ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮރޯނާ ބަލިމަޑުކަން - ވެރިން ކުޅިވަރުގައި

ދިވެހިރާއްޖޭއާ މުޅި ދުނިޔެވެސް ގުނަމުން މިދަނީ މިފަހުން ދެކުނު، އަދި ދެކޭނެ އެންމެ ހިތްދަތި ދުވަސްތަކެވެ. ކޮވިޑް19 ގެ ނުރައްކާ މުޅި ދުނިޔެއަށް ހަލުވި ކަމާއެކު ފެތުރި އެތައްހާސް ބަޔަކު މަރުވެ، މިއަދުވެސް މި ބަލީގެ ވޭނުމުގައި އެތައް ހާސް ބަޔަކު ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ.

މުޅި ދުނިޔޭގެ ވައި ދަތުރުފަތުރާ، އެއްގަމު ދަތުރުފަތުރުވެސް މުޅިން ހުއްޓި، އެތައް ގައުމެއް އޮތީ ބަންދުވެފައެވެ. ބައެއް ގައުމުތަކުގައި ކާފިއު ހިންގާ ބޭރަށް ނިކުތުންވެސް ވަނީ މަނާކޮށްފައެވެ.

ދުނިޔެ މިއަދު ތަޖުރިބާ ކުރަމުން މިދަނީ 2020 ގައި ތަޖުރިބާކުރަން ޖެހިދާނެ ކަމަށް ހަމަ އެއްވެސް އިންސާނެއްގެ ހިތަށް ތަސައްވުރު ކުރެވުނު ކަންތައްތަކެއް ނޫނެވެ. ލޮލަށްވެސް ނުފެންނަ ކުޑަކުޑަ ވައިރަހެއްގެ ސަބަބުން ހަ ލައްކަ މީހުން ބަލިވެއްޖެއެވެ. 30،000 ވުރެ ގިނަ މީހުން މަދު ދުވަސްކޮޅެއްގެ ތެރޭގައި މަރުވެއްޖެއެވެ. އެ ވައިރަސް ނައްތާލާނެ ގޮތެއް އަދި ހޯދިފައެއް ނުވެއެވެ. ބައްޔަށް ހާއްސަ ވެކްސިނެެއް އަދި ބޭހެއްވެސް ހޯދިފައެއް ނުވެއެވެ. ކޮންޓްރޯލެއްނެތި ގައުމުތަކަށް ބަލި ފެތުރު، ދުވަހެއް ދުވަހަކަށް އެ ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ކޮވިޑް19 ގެ ނުރައްކާ ބޮޑުވެ ރާއްޖެވެސް އޮތީ މުޅިހެން ބަންދުވެފައެވެ. ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރު ރާއްޖެ އޮތީ ފަޅަށެވެ. ހިތްގައިމު ބީޗްތަކާއި، އަގު ބޮޑު ރިސޯޓްތައް ވަނީ ފަޅަށެވެ. މި ބައްޔަށް ރާއްޖެއިން 17 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރޭގައި ދެ ދިވެހިންވެސް ހިމެނެއެވެ. މިއަދުވެސް 860 މީހުން އެ ތިބީ ކަރަންޓީން ފެސިލިޓީތަކުގައެވެ. 20 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ. ރައްކާތެރިކަމުގެ ގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލައިިފިއެވެ. އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާ، ފަތުރުވެރިން ގެނައުން މަނާކޮށްފިއެވެ. ހޮޓާ،ކެފޭ،ރެސްޓޯރަންޓްތައް ބަންދުކޮށްފިއެވެ. ގޭގައި ތިބެން އަންގައިފި އެވެ.

ދުނިޔެއަށް މި ގެނައި ހިމޭންކަން އިހުސާސްވޭ ހެއްޔެވެ. ރާއްޖެ ހުއްޓުވާލާފައި އޮތް މިންވަރު ވަޒަން ކުރެވޭ ހެއްޔެވެ. މަޖުބޫރީ ހާލަތުން މުޅި ދުނިޔެ އަޅާފައިވާ ފިޔަވަޅުތަކަކީ ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހެއްގެ ނުރައްކަލުން ސަލާމަތްވުމަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ. މިކަންކަމުން ސަލާމަތްވުމަށް އޮތީ ކޮން މަގެއް ހެއްޔެވެ. އޮތީ އެންމެ ގޮތެކެވެ. އެއީ މާތްﷲއަށް ދުއާ ކުރުމެވެ. މި ބޮޑު ވަބާ މުސީބާތުން އިންސާނުން ރައްކާތެރިކޮށް ދެއްވުން އެދި ދުއާ ކުރުމެވެ. ހެޔޮ އަމަލުތައް ގިނަ ކުރުމެވެ. ސިއްހީ އެހީތެރިންގެ އިރުޝާދާއެކު ގޭގައި ތިބުމެވެ. ގޭގައި ތިބެން ކުރަންވީ ހެޔޮ އަމަލުތަކެކެވެ. ހެޔޮ ދުއާއެވެ.

ނަމަވެސް ސައްތައިން ސައްތަ އިސްލާމީ މި ގައުމުން ފެންނަނީ އެ މަންޒަރު ހެއްޔެވެ. އެންމެން ގޭގަށް ވަންނަން ގޮވާލުމުން އެކަމަށް ނަމޫނާ ދައްކަން ފެއްޓެވީ ސިޔާސީ ލީޑަރުންނެވެ. ގައުމުގެ ވެރިންނެވެ. ނަމަވެސް ފެނުނީ މިހާލަތުގައި އެ ވެރިންގެ ކިބައިން ފެންނަން ޖެހޭ ނަމޫނާބާވައެވެ.

ކޮންމެ ބޭފުޅަކު ގޭގެ ސިޓިންރޫމަށް ނިކުންނަވާ ޓޮއިލެޓް ޕޭޕަރު ރޯލަކުން ބޯޅަ ކުޅުއްވަނީއެވެ. ގޭގައި ތިބެން ކުރަންވީ ކަމަކީ މިއީޔޯލައެވެ. ބޭރުގެ ކަރަކަރައިން މަޝްހޫރު ފަންނާނުންވެސް ކުރަނީ މިކަމޯލައެވެ. އެހެންވީމަ އަހަރެެމެންގެ ވެރިންވެސް ނަމޫނާ ދައްކަނީ ގޭގައި ތިބެން އެކަން ކުރާށެވެ. ނާއިބް ރައީސާ، ވަޒީރުންނާއި، މަޖިލީސް މެންބަރުންނާއި، ސިޔާސީ ލީޑަރުން ކުޅުއްވަނީ އެ ކުޅިވަރެވެ.

ކުރު ސޯޓް ބުރިބުރީގައި ތިއްބަވައިގެން ޓޮއިލެޓް ޕޭޕަރު ރޯލުން ބޯޅަ ކުޅެ، ވީޑިއޯކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލަނީއެވެ. އަދި ދެން ތިއްބެވި ވެރިން އެ ޗެލެންޖަށް ނޮމިނޭޓްކޮށް އެ ކުޅިވަރުގައި ބައިވެރިވުމަށް ތަރުހީބު ދެނީއެވެ. ނޮމިނޭޓްކުރާ ވެރިން ހަމަ ވަގުތުން ސޯޓްކޮޅުގައި ނިކުންނަވާ ޓޮއިލެޓް ޕޭޕަރު ރޯލަކުން ބޯޅަ ކުޅުއްވާ ވީޑިއޯކޮށް އަނެއްކާވެސް އިތުރު ވެރިންނަށް ދައުވަތު ދެނީއެވެ.

މި ހާލަތުގައި ވެރިންގެ ފަރާތުން ފެންނަމުންދާ މި ސިފަތަކާމެދު ގިނަ ރައްޔިތުން ތިބީ ނުރުހިފައިކަން ޔަގީނެެވެ. އެކަން ސޯޝަލް މީޑިއާއަށް ބަލާލުން އެނގެއެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި ނަޖިހުން ތާހިރުވާން ނުދަންނަ ގައިރު މުސްލިމުން އެމީހުންގެ ފެން ކަމުންވާ ޓިޝޫ ރޯލުން ބޯޅަ ކުޅުނު ނަމަވެސް އެކަމަކީ އެތައް ބަޔަކު ބަލިވެ އަދި މަރުވަމުންދާ މިފަދަ ހިތާމަވެރި ވަގުތެއްގައި އަހަރެމެން މުސްލިމުންނާ އެކަށީގެންވާ ކަމެއް ނޫނެވެ.

ދުނިޔޭގެ އިންސާނީ ހަޟާރަތުގައި ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިވާ މިފަދަ ވަގުތެއްގައި އަދި މުސްލިމުންގެ އެންމެ މުގައްދަސް ތިން ހަރަމްފުޅުވެސް އާންމުންނަށް ބަންދު، އަދި ރާއްޖޭގައިވެސް ހުކުރުގެ ޖަމާއަތާއި، ނަމާދުގެ ޖަމާއަތް ގާއިމް ނުކުރެވޭތާ ދެ ހަފްތާ ވެގެންދާއިރު، ވެރިން މިއަދު ދައްކަންވީ ޓޮއިލެޓް ޕޭޕަރު ރޯލަކުން ބޯޅަ ކުޅޭ ނަމޫނާތޯ މިއީ ސުވާލުކޮށްލަން ޖެހޭ ކަމެކެވެ.

ބައެއް އާންމުންގެ ނަޒަރުގައި މިވަގުތުވެސް ވެރިން އެ ދައްކަވަނީ މި ދަތި މާލޭގައި އެވެރިން ދިރިއުޅޭ ތަނަވަސް އެޕާޓްމަންޓްތަކެވެ. އަގުބޮޑު ކޮޓަރި ކޮޅާއި، ސިޓިންރޫމް ކޮޅެވެ. މިއީ ދަތި ހާލުގައި އުޅޭ ދިވެހި ރައްޔިތުންނަށް ކޮށްލި މަލާމާތެއް ކަމަށްވެސް ބައެއް މީހުން ދެކެއެވެ.

ބިރުވެރިކަމުން ފުރިގެންވާ މިފަދަ ހާލަތެއްގައި ގައުމުގެ ވެރިން ނިކުންނަވާ އިސްލާމީ ރިވެތި އުސޫލުތައް ހާމަވާ އަދި ދީނީ ޝިއާރުތައް ފާޅުވާ ފަދަ ނަމޫނާއެއް ދެއްކުން ކީއްތޯއެވެ. ދުއާކޮށް ހެޔޮ އަމަލުތައް ކުރުން މަތީގައި ދެމި ތިބުމަށް ބާރުއަޅާ މަންޒަރުތަކާއި ފޮޓޯތައް އާންމުކޮށްލުން ކީއްތޯއެވެ. ހަނާވަމުންދާ އިޖްތިމާއީ ފޭރާން ރަނގަޅު ކޮށްލުމަށް ބާރުއަޅާނެ ކަމެއް ކޮށްލުން ކީއްތޯއެވެ.

މަދު ބަޔަކަށް ތިޔަ ވެެރިންގެ މަންޒަރުތައް މޮޅުވެފައި، ރީތިވިޔަސް ތިޔައީ މިހާލަތަށް ފެތޭ ކަމެއް ނޫނެވެ. އަދި ތިޔަ ދެއްކީ ނުރަނގަޅު މިސާލެކެވެ.

ސަރުކާރުގެ ވެރިން ނުރަނގަޅު މިސާލެއް ދެއްކި ނަމަވެސް މިވަގުތު ވަނީ މި ހާލަތަށް މުނާސަތު ޗެލެންޖެއް ފެށިފައެވެ. އެއީ މުޅި ގުރުއާން އެއްކޮށް ކިޔެވުމުގެ ޗެލެންޖެކެވެ. މި ޗެލެންޖް ފެއްޓެވީ ކުރީގެ އިސްލާމިކްމިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މި ޗެލެންޖް ފައްޓަވަމުން ޝަހީމް ވަނީ މިއީ އިސްލާމީ އުންމަތަށް ހިތާމަވެރި ވަގުތަކަށްވާތީ ﷲ އަށް ކުއްތަންވުމުގެ ގޮތުން އެންމެން ވެގެން ޚަތިމްކުރުން ފެށުނީ ކަމަށް ވިދާޅުވެފައެވެ.

"..މީގައި ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ބައިވެރިވެވޭނެ. ޓުވިޓާ، އެފްބީ، އިންސްޓްގްރާމް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ. އަޅުގަނޑު ފަށައިފިން." ޝަހީމް ގުރުއާން ކިޔަވާ ވީޑިއޯއަކާއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މި ޗެލެންޖް މިހާރު ވަނީ ވަރަށް ބޮޑަށް ވައިގައި ހިފާފައެވެ. ގައުމުގެ އިސް ބޭފުޅުން މި ޗެލެންޖުން ނުފެނުނު ނަމަވެސް ކުދި ބޮޑު ގިނަ ބަޔަކު ގެންދަނީ ގުރުއާނުން މިންވަރެއް ކިޔެވުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

އަދި މި މަސައްކަތުގައި ބައިވެރިވުމަށް އެހެން މީހުންނަށް ދައުވަތުވެސް ދެމުންނެވެ.