ވިލާ ގްރޫޕް

ވިލާ ހަކަތައިން ހެޔޮ އަގުގައި ބިސް ވިއްްކަނީ

ވިލާ ގުރޫޕްގެ ދަށުން ހިންގަމުންދާ "ވިލާ ހަކަތަ" އިން ބިސް ވިއްކަން ފަށައިފި އެވެ.

އަވަސްއާ ވާހަކަ ދައްކަމުން ވިލާ ހަކަތައިގެ ފައިނޭސް ކޮންޓްރޯލާ މަހުމޫދު ރަމީޒު ވިދާޅުވީ އެ ކުންފުނިން އާންމުންނަށް ހެޔޮ އަގެއްގައި ބިސް ވިއްކަން ފެށީ ބިސް ލިބުން ދަތިވެ، ބޮޑު އަގުގައި ބައެއް ފިހާރަތަކުން ބިސް ވިއްކަމުންދާތީ ކަމަށެވެ.

އަދި ކޮންމެ މީހަކަށް ކޭހެއްގެ މަގުން ވިލާ ޓްރޭޑް ސެންޓަރު-2 ކުން ބިސް ވިއްކަމުންދާ ކަމަށް މަހުމޫދު ވިދާޅުވިއެވެ.

ވިލާ ހަކަތައިން ވިއްކަމުން ދަނީ ހައިކޮލެޓީ ބްރައުން ބިހެވެ. ބިހެއް ވަކިން ވިއްކަނީ 1.80 ލާރިއަށެވެ. އަދި ކޭހެއް ވިއްކަނީ 650 އަށެވެ. އެއީ 360 ބިސް ހިމެނޭ ކޭހެވެ.

ކޮވިޑް19 އާ ގުޅިގެން ދަތުރުފަތުރު ހުއްޓިފައިވާއިރު، ކުރިން ރާއްޖެއަށް ގެންނަ މިންވަރަށް ތަކެތި ނުގެނެވޭތީ ބައެއް ބާވަތްތަކުގެ އަގު ވަނީ ބޮޑުވެފައެވެ. އޭގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ.

ކުރިން 300ރ. ވަރަށް ލިބެން ހުރި ބިސް ކޭހެއް މިހާރު ލިބެނީ 400ރ. އާއި 550ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި 300ރ. ވަރަށް ލިބެން ހުރި ފިޔާ ބަސްތާއެއްގެ އަގު ހުރީ 600ރ. އާއި 650ރ. އާ ދެމެދުގަ އެވެ. އަދި ކުރިން 280ރ. އަށް ލިބެން ހުރި އަލުވި ބަސްތާއެއްގެ އަގު ހުރީ 350ރ. އާއި 450ރ. އާ ދެމެދުގެ އަގު ތަކެއްގަ އެވެ.

ބާޒާރުގައި ފިޔާ އާއި އަލުއްވާއި ބިހުގެ އަގު ދަށް ކުރަން އެސްޓީއޯއިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލް ކޮށް އަގު ހެޔޮކޮށް ވަނީ ވިއްކަން ފަށާފައެވެ.