ޔޫއޭއީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ދިވެއްސެއް ނޫން ކަމަށް ސަރުކާރުން ބުނެފި އެވެ.
ޔޫއޭއީގެ ސަރުކާރާ ހަވާލާދީ އެ ގައުމުގެ ހަލީޖް ޓައިމްސް އަދި ގަލްފް ނިއުސް ފަދަ މީޑިއާތަކުން ބުނެފައި ވަނީ ޔޫއޭއީގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދިވެއްސަކު ހުރި ކަމަށެވެ. އެހެން ނަަމަވެސް ސަރުކާރަށް މިއަދާ ހަމަޔަށް ސަރުކާރަށް އެކަން ކަށަވަރެއް ނުކުރެވެ އެވެ.
ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޕޮޒިޓިވްވި ދިވެހި މީހާ ކަމަށް ބުނެ ޔޫއޭއީ ސަރުކާރުގެ ފަރާތުން ރަސްމީކޮށް ހިއްސާ ކުރި ނަމަކީ އީސްޓަން ޔޫރަޕިއަން ނަމެއް ކަމަށެވެ. އަދި އެއީ ދިވެއްސެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި މޯލްޑޯވާ ފަދަ ރާއްޖެއާ ނަން ވައްތަރު ގައުމަކާ އެރި އޮޅުމެއް ކަމަށް ލަފާ ކުރެވޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
"އެކަމުގައި އަޅުގަނޑުމެންނަށް މިހާތަނަާށް ރަސްމީކޮށް ލިބުނު މައުލޫމާތުގައި އެ ބޭފުޅުން ޕޮޒިޓިވްވެފައިވާ މީހާ ކަމަށް ބުނެ ދަންނަވާ ނަމަކީ އީސްޓަން ޔޫރަޕިއަން ނަމެއް. އެހެންވީމަ އަޅުގަނޑުމެންނަށް ހީއަކީ ދިވެއްސެއް ނޫނޭ. އެެހެން ގައުމެއްގެ މީހަކަށް އެ މީހާ ވަނީ މޯލްޑޯވާ ކަހަލަ ރާއްޖެއާ ނަން ވައްތަރު ގައުމެއް،" މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކްް މިހެން ވިދާޅުވި އިރު މިއަދު ވަނީ އިނގިރޭސިވިލާތުގައި މަސައްކަތް ކުރާ ދިވެހި ޑޮކްޓަރެއްގެ އަންހެނުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް އެ ޑޮކްޓަރު ބުނެފަ އެވެ. އަދި އޭނާ ގައިން ވެސް އެފަދަ އަލާމާތްތައް ހުރި ކަމަށް އޭނާ ބުންޏެވެ. މަބްރޫކް ވިދާޅުވީ އެކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.