ދުނިޔޭގައި މިހާތާނަށް ބިނާ ކުރާ އެންމެ ބޮޑު ފުޓްބޯޅަ ސްޓޭޑިއަމްގެ މަސައްކަތް ޗައިނާގައި ފަށައިފި އެވެ.
ޗައިނާ ސުޕަ ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން އަދި އެ ލީގްގެ އެންމެ ކާމިޔާބު ކުލަބު ގުއާންޒޫ އެވަގްރާންޑޭއިން، ބިނާ ކުރާ މި ސްޓޭޑިއަމަކީ 100،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. މިވަގުތު ދުނިޔޭގައި އެންމެ ގިނަ ސީޓިން ކެޕޭސިޓީ ހުރި ސްޓޭޑިއަމްއަކީ ބާސެލޯނާގެ ކޭމްޕްނޯ ސްޓޭޑިއަމް އެވެ. އެ ސްޓޭޑިއަމް އަކީ 99000 މީހުންގެ ޖާގައިގެ ސްޓޭޑިއަމް އެކެވެ. ގުއަންޒޫގެ މިހާރުގެ ސްޓޭޑިއަމް އަކީ 60،000 މީހުންގެ ސްޓޭޑިއަމް އަކެވެ.
ލޮޓަސް މަލުގެ ބައްޓަމަށް ހަދާ މި ސްޓޭޑިއަމް އިމާރާތް ކުރުމަށް 12 ބިލިއަން ޔުއާން ހޭދަ ވާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. މި ސްޓޭޑިއަމް ފަރުމާ ކޮށްފައި ވަނީ ޝެންހާއީގައި ދިރިއުޅޭ އެމެރިކާގެ އިންޖީނިއަރެއް ކަމަށްވާ، ހަސަން ސައްޔިދު އެވެ.
ޗައިނާގެ ރިއަލް އެސްޓޭޓް ބިޒްނަސް ކޯޕަރޭޝަންގެ ރައީސް އަދި ގުއަންޒޫ އެވާގްރާންޑޭގެ ވެސް ރައީސް ޝިއާ ހައިޗުން ވިދާޅުވީ، އެ ސްޓޭޑިއަމްއަކީ އުމްރާނީ ތަރައްގީގައި މުޅި ދުނިޔޭގައިވެސް ފާހަގަ ކުރެވޭ ބިނާއަކަށް ވާނެ ކަމަށެވެ. އެގޮތުން ސިޑްނީގެ އޮޕޭރާ އާއި ދުބާއީގެ ބުރުޖު ޚަލީފާ އާ އެއްފަދަ ތަނަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސްޓޭޑިއަމް ވެގެން ދާނީ، ޗައިނާގެ ފުޓްބޯޅައިގައިވެސް މުހިންމު ސްޓޭޑިއަމް އަކަށެވެ. ޗައިނާއިން އަމާޒު ކަނޑައަޅާފައި ވަނީ 2050 ވަނަ އަހަރާ ހަމައަށް ދާއިރު ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ވަރުގަދަ ހަބަށް ވުމަށެވެ. މި ސްޓޭޑއަމްގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ފެށިނަމަވެސް ރަސްމީކޮށް މަސައްކަތް ފެށިގެން ދިޔައީ މިދިޔަ ހޮނިހިރު ދުވަހު ފާހަގަ ކުރި ދުނިޔޭގައި މޮނިއުމެންޓްސް އާއި ބިނާތަކުގެ ދުވަސް ފާހަގަ ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތާ އެކު އެވެ.
ސްޓޭޑިއަމްގެ މަސައްކަތް ނިންމުމަށް ހަމަ ޖެހިފައި ވަނީ 2022 ވަނަ އަހަރު ފަހު ކޮޅަށެވެ. އެ އަހަރު ޗައިނާގައި، ދުނިޔޭގެ ކުލަބު ވޯލްޑް ކަޕްވެސް އޮންނާނެ އެވެ. ޖެހިގެން އަންނަ 2023 ވަނަ އަހަރުގެ އޭޝިން ކަޕްވެސް އޮންނާނީ މި ސްޓޭޑިއަމްގަ އެވެ.