މި އަހަރު ޖޫން ޖުލައިގައި ބާއްވަން ތާވަލު ކުރި ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަަށް ފަސް ވުމަކީ ވެސް ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށް ސްޕެއިންގެ ގައުމީ ކޯޗް ލުއިސް އެންރީކޭ ބުނެފި އެވެ.
މިއަހަރު ޖޫން 12 އިން ޖުލައި 12 އަށް ބޭއްވުމަށް ހަމަޖެއްސި ޔޫރޯ މިހާރު ފަސް ކޮށްފައި ވަނީ، އަންނަ އަހަރުގެ ޖޫން 11 އިން ޖުލައި 11 އަށެވެ. މެދުކެނޑުމަކަށް ފަހު ސްޕެއިންގެ ކޯޗް ކަމާ އަލުން ހަވާލުވި، ބާސެލޯނާ އާއި އޭއެސް ރޯމާގެ ކުރީގެ ކޯޗް ބުނީ ޔޫރޯ ފަސް ވެގެން ދިއުމަކީ ޒުވާން ކުޅުންތެރިންނަށް އިތުރަށް ކުރިއަރަން ލިބޭނެ ފުރުސަތެއް ކަމަށެވެ. އޭނާ ބުނީ، ޔޫރޯގެ 23 ކުޅުންތެރިންގެ ސްކޮޑްގައި އާ ކުޅުންތެރިން ހިމެނުމަށް މިހާރު ވީ ގޮތުން ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.
"މުބާރާތް ބާއްވާ ތާރީހު ބަދަލު ވުމަކީ ޒުވާން ކުޅުންތެރިންނަށް އޭގެ އަސަރު ކުރާނެ ކަމެއް، ސަބަބަކީ އެ ކުޅުންތެރިންނަށް ލިބޭނެ މިހާރު އިތުރު ވަގުތު،" އެންރީކޭ ބުންޏެވެ. "ތާރީހް ފަސް ވެގެން ދިއުމުގައި ޕޮޒިޓިވް ކަންކަމެއް އެބަހުރި، އަހަރެމެންނަށް ލިބޭނެ މުބާރާތް ތައްޔާރު ވުމަށް އިތުރު ވަގުތު، އަދި ޒުވާން ކުޅުންތެރިންނަށްވެސް އިތުރަށް ކުރިއެރުން ހޯދުމަށް އެކަށީގެންވާ ވަގުތުތަކެއް މި ލިބުނީ."
އެފްރިކާ ބައްރުގެ މާލީގެ ދަރިކޮޅަށް ނިސްބަތްވާ، އެޑަމާ ޓްރައޯރޭ ވަނީ، ސީނިއާ ލެވަލްގައި ސްޕެއިންގެ ގައުމީ ޓީމު ތަމްސީލު ކުރުމަށް ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. އޭނާ ދަނީ މި ސީޒަންގައި ވޯލްވާ ހެމްޓަން ވޮންޑާސްގެ މޮޅު ކުޅުމެއް ދައްކަމުންނެވެ. ސްޕެއިންއަށް އުފަން ޓްރައޯރޭ ވަނީ އުމުރުފުރާ ލެވަލްގައި ސްޕެއިންގެ ގައުމީ ޓީމު ތަމްސީލު ކޮށްފަ އެވެ.
އެންރީކޭ ބުނީ، ޓްރައޯރޭ އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިޔެއްކަންވެސް އޭނާ އަށް އެނގޭ ކަމަށެވެ. އަދި ވޯލްވްސްގައި އޭނާ ދައްކަމުންދާ ކުޅުން ގާތުން ބަލަމުންދާ ކަމަށް އެންރީކޭ ބުންޏެވެ. ޓްރައޯރޭ ވަނީ ލުއިސް އެންރީކޭ ބާސާގެ ކޯޗަކަށް ހުރިއިރު އެ ކުލަބުގެ ޔޫތު ޓީމުތަކަށް ކުޅެފަ އެވެ.