މިއީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެބް ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންގޮސް "ސިޔާސީ ޝޯތައް" ކުރިޔަށް ގެންދަންވީ ވަގުތެއް ނޫން ކަމަށް މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިން ވެސް ފެނިފައިވާތީ ސަަރުކާރު ބަންދުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަނީ މެދު ކަނޑާލައިފަ އެވެ. ނަމަވެސް ވެބް ކޮންފަރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔުމުގެ ތައްޔާރީތައް ވަމުން އެބަދެ އެވެ.
ވެމް ކޮންފަރަންސް ކުރިޔަށް ގެންދާ ފޮޓޯތައް ރީޓުވީޓް ކުރައްވަމުން އަލްހާން ވިދާޅުވީ މިއީ ކޮންމެހެން މަޖިލިސް ޖަލްސާތައް ބާއްވަން ޖެހޭ ވަގުތެއް ކަމަށް ނުދެކޭ ކަމަށާއި ސިޔާސީ ޝޯ ކުޅުން މިވަގުތު މުހިންމު ނޫން ކަމަށެވެ. މަޖިލީހުން ކޮންމެހެން ނިންމަން ޖެހޭ ކަމެއް ނެތް ހިނދެއްގައި އެގޮތަށް އަމަލު ކުރުމަކީ ބޭކާރު ހަރަދާއި ގޮތް ދެއްކުން ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ބަންދު ކޮށްފައި ނުބޭއްވޭނެ ކަމަށާއި ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނެ ކަމަށެވެ.
މަޖިލީހުގެ ޖަލްސާތައް ގޭގައި ތިބެގެން ކުރިޔަށް ގެންދާއިރު ދާދި ފަހުން މަޖިލީހުން ވަނީ އެކަން ކުރާނެ ގޮތުގެ އުސޫލެއް ފާސްކޮށްފަ އެވެ. އެގޮތުން ފުރުސަތަށް އެދޭނެ ގޮތާއި ނިޒާމީ މައްސަލައެއް ނަގާނެ ގޮތުގެ އިތުރުން ވޯޓަށް އަހާނެ ގޮތްތައް ބަޔާން ކޮށްފައިވެ އެވެ.