ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަރުކާރުގެ ޕެކޭޖުން އުފެއްދުންތެރިކަން އިތުރުކުރަން އެދި މަޖިލީހަށް

Mar 29, 2020

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އިއުލާނުކޮށްފައިވާ އިގުތިސޯދީ ޕެކޭޖުގެ ތެރެއިން، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވާނެކަން ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދުހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް މާދަމާގެ ޖަލްސާއަށް ހުށަހަޅުއްވާ ކުއްލި މައްސަލާގައި ބުނެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކުރައްވާފައިވާ 2.5 ބިލިއަން ރުފިޔާގެ ޕެކޭޖުން، މިފަދަ ހާލަތެއްގައި ރާއްޖޭގެ އިގުތިސޯދީ ފުދުންތެރިކަން އިތުރުވާންޖެހޭ ކަމަށެވެ.

އެގޮތުން، ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އުޖޫރައެއް ދޭންވާނީ، އިގުތިސޯދަށް ފައިދާކުރަނިވި މަސައްކަތެއް ކުރުމަށް ޝަރުތުކޮށް، އިގުތިސޯދީ އުފެއްދުންތެރިކަން އިތުރުވާ ގޮތަކަށް ރޭވިގެން ކަމަށް އާޒިމް ހުށަހަޅުއްވާ މައްސަލާގައި ވިދާޅުވެފައިވެ އެވެ.

"މިގޮތުން، މި ހާލަތުގައި ރާއްޖޭގައި ތަރައްގީ ކުރެވޭނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެދާއިރާތަކުގެ މަސައްކަތް ފެށުން މުހިއްމުވެ އެވެ،" އެ މައްސަލާގައިވެ އެވެ.

އެގޮތުން، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ކުރެވިދާނެ ދެ ކަމެއް އާޒިމް ވަނީ ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ބޮޑެތި ރަށްރަށް ފާހަގަކޮށް، ދަނޑުވެރިކަން ފުޅާކުރަން އެގްރިކަލްޗާ މިނިސްޓްރީން ރާވާފައިވާ ޕްރޮގްރާމުތައް ހިންގުމާއި، މަސް ރައްކާކޮށް، ރާއްޖެ އަދި ދުނިޔޭގެ ބާޒާރަށް އެފަދަ އުފެއްދުންތައް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖެއް ހިމަނަން އާޒިމް ހުށަހަޅުއްވާފައިވެ އެވެ.

ސަރުކާރުން އެކުލަވާލައި އިއުލާންކޮށްފައިވާ ޕެކޭޖަކީ މިވަގުތު ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ އުނދަގޫތައް ހައްލުކުރަން ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ޕެކޭޖުގެ ދަށުން، ބޭންކްތަކުގެ ލޯނުތައް ހަ މަސް ދުވަހަށް ފަސް ކޮށްދިނުމާއި، ވިޔަފާރި ތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ފައިސާ ހޯދޭނެ ފެސިލިޓީއަކާއި، ކަރަންޓު ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމާއި، ވަޒީފާ ގެއްލޭ މީހުންނަށް ހާއްސަ އިނާނަޔްތަކެއް ދޭން ވަނީ ހިމަނައިފަ އެވެ.