އިންޑިޔާ ލޮކްޑައުން ކުރުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޝެޑިއުލް ދަތުރުތައް ހުއްޓާލުމާއެކު ބާޒާރުގައި ތަރުކާރީގެ ބައެއް ބާވަތްތައް ހުސް ވެއްޖެ އެވެ.
ބާޒާރުގައި މިހާރު އެއްގޮތަކަށް ވެސް ނުލިބޭ ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ކެޕްސިކަމް އާއި ބެލްޕެޕާ އާއި ތޮޅި ހިމެނެ އެވެ. މީގެ އިތުރުން ރާއްޖެއަށް އިމްޕޯޓް ކުރާ ފެހި ބައެއް ބާވަތްތަކާއި ފަތް ވެސް ވަނީ މުޅީން ހުސްވެފަ އެވެ.
ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި މި ބާވަތްތައް ހުސްވުމުގެ މައިގަނޑު ސަބަބަކީ ވައިގެ މަގުން ގެންނަ މުދާ އައުމުގެ މަގު ބަންދުވުމެވެ.
"ކުރިން އެެއާ ކާގޯގެ ގޮތުގައި ތަރުކާރީ ގެންނަނީ ލަންކާ އާއި އިންޑިއާ އިން. އެކަމަކު މިހާރު އެ ގައުމުތައް އޮތީ ލޮކްޑައުން ކޮށްފައި. އަނެއްކާ ވީއައިއޭއަށް މިހާރު ޝެޑިއުލް ދަތުރުތައް ނުކުރާތީ، އެ ތަކެތި އެތެރެއެއް ނުކުރެވޭ. އެހެންވެ މި ބާވަތްތައް ލިބުން ވަނީ ދަތިވެފައި،" ވިޔަފާރިވެރިއަކު ބުންޏެވެ.
ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގުތައް
- ޓޮމާޓޯ ކިލޯއެއް: 25ރ. އާއި 30ރ. އަށް
- ކެބެޖް ކިލޯއެއް: 20ރ. އަށް
- ލުނބޯ ކިލޯއެއް: 20ރ. އަށް
- ލޮނު މެދު ކިލޯއެއް: 60ރ. އާއި 70 ރ. އާ ދެމެދު
- އިނގުރު ކިލޯއެއް: 60ރ. އަށް
- ރޯ މިރުސް ކިލޯއެއް: 250ރ. އަށް
ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އަގުތައް އެންމެ ބޮޑަށް އުފުލިފައިވަނީ ފިޔާ އަލުވި އަދި ބިހުންނެވެ. ކުރިން 300ރ. އާ ގާތަށް ލިބެން ހުރި ބިސް ކޭހެއް މިހާރު ލިބެނީ 400ރ. އާއި 550ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި 300ރ. އަށް ލިބެން ހުރި ފިޔާ ބަސްތާއެއްގެ އަގު ހުރީ 600ރ. އާއި 650ރ. އާ ދެމެދުގަ އެވެ. އަދި ކުރިން 280ރ. އަށް ލިބެން ހުރި އަލުވި ބަސްތާއެއްގެ އަގު ހުރީ 350ރ. އާއި 450ރ. އާ ދެމެދުގެ އަގު ތަކެއްގަ އެވެ.
އަގަށް ބަދަލު އައިސްފައިވާއިރު މިހާރު އެ ބާވަތްތައް ކޮންމެވެސް ވަރަކަށް ވަނީ ބާޒާރަށް ގެނެސްފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އަގުތައް ދަށަށް ހިނގައިދާނެ އެވެ.
ބާޒާރުން ބައެއް ބާވަތްތައް ހުސްވާން ފެށުމާއެކު ސްރީލަންކަން އެއާލައިންސް އާއި މޯލްޑިވިއަން އިން ވަނީ ޝެޑިއުލް ދަތުރުތަކެއް ބާއްވަން ނިންމާފަ އެވެ. މޯލްޑިވިއަން ފްލައިޓް މިއަދު ފުރާއިރު ސްރީލަންކަންގެ ޗާޓަރު ފްލައިޓް ފުރާނީ 31 ވަނަ ދުވަހު އެވެ.