ކޮވިޑް-19 އާ ގުޅިގެން 61 މީހަކު މިހާރު މާލޭގައި އެކަހެރިކޮށްފައި އެބަ ތިބި ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވީ ހޯމް އައިސޮލޭޝަންގައި 13 ދިވެހިން އަދި ހަތަރު ބިދޭސީން އެބަތިބި ކަމަށެވެ. އޭގެ އިތުރުން ހޯމް ކަރަންޓީނުގައި 43 ދިވެހިންނާއި އެއް ބިދޭސީއަކު އެބަހުރި ކަމަށެވެ.
ގޭގައި އެކަހެރިކޮށްފައި ތިބުމަށް މީގެކުރިން ރާއްޖެއިން ބޭރުން އައި ބައެއް މީހުންނަށް އަންގާފައިވެ އެވެ. މިހާރު ރާއްޖެއިން ބޭރުން އަންނަ ދިވެހިން ވެސް ކަރަންޓީނު ކުރަނީ ކަރަންޓީނު ފެސިލިޓީތަކުގަ އެވެ.
އޭގެއިތުރުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބައެއް މީހުންނާ ކޮންޓެކްޓްވި މީހުން އެކަހެރިވުމަށް ވެސް އަންގާފައިވެ އެވެ. އޭގެ ތެރޭގައި އިޓަލީއަށް ފުރައިގެން ދިޔަ އައިލެންޑް ސަފާރީގެ ދެ މީހުންނާ ކޮންޓެކްޓްވި އެއާޕޯޓް މުވައްޒަފުންނާއި އެމްއެންޑީއެފް މީހުން ހިމެނެ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 16 މީހެކެވެ. އޭގެ ތެރެއިން 14 މީހަކު ތިބީ ރާއްޖޭގަ އެވެ. އޭގެ ތެރޭގައި ދިވެއްސެކަކުވެސް ހިމެނެ އެވެ.
މި މީހުންގެ ތެރެއިން ފަރުވާ މިހާރު ދެމުންދަނީ ތިން މީހަކަށެވެ. އެހެން މީހުން ކޮވިޑް-19 އިން ރަނގަޅުވެފައިވާއިރު އެމީހުން މިހާރު ތިބީ މޮނީޓާ ކުރުމަށް 30 ދުވަހުގެ ކަރަންޓީނުގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އޮން އެރައިވަލް ވިސާ ދިނުން ވަނީ ހުއްޓާލާފަ އެވެ. އެއާއެކު، ރާއްޖެއަށް ޓޫރިސްޓުން އައުން ވެސް ވަނީ މަޑުޖެހިފަ އެވެ.