ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އައްޑޫ ސިޓީގެ ވިޔަފާރިތައް ރޭގަނޑުގެ ވަގުތުގައި ބަންދު ކުރުމަށް އެ ސިޓީގެ ކައުންސިލުން މިދިޔަ ބުދަ ދުވަހު ނިންމި ނިންމުން ބާތިލު ކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުވަހު ނެރުނު އިއުލާނުގައި އަންގާފައި ވަނީ ބުރާސްފަތު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 ގެ ފަހުން ވިޔަފާރި ކުރާ ތަންތަން ބަންދު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން އަވަށު އޮފީހުން ހުއްދަ ހޯދައިގެން އިރުއޮއްސި 6:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީ ކޮށްދެވޭނެ ކަމަށެވެ.
އައްޑޫ ސިޓީގެ ވިޔަފާރިތައް ރޭގަނޑު ބަންދު ކުރަން ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން އެ ކަން އެ ގޮތަށް ކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައި ނުވާނެ ކަމަށް އެ އެޖެންސީން ބުންޏެވެ. އެކަމަކު އައްޑު ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އެ ނިންމުން ނިންމީ އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލްއާއި ކޮވިޑް-19 އަށް ހާއްސަ ކޮށްގެން އައްޑޫގައިވާ ޓާސްކް ފޯހާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. އޭގެ ފަހުން އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދު ފިޔަވައި އެއްވެސް ސަރަހައްދެއްގެ ވިޔަފާރި ގަޑިތަކަށް ބަދަލު ގެންނަން ނުފެންނަ ކަމަށް ބުނެފަ އެވެ.
އޭގެ ފަހުން އިއްޔެ އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ކުރީގެ ނިންމުން ބާތިލު ކޮށްފައިވާ ކަމަށާއި އެ ގޮތަށް ނިންމީ މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދެއްގައި އެފަދަ ފިޔަވަޅެއް އަޅާނެ ފަދަ ހާލަތެއް ނެތް ކަމަށް އެޗްޕީއޭ އިން އެންގުމުން ކަމަށެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް 16 މީހަކު މިހާތަނަށް ރާއްޖޭން ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން އެކަކަކީ ދިވެއްސެކެވެ. ދެން ތިބީ ބިދޭސީންނާއި ޓޫރިސްޓުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން ނުވަ މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅު ކުރެވިފަ އެވެ. މިހާރު ފަރުވާ ދެމުން ދަނީ ފަސް މީހެކެވެ. އޭގެ ތެރޭގައި ދިވެހި މީހާ ވެސް ހިމެނެ އެވެ.