ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް-19އިން ރަނގަޅުވި މީހުންގެ އަދަދު 13 އަށް

ކޮވިޑް-19އިން އިތުރު ދެ މީހަކު ރަނގަޅުވެއްޖެ އެވެ. މިރޭ ރަނގަޅުވިކަން އިއުލާންކުރި ދެ މީހުންނަކީ އަނަންތާރާ ދިގު ރިސޯޓްގައި ތިއްބާ ޕޮޒިޓިވްވި ދެ ޓޫރިސްޓުންނެވެ. އެ ދެ މީހުންގެ ނަތީޖާ ވެސް ވަނީ ކޮވިޑް-19އަށް ޑަބަލް ނެގެޓިވްވެފަ އެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދެމުންދަނީ ދެ ދިވެހިންނަށް އެކަންޏެވެ. އެ ދެ މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ދެ މީހުންނެވެ. އެމީހުން ރާއްޖެ އައި ގޮތަށް ވެސް ތިބީ ކަރަންޓީނުގަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވީ ހުރިހާ ބިދޭސީން ބަލިން ރަނގަޅުވެފައިވާއިރު އެ އެންމެން ވެސް މިހާރު ތިބީ 30 ދުވަހުގެ މޮނީޓަރިންގައި ކަރަންޓީނުކޮށްފަ އެވެ.

މިހާރު ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް ގެންދަނީ ސީދާ ކަރަންޓީނަށެވެ. އޭގެ އިތުރުން ރާއްޖެއަށް ޓޫރިސްޓުން އައުން މިހާރު ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު ސްކޫލްތަކާއި ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ. އަދި މީހުން އެއްވެ އުޅުން ވީހާވެސް ކުޑަވާނެހެން ކަންކަން ދަނީ ރާވަމުންނެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑް-19އަށް 900 އަށްވުރެ ޓެސްޓް ހަދާފައިވެ އެވެ.