ބޫޓާއި ފައިވާން ފަދަ ތަކެތީގެ ދަށްފުށަކީ ބެކްޓީރިއާ އައި ފަންގި އާއި ވައިރަސްތަކުގެ ހާއްޔެކެވެ. ސުޕަމާކެޓްތަކާއި މާރުކޭޓުގައި އަދި އާއްމުން ދަތުރުފަތުރުކުރާ ބަސް ފަދަ އުޅަނދުތަކަށް އަރާ މީހުން މިކަމަށް ވަރަށް ސަމާލުވާން ޖެހެ އެވެ. އެމީހުންނާއެކު އެމީހުން އަރައިގެން ހުންނަ ފައިވާނުގައި ތަތްވެގެން މިފަދަ އެއްޗެތި ގޭތެރެއަށް ވާސިލުވުމުގެ ފުރުސަތު އޮވެ އެވެ.
ވައިރަހަށް ފައިވާނު ދަށްފުށުގައި އުޅެވިދާނެކަމުގެ މާ ބޮޑު ހެއްކެއް އަދި ސައިންސްވެރިންނަށް ހޯދިފައި ނެތް ނަމަވެސް އިނގިރޭސިވިލާތުގެ ބައެއް ތަޖުރިބާކާރުން ވިދާޅުވަނީ އެންމެ ރަނގަޅު ގޮތަކީ ބޭރުގައި އަރާ ފައިވާން ގޭ ތެރެއަށް އެއްވެސް ހާލެއްގައި ނުވެއްދުން ކަމަށެވެ. އެއީ އޭގެ ދަށްފުށުގައި ތަތްވެގެން އެއްވެސް ކަހަލަ ޖަރާސީމެއް ނުވަތަ ވައރަހެއް ފަދަ އެއްޗެއް ގޭތެރެއަށް ވަނަ ނުދިނުމަށެވެ.
އިނގިރޭސި ވިލާތުގެ ފެމެލީ ޕްރެކްޓިޝަނާ ޖިއޯޖީން ނާނޮސް ވިދާޅުވީ އެކި ސާފަސްތަކުގައި ކޮރޯނާވައިރަހަށް 12 ގަޑިއިރު ވަންދެން ވެސް ދިރި ހުރެވޭ ކަމުގެ ހެކިތައް ލިބިފައިވާތީ އަރައިގެން އުޅޭ ފައިވާން ވެސް މީގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.
ނަމަވެސް އިންފެކްޝަސް ޑިޒީޒް ސްޕެޝަލިސްޓެއް ކަމަށްވާ މޭރީ އީ.ޝުމިޓް އިނގިރޭސިވިލާތުގެ ހަފްޕޯސްޓް އަށް ވިދާޅުވެފައިވާ ގޮތުގައި ފައިވާން ހަދާ މެޓީރިއަލްތަކުގެ ބޭނުންކޮށްގެން ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުން ފަސް ދުވަސް ވަންދެން ޖަރާސީމު ފަދަ ތަކެއްޗަށް ފައިވާނުގެ ދަށްފުށުގައި އުޅެވޭ ކަން ޔަގީން ވެފައި ވެއެވެ.
ފައިވާންގެ ދަށްފުށް އާއްމުކޮށް ހަދާފައި ހުންނަނީ ރަބަރު، ލެދާ އަދި ޕީވީސީ ކަމްޕައުންޑުން ކަމަށާއި އެފަދަ ތަކެތީގައި ވަރަށް ގިނަ އަދަދަކަށް ޖަރާސީމު ހުންނަ ކަމަށާއި އެ ފައިވާނަކަށް އަރައިގެން ތަންތަނަށް ދާއިރު އޭނާއާއެކު އެ ހުރިހާ ޖަރާސީމުތައް ވެސް ދާނެކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫކޭގެ ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ކެރޯލް ވިނާ ހަފްޕޯސްޓަށް ވިދާޅުވި ގޮތުގައި ކެއްސާ، ކިނބިހި އަޅާ އަދި އަރިދަފުސް ފޮޅާއިރު ނޭވާލުމުގެ ނިޒާމުން ވެއްޓޭ ތިކިތަކުގައި އެކުލެވޭ ކޮރޯނާވައިރަސް އެމީހާ އަރައިގެން ހުންނަ ފައިވާނަށް ވެއްޓުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ފައިވާން އުފައްދާފައި ހުންނަ ސްޕެންޑެކްސް ކަހަލަ ބައެއް ސިންތެޓިކް މެޓީރިއަލްސްގައި ވައިރަސް މަރުނުވެ މަދު ދުވަސްކޮޅަކު ނަމަވެސް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ބޭރަށް ދާން އަރާ ފައިވާން އެއްގޮތަކަށް ވެސް ގެޔަށް ވަންނައިރު އަރައިގެން ނުވަނުމަށް އޭނާ އިރުޝާދު ދެއްވި އެވެ.
ނަމަވެސް މިކަމަށް އިތުރު ދިރާސާތައް ބޭނުންވާ ކަމަށް އޭނާ އެއްބަސްވި އެވެ. ސަބަބަކީ އަރައިގެން ހުންނަ ބޫޓު ފަދަ ތަކެއްޗަކީ އެމީހެއްގެ މޫނާ ވަރަށް ދުރުގައި ހުންނާނެ އެއްޗަކަށް ވެފައި ކޮރޯނާވައިރަސް އާއްމުކޮށް އަރަނީ އެކަކު ގައިން އަނެކަކުގެ ގަޔަށް ކަމަށް ވެފައި ބޫޓަކުން މީހެއްގެ ގަޔަށް ވައިރަސް އެރިކަމުގެ ސާބިތު ހެއްކެއް އަދި ލިބިފައި ނުވާތީ އެވެ.
ކޮންމެ ކަހަލަ ފައިވާނަކަށް އެރިޔަސް އޭގެ މައްޗަށް ވުރެ ބޮޑަށް ދަށްފުށަށް ސަމާލުވުމަށް އޭނާ އިރުޝާދު ދެއްވި އެވެ. އަދި ބޭރަށް ދާން ގެންގުޅޭ ފައިވާނުގެ މަތި ފޮތިގަނޑަކުން ސާފު ކުރުމަށާއި ދޮންނަ މެޝިނަށް ލައިގެން ނަމަވެސް ދޭތެރެ ދޭތެރެއިން ދޮވުމަށް ވެސް އޭނާ ލަފާ ދެއްވި އެވެ.
އިނގިރޭސި ވިލާތުގެ ނަރުހަކު ހަމަ މި ރިޕޯޓަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަތުގެ އިނގިލިތައް ވެސް ވަރަށް ކުރުކުރުން މުހިއްމު ކަމަށެވެ. ސަބަބަކީ ނޭފަތި ދޭތެރެއަކީ ޖަރާސީމާއި ވައިރަސް އުފުލާ ވަސީލަތަކަށް ވެދާނެތީ އެވެ.