ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ސްޓަންޓްގައި ވެއްޓި އިނދަޖެހި ދާނެ!

ދުނިޔެ މިއޮތީ ބަަލާއާފާތެއްގެ ބަނަ ވިލާގަނޑެއްގެ ތެރޭގަ އެވެ. ދިވެހިރާއްޖެ ވެސް މި އޮތީ އެ އަނދިރި ވިލާގަނޑުގެ ދަށުގައި ވަރަށް ތަފާތު އަދި ނާޒުކު ހާލަތަކަށް ތިރިވެ ވަށައިގެން ރާޅު އަރަ އަރަ އެވެ. ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެއިން ނުފެންނަ އެތައް ކަމެއް ކޮވިޑް-19 އާއެކު މިދަނީ ފެންނަމުން ފެންމަތިވަމުން ތަޖުރިބާ ކުރެވެމުންނެވެ. މުޅި ދުނިޔެ ކުޑަވެ ކޮށިއަރާފައި ވާއިރު މިވަގުތު އެއްކަމެއް ވެސް ދުނިޔޭގައި ރަނގަޅަކަށް ނުހިނގަ އެވެ. ހުރިހާ ކަމެއްގެ މިސްރާބު ހުރީ ގޯހުން ގޯހަށެވެ. މުޅި ދުނިޔޭގެ ނިޒާމް އޮޅުން ބޮޅުން ވެފައި ވެއެވެ.

ކޮވިޑް-19 އާއެކު ދިވެހި ރާއްޖޭގައި އޮތް ސިޔާސީ ވާދަވެރިކަން ވެސް ބޭރުފުށަށް ކެނޑިއްޖެ އެވެ. ސިޔާސީ ހަރަކާތުގެ އަޑުގަދަކުރާއިން، އަޑު ކަނޑައިގެން ގޮސް މައިތިރިވެފައި ވެއެވެ. ސިޔާސީ ލީޑަރުންނަށްވުރެ ޑޮކްޓަރުންނާއި ސިއްހީ މާހިރުންގެ ވާހަކައިގެ އަޑު ގަދަވެ މުހިންމުވެފައި ވެއެވެ. މިވަގުތު ވިކެނީ ވެސް ހިނގަނީ ވެސް އެ މީހުންގެ ބަހެވެ. މިވަގުތު ގައުމު ދާންވީ މިސްރާބާ މެދު އެންމެ މަތީ ލަފާ މިހާރު ރައީސުލްޖުމްހޫރިއްޔާ އަށް އަރުވަނީ ވެސް ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ތަޖުރިބާކާރުންނެވެ. ވަކި ބައެއްގެ މަސްލަހަތައް ވުރެ ބޮޑަށް ދިވެހި ރައްޔަތް މިއޮތީ މުޅި ގައުމު އިސްކޮށް އިޖްތިމާއީ އަދި ފަރުދީ ޒިންމާގަ އެވެ.

ކޮވިޑް-19 ގެ ބިރު ރާއްޖެއަށް އޮތް މިންވަރު އެއް ގޮތަކަށް ވެސް ކުޑައެއް ނޫނެވެ. ފަހަރެއްގައި ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ނެތް މިންވަރަށް ވުރެ ބޮޑަށް ރާއްޖެއަށް އޭގެ ނުރައްކާ އެބައޮތެވެ. -- އެ ތަފުސީލް އެހެން ފަހަރަކުން ލިޔާނީ އެވެ. --

ރާއްޖޭގެ ސިއްހީ ނިޒާމުގެ ހާލަތާއި ވަސީލަތްތައް ހުރި މިންވަރާއި، ތޮއްޖެހިފައިވާ މާލެ ސިޓީގެ ތެރެއަށް ކޮރޯނާ ވައިރަސް ފެތުރިއްޖެ ނަމަ ދިވެހި ރާއްޖެެއަށް ވެދާނެ ގޮތް އަންދާޒާކޮށްލެވޭ ވަރަށް ވުރެ މާ ގޯސްވާނެ އެވެ.

މިފަދަ ބިރުވެރި ފުން ވަޅުގަނޑެއްގެ އަނގަމަތީގައި ރާއްޖެ އޮއްވާ އަމިއްލަ ބޭނުމަށް ސިޔާސީ "ހުޅެއް" ރޯކުރުމާއި މަޝްހޫރު ކަމެއް ހޯދުމާއި ޑްރާމާ ކުޅުމާއި ސްޓަންޓު ހެދުމަށް ވުރެ ބޮޑަށް އިސްކަން ދޭންޖެހިފައި ވަނީ ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް އަމަލު ކުރުމަށެވެ. ޑިރެކްޓަ ޖެރެނަރަލް އޮފް ޕަބްލިކް ހެލްތުގެ އަމުރަށް އިސް ތިރިކޮށްލައި ބޯލަނބައިލުމެވެ. މިއަކީ ކޮންމެހެން ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހާރުގެ ތަރި މަބުރުބޫކް އަަޒީޒް ވިދާޅު ނުވިޔަސް "އޮބިވިއަސް ފެކްޓެ" ކެވެ. މިކަހަލަ ދަނޑިވަޅެއްގައި ސަމާލުކަން ހޯދަން ނޫނީ މަންޒަރު އެހެން ދިމާއަކަށް އަނބުރާލާށައި ފަރުދާ ކަހާލަން އުޅުމަކީ އެއިން މާ މޮޅު ނަތީޖާއެއް ނުކުމެދާނެ ކަމަކަށް ބެލުމަކީ ހަމަ އެއްވެސް މީހަކު ހަދާނެ ވަރަށް ބޮޑު ގޯހެކެވެ. ކުޑަކުޑަ އެއް މިސާލަކީ މާ މޮޅު ކަމަކަށް ހަދައިގެން ފެށި "ބރފހ ކަރުދާހު ބޯޅައިގެ ހުނަރުގެ މައްޗަށް ގުރާން ޗެލެންޖް" ހޯދި ބޮޑު މޮޅެވެ.

މިހެން އޮތް ނަމަވެސް ކޮވިޑްގެ ބިރު ރާއްޖޭގައި އިތުރަށް ބޮޑު ވެދާނެ ކަމުގެ ސިގުނަލްތަކާއެކު މި ހަފުތާ ނިމޭންދާއިރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި ހާލަތުގެ ތެރެއިން ނުރަނގަޅު ގޮތެއްގައި މާގަމު ބޭނުންފުޅު ކުރައްވައިގެން ބޮޑު ސަމާލު ކަމެއް ހޯއްދަވާފަ އެވެ.

އެއް ކަމަކަށް މުޅި ދިވެހިރާއްޖެ ފާލުން ނެއްޓި އަވަދި ނެތި އުޅެނިކޮށް އިސްކަން ދެއްވައިގެން ފުރަތަމަ ފަހަރަށް ވެބް ކޮންފަރަންސްކޮށް މަޖިލިސް ކުރިޔަށް ގެންދަވަން ނިންމެވި އެވެ. މިއީ ދުނިޔޭގައި ވެސް އެކަން އެގޮތައް ކުރާ ފުރަތަމަ ފަހަރު ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން ބަޔާން ވެސް ނެރުނެވެ. އަދި އެ ވާހަކަތައް ނަޝީދުގެ ފޮޓޯއާއެކު އިންޑިޔާގެ ބައެއް ނޫސްތަކުގައި "ޖައްސުވައި" ރާއްޖެއާ "ބެހޭ ހިތުން" ތިއްބަވާ އިންޑިއާގެ ޑިޕްލޮމޭޓުން ލައްވާ އެ ވާހަކަތައް ޓްވީޓްކޮށް އިންޑިއާގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ވެސް ހޯއްދަވައިފި އެވެ.

ރާއްޖޭގައި ވެސް ރައީސް ނަޝީދުގެ މިކަން ކަމަށް ބައެއް ފަރާތްތަކުން ހެސް ކިޔާފައި ތައުރީފު ކުރެ އެވެ. އަދި ހަމަ އެއާއެކު އޮތް ފާޑު ކިޔުންތައް ވެސް ވަކީން ކުޑައެއް ނޫނެވެ.

"ހަފުތާއެއް ނިމިގެން ދިޔަ އިރު މަޖިލީހުގައި ހުސް ވާހަކަ ނޫން ކަމެއް އަދި ނުފެނޭ... އަޅުގަނޑަށް ފެންނަ ގޮތުގައި މިވީ ކަމަކީ ދުވަސްތަކެއް ވަންދެން [މަޖިލީހާއި ނަޝީދުގެ] އަޑެއް ބަޑެއް ނީވެ އޮތުމުން ވީޑިއޯ ކޯލްކޮށްގެން މަޖިލިސް ކުރިޔަށް ގެންދަން ނިންމައި ސަމާލުކަން ހޯދީ... ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުން ބޭއްވި ގޮތަށް، ގަނޑުކޮށް އެކީ އެއްފަހަރާ ކެބިނެޓް އިސްތިއުފާ ދިން ގޮތަށް... ދުނިޔޭގެ ފުރަތަމަ ފަހަރަށް އޮންލައިން ޕާލަމެންޓް ސެޝަނެއް ހިންގައި މީޑިއާ ސްޓަންޓެއް ޖެއްސީ.. މިފަދަ ދަނޑިވަޅެއްގައި ރައްޔިތުން މިކަން ބަލައި ގަނާނެބާ... އަޅުގަނޑަކަށް ހީއެއް ނޫވޭ!" މަޖިލީހުގެ ކުރީގެ މެންބަރަކު ވިދާޅުވި އެވެ.

މި ދަނޑިވަޅުގައި މަޖިލިސް ހުއްޓިފައި އޮންނަން ނުޖެހޭ ކަމަށް ގަބޫލު ކުރައްވާ ބައެއް ފަރާތްތައް ވެސް ސޯޝަލް މީޑިއާގައި މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެގޮތުން ބައެއް މެންބަރުން މި ދަނޑިވަޅާ ގުޅޭ މުޅިން ނުބައި މައުލޫމާތުގެ މައްޗަށް ބިނާކޮށް ވާހަކަ ދައްކަމުންދާ ކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެފަދަ ފަރާތްތައް ވަނީ ނަޝީދާއި މަޖިލިސް ދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ.

ބައެއް ފަރާތަކުން ބުނާ ގޮތުގައި ކޮވިޑް-19 ފެށިގެން އާއިރު މަޖިލިސް ރައީސް އެކަން ނެންގެވީ ވަރަށް އާދައިގެ ގޮތަކަށް މަލާމާތުގެ ރާގެއްގަ އެވެ. ބޮޑަށް ފެނުނީ އަމިއްލަ ފުޅަށް "ޓްރަމްޕަކަށް" ވެވަޑައިގެން އުޅުއްވި ތަނެވެ. އެއާއެކު އެމަނިކުފާނުގެ "ކަލްޓް" ގެ ގޮތުގައި އޮތް މަޖިލިިސް ވެސް އެކަން ނެގީ ވަރަށް އާދައިގެ ގޮތަކަށެވެ. މިހާރު މުޅި މަންޒަރު ބަދަލުވެ ހާލަތު ގޯހުން ގޯހަށް ދިޔައިރު މަޖިލީހުގެ ދައުރެއް މި ހާލަތުގައި ފެންނާން ނެތި މަޖިލީޖުގެ ރައީސް މަންޒަރުން ބޭރުވާތީ އެ މަނިކުފާނުގެ ސިޔާސީ ސްޓަންޓްތަކަށް މިދަނޑިވަޅުގައި "ވެބްކެމް" ޖެއްސީ އެވެ.

"ފުރަތަމަ ޖަލްސާގައި ވެސް އިވުނީ ދެ މަސް ތެރޭގައި އާންމު ހާލަތަކަށް ދާނެ ކަމާއި, މަސައްކަތަށް ނިކުންނަން ވީ ވަގުތު ކަމަށް، މިއީ މުޅިން ގޯސް ވާހަކަތަކެއް، މި ދަނޑިވަޅުގައި މީހުން އިތުރަށް ސަމާލުވާން ދުނިޔެ ގޮވާލާއިރު މެންބަރުންނަށް ލިބޭ އިމްތިޔާޒުގެ ދަށުން ކުރައްވާ ވަރަށް ނުބައި ކަމެއް،" ޓުވިޓާގައި އާންމު މީހަކު ލިޔުނެވެ. "ރަނގަޅު އެއް ކަމެއް ނުކުރާއިރު މިފަދަ ހާލާތެއްގައި ވެސް ނާޖާއިޒު ފައިދާ ނަގަން މަސައްކަތް ކުރަނީ އެންމެ މީހެއްގެ އެދުމަށް،"

އަނެއް ކަމަކީ މަޖިލިސް މެންބަރުން ގޭގައި ތިއްބަވައި މަސައްކަތް ކުރެއްވޭ ގޮތަށް މަޖިލީހުގެ ޖަލްސާއެއް ބޭއްވިއިރު އެކަމަަށް މަގުފަހި ކޮށްދިނުމަށްޓަކައި މަޖިލިސް މުއައްޒަފުންތަކެއް ވަޒީފާއަށް ނުކުމެ މަސައްކަތް ކުރަން ވަނީ ޖެހިފަ އެވެ.

މަޖިލީހުގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވި ގޮތުގައި ޖަލްސާއެއް ބޭއްވުމަށް އަމީންއާންމާއި އެސިސްޓެންޓް އަމީންއާންމާއި ސީޖީއާ އާއި މީޑިއާ ޑައިރެކްޓާ އަދި ލީގަލް ޑައިރެކްޓާ ފަދަ މުއައްޒަފުން މަޖިލީހުގެ ތަޅުމުގައި މަސައްކަތް ކުރައްވަމުން ގެންދަވަ އެވެ. މަޖިލީހުގެ ރައީސް ނަޝީދު ވެސް އިންނަވަނީ އެ ފަރާތްތަކާއެކު މަޖިލީހުގެ ތެރޭގަ އެވެ. ލިޔެކިޔުންތައް ބަދަލުކޮށް އާންމު ޖަލްސާއެއްގައި ހިނގާ އިދާރީ ހުރިހާ ކަމެއް ހަމަ އެގޮތަށް ހިނގަ އެވެ.

އެހެންވެ މިކަމުގައި "ސޯޝަލް ޑިސްޓެންސިން" ވަނީ ކިހާ މިންވަރަކަށްތޯ މީހުން ސުވާލު އުފައްދަ އެވެ. އެކަން ސިފަކޮށް ފޮޓޯއަކާާއެކު "މި ލެވެނީ މުއައްޒަފުން ކިހާ ބޮޑު ރިސްކްއަކަށްތޯ" މީހަކު ސުވާލު ކޮށްފައި ވެއެވެ.

އިއްޔެ އިވިގެން ދިޔައީ އަދި މާ ބޮޑު ކަންތައްގަނޑެއްގެ ވާހަކަ އެކެވެ. މި ގޮތަށް މުއައްޒަފުން އެއް ކުރައްވައިގެން ޖަލްސާ ކުރިޔަށް ގެންދަވާ މަޖިލީހުގެ ރައީސް ވެސް ކޮވިޑް-19 އަށް ޓެސްޓް ހެދީ އެވެ. އެޗްޕީއޭގެ ބެލުމުގެ ދަށުން ސިއްހީ އޮފިޝަލުން މަޖިލީހުގެ އިދާރާއަށް ގޮސް ވީޑިއޯކޮށް ފޮޓޯ ނަގައި ވަކި ގޮތަކަށް އޭގެ ސެޓް ހަދައިގެނެ ބޮޑު ފިލްމެއް ކުޅެލީ އެވެ. -- ކޮންމެ ގޮތަކަށް އަދި ކޮންމެ ބޭނުމަކަށް އެ ޑްރާމާ ކުޅުއްވިއަސް ޓެސްޓް ކުރާނީ ސަސްޕެކްޓް ކޭހަކަށް ވެގެނެވެ. --

މިދިޔަ މާރިޗު މަހުގެ 14 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުން ރާއްޖެ އައި ހުރިހާ ދިވެހިން ޓެސްޓް ކުރަން އެޗްޕީއޭ އިން ނިންމާފައި ވެއެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް ހިމެނި ވަޑައިގަންނަވަ އެވެ. އިއްޔެ އާ ހަމައަށް ރައީސް ނަޝީދުގެ ޓެސްޓް ނުހަދާ ވާއިރު މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ވަނީ ވެސް އިނގިރޭސިވިލާތުން އައި ހަތަރު ދިވެއްސަކަށެވެ. އަދި އެ މީހުންނާ ކޮންޓެކްޓުވި އެތައް ބައެއް ވެސް އުޅެ އެވެ. އެއާ ގުޅިގެން ރަށުތެރޭގައި ތުހުމަތުގެ އެތައް ވާހަކައެއް ފެތުރިފައި އެބައޮތެވެ.

"ބޮޑުންނާއި ބޮޑުންގެ ދަރީންނާއި ގާތް މީހުން ޓެސްޓް ނުކޮށް ކަރަންޓީނުން ނެއްޓި މާލެތެރެއަށް. އެހެން މީހުން ކަރަންޓީނަށް މި ކިހާ ބޮޑުވެއްޖެ .... އެއް،" މީހަކު ލިޔެފައި ވެއެވެ.

ރައީސް ނަޝީދު ހުންނެވީ ގޮތުގަ އެވެ؛ އެމަނިކުފާނުގެ ސަޕޯޓަރުންނާއި ޕާޓީން ވެސް އެ މަނިކުފާނު ޕޯޓްރައި ކޮށްފައި އޮންނަނީ މާ "ގޮތުގައި ހުންނަވާ ލީޑަރެއް" ގެ ގޮތުގަ އެވެ.

މިފަހަރު ގޮތުގައި ހުންނެވުމެއް ކަމަށް މިވީ ދައުލަތުގެ އެއް ބާރުގެ ވެރިއަކަށް ހުންނަވައިގެން ރައީސް ނަޝީދު ވަނީ އެޗްޕީއޭގެ އެންގުމާއި ނިންމުމާމެދު ސުވާލު އުފައްދުމެވެ. ކޮވިޑްގެ ހައި ރިސްކް ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ އިނގިރޭސިވިލާތުން އައި މީހުންގެ ތެރެއިން ފަހަރަކު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން ދާއިރު ރައީސް ނަޝީދު އެކަމެއް ގަބޫލުފުޅު ކުރައްވާ ހެނެއް ހީއެއް ނުވެ އެވެ. އޭގެ ބަދަލުގައި އެކަމަކުގެ "ސައިންޓިފިކް" ސަބަބަކީ ކޮބައިތޯ ރައީސް ނަޝީދު ސުވާލު އުފެއްދަވާ މިހާރު ވެސް ވަނީ ނިޒާމަށާއި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތަށް ގޮންޖައްސަވާފަ އެވެ. އެކަމަކު އެހާލަތުގައި ސިނގެރޭޓެއް ހޯދަން ފެތި މީހާ ވަނީ ހައްޔަރަށް ގެންގޮސްފަ އެވެ.

"ރައީސް ނަޝީދު ކޮރޯނާ ވައިރަހަށް ޓެސްޓު ކުރާނީ އެ ބަލި ޖެހިފައި ހުރެދާނެ ކަމުގެ ކުޑަ ނަމަވެސް ފުރުސަތެއް އޮތުމުން... އެ ހާލަތުގައި އެމަނިކުފާނު މިވަގުތު ބަހައްޓަން ޖެހޭނީ އެކަހެރިކޮށްފައި. ނެގެޓިވްވުމުގެ ފުރުސަތު ބޮޑަސް ޕޮޒިޓިވްވުމުގެ އެއްވެސް ފުރުސަަތެއް ނެތިއްޔާ ޓެސްޓު ކުރާކަށް ނުޖެހޭނެ. ޕޮޒިޓިވް ވުމުގެ ފުރުސަތު އޮތީއާ އެއީ ބޮޑު ނުރައްކަލެއް،"

އަނެއްކޮޅުން ޑަބްލިޔޫއެޗްއޯގެ ހަމައަކީ އެމީހަކު ޓެސްޓް ކުރާ ތަނެއްގައި ކަރަންޓީން ކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރައީސް ނަޝީދަށް ރަނގަޅަށް "ކަސޯޓީ ކުޅުއްވޭ ގޮތަށް" ސެޓް ހަދައި ކެމެރާތައް އަތުރައިގެން ކޮވިޑް ޓެސްޓް ހެދީ އެއީ ކޮން ކަމެއް ހެއްޔެވެ؟ އެތާނގެ ތެރޭގައި ކަރަންޓީންވާން ގަސްދުގައި ހެއްޔެވެ؟

ގޯހީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމެއް ނޫނެވެ. ކޮރޯނާވައިރަސް ހަލުއިކޮށް ފެތުރެމުންދާ މިފަދަ ދަނޑިވަޅެއްގައި ޖަލްސާއެއް ބާއްވަން ޖެހޭ ހާލަތެއް ބެސް އަތުވެދާނެ އެވެ. އަދި އެކަމަކަށް އެންމެ ރަނގަޅަށް ތައްޔާރު ވެގެން ވެސް ތިބެން ޖެހެ އެވެ. އެހެން ނަމަވެސް މިހާރު މަޖިލީހުގައި މެންބަރުން ވަކި ގޮތަކަށް "ޑިޒައިންކޮށް" އަނގައަށް ލަވައި ދީގެން ވަކި ވާހަކަތަކެއް ދެއްކުން ނޫން ކަމެއް ނުކުރެ އެވެ. އެ ކުރާ ބޭކާރު މަސައްކަތުން ރައްޔިތުންނަށް އޮތް ފައިދާއެއް ނެތެވެ. އެކަމަކުން ރައްޔިތުން ތަމްސީލެއް ނުވެ އެވެ. ކުރައްވާ ކަމަކީ މަޖިލީހުގެ ރަސް "ގަދަ ބަހެއް" ވިދާޅުވީމާ އެއަށް ބާރުދީ "ފެންވަރެއް ނެތް" އަނގައެއް ތެޅުމެވެ.

ދެއްކުންތެރިކަަމަށް ވުރެ ބޮޑަށް އިހުލާސްތެރި ނިޔަތެއް އޮތް ނަމަ ސިޔާސީ ސްޓަންޓް ޖެއްސުމާއި ގަދަބަސް ބުނުމުގެ ބަދަލުގައި މަޖިލީހާއި މަޖިލީހުގެ ރައީސް ވެސް އެއްބައިވަންތަކަމުގެ މިސާލު ދައްކާނެ އެވެ. ގައުމު މި އޮތް ދަނޑިވަޅުގައި އެންމެ ބޮޑަށް ބޭނުންވަނީ ވެސް އެކަމެވެ. ކޮންމެހެން ގަދަބަސް ބުނެ ގޮތްދައްކައިގެން ގްރައުންޑް ސާފުކޮށް ޖާގައެއް ހޯދަން އުޅުމުގެ މާނައެއް ނެތެވެ. އޭގެ ނާތީޖާއަކަށް ވާނީ ވީޑިއޯ ކޮޅުގައި ފެންނަ ގޮތަށް ވެއްޓި ރަނގަޅަށް ލެޑޭނީ އެވެ.