އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އަންނަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮސިޓްވެއްޖެ އެވެ.
އިނގިރޭސި ވިލާތުގައި ދިރިއުޅޭ ދިވެހި ޑޮކްޓަރަކު އޭނާގެ ފޭސްބުކްގައި ލިޔެފައި ވަނީ އޭނާގެ އަންހެނުންގެ ފަރާތުން އަލާމާތްތަކެއް ފެނިގެން މިދިޔަ އަންގާރަ ދުވަހު ޓެސްޓު ކުރުމުން އޭނާ ކޮވިޑް-19 އަށް ޕޮިސިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.
އެ ޑޮކްޓަރު ލިޔެފައި ވަނީ ފާއިތުވި ދެހަފުތާގައި ވެސް އޭނާ އުޅުނީ ކޮވިޑް-19 ޖެހިފައިވާ ބަލި މީހުންނަށް ފަރުވާދިނުމުގައި ކަމަށްވުމާއެކު ގެއަށް އެ ވައިރަސް ގެންދެވުނީ އޭނާއަށް ކަން ޔަގީން ކަމަށެވެ.
"މިހާރު މިއުޅެނީ ސެލްފް އައިސޮލޭޝަންގަ ގޭގައި. އަހަރެންގެ ފަރާތުން ވެސް މިހާރު އެ ބަލީގެ އަލާމާތްތަށް ފެނޭ،" އޭނާ ލިޔެފައިވެ އެވެ.
އެ ދެމެފިރިންގެ ދަރިފުޅަށް ވަގުތު ބަހާލައިގެން ގޭގައި ކިޔަވައިދެމުންދާކަން ފާހަގަ ކުރައްވާ އެ ޕޯސްޓްގައި ބުނެފައި ވަނީ މި ބައްޔަށް މިހާރު ދަރިފުޅު ވެސް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް އަދި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން އޭނާގެ ފަރާތުން އެބަލި އެހެން ބަޔަކަށް ފެތުރުނަ ނުދިނުމަށް ވާޗުއަލް ޓެލެފޯން ކްލިނިކްސްއަށް ހުއްދައަށް އެދުމުން އެ ހުއްދަ ވެސް މިހާރު ލިބިފައިވާކަން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ރާއްޖެއިން މިހާތަނަށް މި ވައިރަސް ޖެހުނު ހަމައެކަނި މީހާ އަކީވެސް އިނގިރޭސި ވިލާތަށް ދަތުރު ކުރުމަށްފަހު އެނބުރި ރާއްޖެ އައި 38 އަހަރުގެ ފިރިހެނެކެވެ.
ދުނިޔޭގައި ހަލުވި ިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް އިނގިރޭސި ވިލާތުން މިހާތަނަށް 14،543 މީހުން ޕޮސިޓިވް ވެފައިވާއިރު 759 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ. އެގައުމުގެ ބޮޑުވަޒީރުވެސް ވަނީ މި ބައްޔަށް ޕޮސިޓިވް ވެފަ އެވެ.
އަވަސް އަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސޯޝަލް މީޑިއާއިން މިފަދަ މައުލޫމާތެއް ލިބިގެން އެކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް ރަސްމީކޮށް އެއްވެސް ފަރާތަކުން މިކަން ފޮރިން މިނިސްޓްރީއަށް ރިޕޯޓުކޮށްފައިނުވާ ކަމަށެވެ.