ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައްޑޫގައި ޝައްކުވާ މީހެއް؛ ދެ ނަރުހަކާއި ޑޮކްޓަރަކު އެކަހެރިކޮށްފި

Mar 29, 2020
1

އިންޑިއާގެ ކޮޗިންގައި ހުރުމަށްފަހު އައްޑޫ ސިޓީއަށް ދިޔަ ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިއްޖެ އެވެ. އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް މިހާރު ވަނީ ސާމްޕަލް ނަގާފަ އެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ވިދާޅުވީ އައްޑޫ ސިޓީގެ އެމީހާ ޝައްކުވާ އަލާމާތްތަކެއް ހުރުމުން އައްޑޫ ހޮސްޕިޓަލަށް ދިޔައީ އަމިއްލައަށް ކަމަށެވެ. އޭނާ ދިޔައީ ހޮސްޕިޓަލްގެ އީއާރްއަށް ކަމަށާއި އޭރު އެތަނުގައި ތިބި ނަރުހުންނާއި ޑޮކްރުން އޭނާ ބެލި ކަމަށެވެ.

ދެ ނަރުހަކާއި ޑޮކްޓަރުން ފުރަތަމަ އެމީހާއާ އެޓެންޑްވީ ރައްކާތެރިކަމުގެ ގިޔަރުގައި ނޫންކަން މަބުރޫކު ފާހަގަ ކުރެއްވި އެވެ. އެހެންވެ، އެމީހާގެ ޓެސްޓްގެ ނަތީޖާ ލިބެންދެން ޑޮކްޓަރާއި ދެ ނަރުހުން ގޭގައި އެކަހެރިކޮށްފައިވާ ކަމަށް ވެސް މަބުރޫކު ވިދާޅުވި އެވެ.

މީގެކުރިން ވެސް އައްޑޫ ސިޓީއަށް ކޮޗިންއިން ދިޔަ ކުޑަކުއްޖެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމާތްތައް ފެނުނެވެ. އެކަމާ ގުޅިގެން އެ ކުއްޖާ ދިރިއުޅޭ ގެ ވެސް ލޮކްޑައުން ކުރި އެވެ. ނަމަވެސް އެ ކުއްޖާގެ ޓެސްޓްގެ ނަތީޖާ ނެގެޓިވް އެވެ.

މިހާތަނަށް ރާއްޖޭގައި ދެ ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެ ދެ މީހުންނަކީ ވެސް އިނގިރޭސިވިލާތަކުން އައި ދެ މީހުންނެވެ. އެމީހުން ރާއްޖެއަށް އައި ގޮތަށް ވެސް ތިބީ އެކަހެރިކޮށް ކަރަންޓީނު ފެސިލިޓީތަކުގަ އެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ފަރުވާދެމުންދަނީ ހަތަރު މީހަކަށެވެ. އެހެން މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ނަމަވެސް އަދި ތިބީ 30 ދުވަހުގެ ކަރަންޓީނުގަ އެވެ.