލުވެ މުޅި ޔޫރާއި މެދުއިރު މައްޗަށް ފެތުރެން ފެށުމެވެ. މީގެ ސަބަބުން ރާއްޖެ އަށް ބޭރު ފައިސާ ވަންނަ މައި ދޮރާށި ކަމަށްވާ ޓޫރިޒަމް ހަރަކާތްތައް އެއްކޮށް ހުއްޓިއްޖެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަށް ގާތްގަނޑަކަށް "ލޮކްޑައުން" އަކަށް ދިޔައިރު ޓޫރިޒަމް މި ދުވަސް ވަރަކީ އާއްމުކޮށް ޓޫރިޒަމްގެ އެނދުތަކުގެ 70 ޕަސެންޓް ފުރިފައި އޮންނަ ދުވަސް ވަރެކެވެ. ޓޫރިޒަމް އޮކިއުޕެންސީ މި ދުވަސްވަރު އާއްމު ގޮތެއްގައި އުޅޭނީ 70 ޕަސެންޓުގަ އެވެ. މިހާލަތަށް ޓޫރިޒަމް އައިއިރު ރާއްޖޭގައި 150 ރިސޯޓާއި 600 ގެސްޓްހައުސް އޮޕަރޭޓް ކުރަމުން ދިޔަ އެވެ.

މުޅި ދާއިރާގައި ގާތްގަނޑަކަށް 30،000 މީހުން ވަޒީފާގައި ތިބިއިރު، މީގެތެރޭގައި 17،000 ދިވެހިން ވެސް ހިމެނެ އެވެ. މި ހާލަތުން ޓޫރިޒަމަށް ކުރާ އަސަރުގެ އެންމެ އަވަސް ވޭން ލިބޭ ބަޔަކަށް މި ދާއިރާގެ މަސައްކަތްތެރިން ހިމެނެ އެވެ. ކޮންމެ ދުވަހަކު އަންނަ މީހުންނަށް ހިދުމަތް ދޭ މުވައްޒަފުންނަށެވެ. ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތައް ހުއްޓިގެން ގޮސް ރިސޯޓުތައް ބަންދު ކުރަން ޖެހުމާއެކު ރިސޯޓު މުވައްޒަފުންގެ އާމްދަނީ އަށް ވަނީ ބޮޑު އަސަރެއް ކޮށްފަ އެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓެއް ގާތްގަނޑަކަށް ބަންދު ވެއްޖެ އެވެ. އަދި ކޮވިޑް-19 އާއްމުންގެ ތެރޭގައި ފެތުރިދާނެ ކަމުގެ ބިރަށްޓަކައި ވައިގެ މަގުން މީހުން އެތެރެ ވުން ބަންދުކޮށް، އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޝެޑިއުލް ފްލައިޓް ޖެއްސުން ހުއްޓާލާފި އެވެ.

އެއާޕޯޓް ބަންދުކޮށް، ޓޫރިޒަމްގެ ހަރަކާތްތައް ހުއްޓިގެން ދިއުމުން ގައުމުގެ އިގްތިސާދަށް ބޮޑު އަސަރެއް ދަނީ ކުރަމުންނެވެ. މިހާރުގެ އަންދާޒާއަކީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ހަމައެކަނި ޓޫރިޒަމް ސެކްޓާ އަށް ލިބުމެވެ. ޓޫރިޒަމްއަކީ ބޭރު ފައިސާ ވަންނަ މައި ވަސީލަތް ކަމަށް ވުމުން މީގެ އަސަރު ރާއްޖޭގެ ހުރިހާ ވިޔަފާރި ތަކަށް ކުރާނެ އެވެ. މިހާރުގެ ހަލަތަކީ މި އެވެ.

ރާއްޖޭގައި ތިބި ޓޫރިސްޓުންގެ ބޮޑު ބައެއް އެ މީހުންގެ ގައުމު ތަކަށް ހިނގައްޖެ އެވެ. އެހެންވެ، މިހާރު ޓޫރިސްޓުންނަށް ހިދުމަތްދޭ ގިނަ ތަންތަނުން ފެންނަނީ ފަޅު ކަމެވެ. މުޅި ގައުމުން ވެސް ފެންނަނީ ހިމޭން ކަމެވެ. މިހާރު ޓޫރިޒަމަށް ފަޅު ފިލުވައިު ދެނީ ރާޅުގެ އަޑުންނެވެ. ގޮނޑުދޮށަށް ރާޅު ބިއްސާ އަޑުންނެވެ.