ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުން ކިޔަމަން ކުރުވާނީ އޯގާތެރި ކަމުން: ރައީސް

ރައްޔިތުން ކިޔަމަންތެރި ކުރުވަނީ ގާނޫނުގެ ބާރަށްވުރެ ފުލުހުންގެ އޯގާތެރިކަމާއި، ހިނިތުންވުން ބޭނުންކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައެވެ.

ރައީސް ވަނީ ފުލުހުންނަކީ މިހާރަށް ވުރެވެސް ބޮޑަށް، ހިތްހެޔޮކަމާއި އޯގާތެރިކަމާ އެކު ރައްޔިތުންނާ މުއާމަލާތު ކުރާ ބަޔަކަށް ވުމަށް އެދިވަޑައިގެންފައެވެ.

މިއަހަރުގެ ފުލުހުންގެ ދުވަސް ބައްދަލުކުރީ ދިވެހި ގައުމާއި ރައްޔިތުންގެ ހިދުމަތުގައި، ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި، ވަރަށް މުހިންމު ގައުމީ މަސައްކަތެއްގައި، ދިވެހި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ދުވަސްވަރެއްގައިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ހިދުމަތެއް އޮތުމުގެ، އެންމެ ބޮޑު ބޭނުމަކީ، ރައްޔިތުން ހިމާޔަތް ކުރުމާއި ރައްޔިތުންނަށް ހިދުމަތް ކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ކޯވިޑް-19ގެ ނުރައްކަލުން، ދިވެހިރާއްޖެ ރައްކާތެރިކުރުމަށް ކުރާ ގައުމީ މަސައްކަތުގައި، ނުރައްކަލާ ކުރިމަތިލާ، ކުރީ ސަފަށް ނުކުމެ ފުލުހުންކުރަމުންދާ މަސައްކަތް ރައީސް ފާހަގަ ކުރެއްވިއެވެ.

ފުލުހުންގެ ހިދުމަތަށް 87 އަހަރު ފުރުނަސް، މަދަނީ ހިދުމަތަކަށް ބަދަލުވި ފަހުން މިވީ 16 އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތަށް ވަރަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމަށްވެސް ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

"...އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ރައްޔިތުންނާ ގާތުން ހިދުމަތް ދޭ، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތް. އެގޮތުން މި ފަސް އަހަރަށް އެކުލަވާލާފައިވާ، އިސްތިރާޖީ ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުވެގެން އަންނަ އިރު، ރައްޔިތުންގެ އިތުބާރު މިހާރަށް ވުރެ ބޮޑަށް، ފުލުހުންގެ މުއައްސަސާއަށް ލިބިގެންދާނެކަމަށް އަޅުގަނޑު އުންމީދުކުރަން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލް، މަޖިލީހުން ފާސްވެ ގާނޫނަކަށް ވުމުން، ފުލުހުންގެ ހިދުމަތް ހަރުދަނާވެ، ފުލުހުންގެ ގާނޫނީ ވާޖިބުތައް އަދާކުރުމުގައި، އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ތެރޭގައި މުޅި މުއައްސަސާއަށް އަންނަ ބަދަލުތަކާ އެކަށޭނަ ގޮތަށް، ދިވެހި ފުލުހުންނަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި ތަމްރީނު ހޯދައި ދިނުމަށް، ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި މިހާރު ބިނާކުރަމުން އަންނަ، ފުލުހުންނަށް ތަމްރީނު ދޭ މަރުކަޒު، މިއަހަރުގެ ތެރޭ ހުޅުވައި، އެތަނުގައި ފުލުހުން ތަމްރީނުކުރަން ފެށުމުން، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށާއި، އަތޮޅުތަކުގައި ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް، ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެ ކަމަށެވެ.