ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ފިޔާ، އަލުވި އަދި ބިހުގެ އަގު އުފުލިއްޖެ

Mar 28, 2020
2

ކޮވިޑް-19 ފެތުރެމުންދާތީ އިންޑިއާ ލޮކްޑައުން ކުރުމާއެކު ފިޔާ، އަލުވި އަދި ބިސް ލިބުން ދަތިވެ، މި ބާވަތްތަކުގެ އަގު ބާޒާރުގައި މިއަދު އުފުލެން ފަށައިފި އެވެ.

ބާޒާރުގައި މުހިންމު ބާވަތްތަކުގެ އަގުތައް މިއަދު ހުރި ގޮތަށް ބަލާއިރު، އެންމެ ބޮޑަށް އަގުތައް އުފުލިފައިވަނީ ދިވެހިން ކެއުމުގައި އާއްމު ގޮތެއްގައި ބޭނުންކުރާ ފިޔާ، އަލުވި އަދި ބިހެވެ. ކުރިން 300ރ. ވަރަށް ލިބެން ހުރި ބިސް ކޭހެއް މިހާރު ލިބެނީ 400ރ. އާއި 550ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި 300ރ. ވަރަށް ލިބެން ހުރި ފިޔާ ބަސްތާއެއްގެ އަގު ހުރީ 600ރ. އާއި 650ރ. އާ ދެމެދުގަ އެވެ. އަދި ކުރިން 280ރ. އަށް ލިބެން ހުރި އަލުވި ބަސްތާއެއްގެ އަގު ހުރީ 350ރ. އާއި 450ރ. އާ ދެމެދުގެ އަގު ތަކެއްގަ އެވެ.

އަގަށް މިއަދު ބަދަލާއެކު ފިޔާ ކިލޯއެއްގެ އަގު 30ރ. ވަރަށް އުފުލިގެން ވަނީ ގޮސްފަ އެވެ.

ކޮރޯނާ ވައިރަސް ރާއްޖޭގެ އާއްމުންގެ ތެރޭގައި ފެތުރިދާނެ ކަމުގެ ބިރަށް، ސަރުކާރުން ރާއްޖެއަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާފަ އެވެ. މި ނިންމުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޝެޑިއުލް ފްލައިޓްތައް ކުރުން ވަނީ ހުއްޓިފަ އެވެ. އަދި މި ކަމުގެ ސަބަބުން ރާއްޖެ އަށް ވައިގެ މަގުން ގެންނަ ކާގޯގެ އަދަދު މަދުވެ ބައެއް ބާވަތްތައް ހުސްވުމުގެ ފުރުސަތު އެ ބައޮތް ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ބާޒާރުން ތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ ޗާޓަރު ފްލައިޓްތަކެއް ބާއްވަން ވިޔަފާރިވެރިންނަށް ފުރުސަތު ހުޅުވާލާފަ އެވެ. އެ ކުންފުނިން ޗާޓަރު ފްލައިޓް ބާއްވަން ތައްޔާރު ވަނީ އިންޑިޔާ އާއި ދުބާއީ އަދި ތައިލެންޑާއި ސްރީލަންކާ ފަދަ ގައުމުތަކަށެވެ.