ކުޅިވަރު

ކުދި ޓީމުތަކަށް ގަދަ ހަތަރު ކުލަބުން ފަންޑެއް

މިހާރު ދުނިޔެއަށް ކުރިމަތި ވެފައިވާ، ކޮވިޑް-19 އާ ގުޅިގެން މާލީ ދަތިތައް ކުރިމަތި ވެފައިވާ ކުދި ކުލަބުތަކަށް އެހީވުމަށް ޖަރުމަންގެ ބުންޑެސް ލީގާގެ ގަދަ ހަތަރު ކުލަބުން ފަންޑެއް ހުޅުވައިފި އެވެ.

ބަޔާން މިޔުނިކް، ބްރޫޝިއާ ޑޯޓަމުންޑް، ރެޑްބުލް ލައިޕްޒިގް އަދި ބަޔާން ލެވަކޫސަން ގުޅިގެން ވަނީ 20 މިލިއަން ޔޫރޯގެ ފަންޑެއް އެކުލަވާލާފަ އެވެ. އެ ފަންޑުން ހޭދަ ކުރާނީ ބުންޑެސްލީގާ އަދި ބުންޑެސް ލީގާ ދޭއް (ދެ ވަނަ ޑިވިޝަން) ގެ ކުދި ކުލަބުތަކަށެވެ.

އެ ފައިސާ ބަހާނެ ގޮތެއް ނިންމާނީ ޖަރުމަންގެ ފުޓްބޯޅަ ފެޑްރޭޝަންގެ ލީގް މެނޭޖުމެންޓް ބޯޑުންނެވެ. އެ ހަތަރު ކުލަބުން ފައިސާ ޖަމާ ކުރާނީ، އެ ކުލަބުތަކަށް ލިބެންޖެހޭ ޓީވީ ރައިޓްސްގެ ފައިސާއިންނެވެ. އެއީ ގާތްގަނޑަކަށް 12.5 މިލިއަން ޔޫރޯ އެވެ. އަދި ބާކީ 7.5 މިލިއަން ޔޫރޯ ހަތަރު ކުލަބުތަކުން އެކުވެގެން ފަންޑަށް ޖަމާ ކުރާނެ އެވެ.

ލައިޕްޒިގްގެ ސީއީއޯ އޮލިވާ މިންޓްޒްލެފްޓް ވިދާޅުވީ، ޖަރުމަންގެ ކުލަބުތަކުން ދައްކައިދޭން ބޭނުންވަނީ އެކުވެރިކަން ކަމަށެވެ.

"ބުންޑެސް ލީގާ އަކީ ވޯލްޑް ކްލާސް ލީގެއް، އެގޮތުގައި ދެމެހެއްޓުމަށް ކުލަބު ރަނގަޅު ގޮތުގައި ހިންގުމަށް އެހީތެރިވާން ޖެހޭ." ލައިޕްޒިގްގެ ސީއީއޯ އޮލިވާ ވިދާޅުވި އެވެ.