ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓީސީ

ޓީސީގެ ކުޅުންތެރިން ލަންކާގައި އުނދަގޫ ހާލަތެއްގައި

މި މަހުގެ އަށް ވަނަ ދުވަހު ޓީސީގެ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން ގެއިން ނުކުމެގެން އައީ ހަތަރު ދުވަހުގެ ދަތުރަކަށް ތައްޔާރު ވެގެންނެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އާ ދެކޮޅަށް މި މަހުގެ 10 ވަނަ ދުވަހު ކުޅުނު މެޗު ނިންމާފައި މާލެ އައުމަށެވެ. ކުރު ދަތުރެއް ކަމުން ކުޅުންތެރިން ދަތުރަށް ތައްޔާރުވީވެސް ކުރު ދަތުރަކަށް ބޭނުންވާނެ މިންވަރަށެވެ.

އޭއެފްސީ ކަޕްގައި ބޮށުންދަރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗަށް ޓީސީން، ޑާކާގެ ބަންގުބަންދު ސްޓޭޑިއަމަށް ވަނީ، އެ ދުވަހުގެ މެންދުރު ފަހުން އޮތް މެޗު ނިންމާފައި، އެނބުރި ހޮޓަލަށް އައިސް އެރޭ މާލެއަށް ދަތުރު ހެދުމަށެވެ. އެހެންނަމަވެސް މެޗު ކުޅެން އޮތް ދުވަހު ސަރުކާރުން އިއުލާން ކުރީ، ބަންގުލަދޭޝްއިން ރާއްޖެއަށް އަންނަ ފަރާތްތައް އައިސޮލޭޝަންގެ މުއްދަތުގައި ހޭދަ ކުރަން ޖެހޭނެ ކަމަށެވެ. ޓީސީގެ ޓީމު އައިސޮލޭޝަން ހަމަޖެހުނީ ރާއްޖެއަކުން ނޫނެވެ. އެ ޓީމުގެ އައިސޮލޭޝަން ސެންޓަރަކީ ލަންކާގެ ކޮޅުނބުގެ ހޮޓަލެއް ގައެވެ.

ހަތަރު ދުވަހުގެ ދަތުރަށް ނުކުތް ޓީމަށް، ގައުމަށް ނާދެވި 14 ދުވަހަށް ލޮކް ޑައުންވީ އެވެ. ޓީސީގެ ޓީމުގެ އައިސޮލޭޝަންގެ މުއްދަތު ހަމަވީ، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް 14 ދުވަސް ހަމަވާން ކައިރިވެފައި ވަނިކޮށް ލަންކާގެ ސަރުކާރުން މުޅި ގައުމުގައި ތަޅު އެޅުވި އެވެ. ދުވާލާއި ރޭނގަޑުވެސް ކާފިއު އިއުލާންކޮށް ބޭރަށް ނުކުމެ އުޅުން މަނާ ކުރީ އެވެ.

ލަންކާގައި، 14 ދުވަހު މަޑު ކުރަން ޖެހޭނެތީ، ޓީސީގެ ޓީމުން ރޭވީ ކުރު ޓްރޭނިން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށެވެ. އެހެންނަމަވެސް މިހާލަތުގައި ރޭވި ޕްލޭނާ އެއްގޮތަށް އެއްވެސް ކަމެއް ނުހިންގާހެން އެކަންވެސް ހުއްޓުނީ އެވެ. ކުޅުންތެރިންނަށް މަޖުބޫރުވީ ހޮޓެލުގައި ލޮކްޑައުންގައި ތިބުމަށެވެ.

ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ ކަންކަން ދިޔައީ ޕްލޭން ކުރި ގޮތަށް ނޫން ކަމަށެވެ. އެހެންނަމަވެސް ހޮޓެލްގެ ޖިމް ބޭނުން ކުރެވޭތީ ޓީސިގެ ޓީމުން ދަނީ ފިޒިކަލް ޓްރޭނިންތައް ޖިމްގައި ކުރިއަށް ގެންދުމުންނެވެ.

"ހަތަރު ދުވަހުގެ ދަތުރަކަށް ވީމަ ކޮންމެ ކުއްޖަކުވެސް ދަތުރަށް ތައްޔާރުވީ ވަރަށް ކުޑަކޮށް، ، މިއީ ހަމަ މެޗު ކުޅެލާފައި އެނބު މާލެ ދާން ތައްޔާރު ވެގެން ތިބި ބައެއް،" ކޮލަމްބޯގެ ހޮޓަލުގައި ހުރެ ފޯނުން ވާހަކަ ދައްކަމުން ޓީސީގެ ކުރީގެ މެނޭޖަރު އަދި އެ ޓީމުގެ އިސްސަފުގައި މަސައްކަތް ކުރަމުން އަންނަ މުހައްމަދު އީސާ (މޯ) ބުންޏެވެ. "އެހާ ކުރު ދަތުރެއް ވީމަ ގިނަ އަންނައުނު ތަކެއް ގެންނާކަށް ނުވިސްނާނެ، ހަމަ ދޮއެދޮއެގެން މަދު އަންނައުނުތަކެއް ބޭނުން ކުރަން ޖެހުނީމަ މިހާލަތުގައި ވަރަށް ބޮޑަށް އުނދަގޫ ވާނެ، ކުޅުންތެރިންނަށް ވަރަށް ބޮޑަށް އެކަން ތަހަންމަލު ކުރޭ."

ޓީސީ ހޮޓެލްގައި ތިބުމާއި ކެއުމުގެ ހަރަދުތައް ބަލަހައްޓާނީ ޔޫތު މިނިސްޓްރީންނެވެ. ހޮޓަލުގައި ތިބެން ޖެހުނަސް، އުނދަގޫތަކެއް ހުންނާނެ އެވެ. މޯ ވެސް ފާހަގަ ކުރީ އެކަމެވެ.

"ހިތައް އަރާފާނެ ދެން ހޮޓަލުގައި ތިބެން ނޫންހޭ ޖެހޭނީ، އެހެންވީމަ ހާލުގަ ނުޖެހޭނޭ، .. ނޫން ފިޒިކަލީ ހާލުގައި ނުޖެހޭ އެކަމަކު ކުޅުންތެރިން މެންޓަލީ މިތިބަ ތަހަންމަލު ކުރަނީ، ބޭރަށް ނުނުކުމެވި ތިބޭ ހާލަތެއްގައި ސިކުނޑިއަށްވެސް އުނދަގޫވާނެ،" މޯ ވާހަކަ ދެއްކި އެވެ.

"އަނެއް ކަމަކީ މީގަ އެބަތިބި އަނބިދަރިން މޭލޭގައި އެކަނި ބައިތިއްބާފައި އައި ކުޅުންތެރިން، ކުރު ދަތުރަކަށް ވީމަ ގޭތެރޭގެ ކަންކަންވެސް މާ ބޮޑަށް އެރޭންޖުމެންޓެއް ގެންނާކަށް ނުޅޭނެ. އެގޮތަށް ވިސްނައިގެން އައިސަ މީހެންވީމަ މާލޭގައި ތިބި ކުޅުންތެރިންގެ އާއިލާތަކަށްވެސް ފުރިހަމަ ކުރަން ކުރަންޖެހޭ ކަންކަންވެސް ހުންނާނީ ފުރިހަމަ ނުވެ، އެކަމުގެ އުނދަގޫވެސް ކުޅުންތެރިންނަށްވެސް އިހްސާސް ވާނެ."

މިހާރު ލޮކްޑައުން ހާލަތުގައި، ހޮޓެލްގެ ކެއުމުގެ އިންތިޒާމްތައްވެސް ބަދަލު ވެއްޖެ އެވެ. މިހާރު އޮންނަނީ އަބަދުވެސް އެއް ސެޓެއްގައި އޮންނަ މެނޫއެކެވެ. ހުރިހާ ވަގުތެއްގައި އަބަދު އެކައްޗެއްކާން ޖެހޭ ދުވަސް ވެސް އާދެ އެވެ.

ލަންކާއިން އެއާޕޯޓްތައް އަލުން ހުޅުވައި ދަތުރުތައް ފަށާނެ ދުވަހެއްވެސް ނޭންގެ އެވެ. ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ލަންކާއިން އެންމެ އަވަހަށް ދަތުރުތައް ފަށާނެ ދުވަހެއް ބަލަމުންދާ ކަމަށާއި އެ އަށްފަހު އެންމެ އަވަހަށް ކެޗުވާ ފްލައިޓަކުން ޓީސީގެ ޓީމު ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ. ލަންކާއިން ދޫވެގެން ރާއްޖެ އައި ނަމަވެސް، ރާއްޖޭގައި އިތުރު 14 ދުވަހުގެ ކަރަންޓީން މަރުހަލާއެއް ރާއްޖޭގައި ފުރިހަމަ ކުރަން ނުޖެހޭނެ ކަމެއްވެސް މިހާރު އޮތް ހާލަތުން ނޭންގެ އެވެ.