ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އުފަންވުން ރަޖިސްޓްރީކޮށްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

Mar 30, 2020

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި، މާލޭ ސިޓީ ކައުންސިލުގެ ވައިޓަލް ރެޖިސްޓްރޭޝަން ސެކްޝަނުން ހިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސަރުުކާރު ބަންދުކޮށްފައިވާ މުއްދަތުގައި ވައިޓަލް ރެޖިސްޓްރޭޝަން ސެކްޝަނުން އުފަންވުން ރެޖިސްޓްރީކުރުމާއި އަދި ރަށްވެހިވުމާއި ބެހޭ ހިދުމަތް ދިނުމަށް ހަމަޖެފައިވަނީ މެންދުރު 2:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

އުފަންދުވަހުގެ ސެޓްފިކެޓް ގެއްލިގެން އަލުން ހެއްދުމަށް އެދި ހުށަހަޅާ ފޯމުތަކާއި އުފަންދުވަހުގެ ސެޓްފިކެޓް އާކުރުމަށް އެދި ހުށަހަޅާ ފޯމުތައް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރިގެން ދިޔުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ވަނީ ބަންދުކޮށްފަ އެވެ.

މީހުން އެއްވެ އުޅުން މަދުކުރުމަށްޓަކައި، ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ސްކޫލްތައްވެސް ބަންދުކޮށްފައިވާއިރު، މާލޭ ސަރަހައްދުގައި ހުރި ކެފޭތަކާއި ހޮޓާތަކުގައި ތިބެގެން ކެއުން ވެސް ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން، ބޭރުން އަންނަ ފަރާތްތަކަށް އޮން-އެރައިވަލް ދިނުން ހުއްޓާލުމުގެ އިތުރުން، ރާއްޖޭން ބޭރުން އެނބުރި އަންނަ ހުރިހާ ދިވެހިންވެސް 14 ދުވަހަށް ކަރަންޓީނުކުރަން ވަނީ ނިންމައިފަ އެވެ.

ރާއްޖޭން މިހާތަނަށް 17 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ދެ ދިވެހިންވެސް ހިމެނެ އެވެ. އަދި މިވަގުތު އެ ބައްޔަށް ފަރުވާދެމުންދަނީވެސް އެ ދެ ދިވެހިންނަށް ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.