ސްރީލަންކާގައި 24 ދުވަހު، ކަރަންޓީންގައި ތިބުމަށް ފަހު ޓީީސީ ސްޕޯޓްސް ކުލަބުގެ ޓީމު، ރާއްޖެ ގެނެސް، ރާއްޖޭގައި ކަރަންޓީން ކޮށްފި އެވެ.
އޭއެފްސީ ކަޕްގެ ގުްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި، ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗަށް ޓީސީގެ ޓީމު، މާލެއިން ފުރީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ. ހަތަރު ދުވަހުގެ ދަތުރަކަށް ތައްޔާރު ވެގެން، ބަންގުލަދޭޝްއަށް ޓީސީގެ ޓީމު ފުރި ފަހުން ސަރުކާރުން ނިންމީ ބަންގުލަދޭޝްއިން އަންނަ ފަރާތްތައް ކަރަންޓީން ކުރަން ޖެހޭނެ ކަމަށެވެ. ޓީސީގެ ޓީމުގެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ މެރީނޯ ބީޗް ހޮޓެލެވެ.
އެ ހޮޓެލްގައި 24 ދުވަހު ބޭތިއްބުމަށް ފަހު، މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް ލަންކާއަށް ގޮސް، ޓީސީގެ ޓީމު ރާއްޖެ ގެނައީ ރޭ ގެ އިރާކޮޅު އެވެ. މާލެ ނައިސް ޓީސީގެ ޓީމު ގެންގޮސްފައި ވަނީ ފުރަވެރި ރިސޯޓަށެވެ. އެ ރިސޯޓްގައި އިތުރު 14 ދުވަހަށް ޓީސީގެ ޓީމު ކަރަންޓީން ކުރާނެ އެވެ.
ލަންކާގައި 14 ދުވަހަށް، ކުރި ކަރަންޓީން މުއްދަތު ހަމަވީ މިދިޔަ މަހުގެ 25 ދުވަހު އެވެ. އެހެން ނަމަވެސް 14 ދުވަސް ހަމަވާން ކައިރިވެފައި ވަނިކޮށް ލަންކާގެ ސަރުކާރުން މުޅި ގައުމުގައި ތަޅު އެޅުވި އެވެ. ދުވާލާއި ރޭނގަޑު ވެސް ކާފިއު އިއުލާންކޮށް ބޭރަށް ނުކުމެ އުޅުން މަނާ ކުރީ އެވެ.
ޓީސީ ހޮޓެލްގައި ތިބުމާއި ކެއުމުގެ ހަރަދުތައް ބަލެހެއްޓީ ޔޫތު މިނިސްޓްރީންނެވެ. ޓީސީގެ ޓީމު ރޭ މާލެ ގެނައުމުގެ ކުރިން އެ ވާހަކަ ފެތުރުނު ނަމަވެސް ޔޫތު މިނިސްޓްރީން ވަނީ އެ ވާހަކަ ދޮގު ކޮށްފަ އެވެ.
ސަރުކާރުން ނިންމާފައި ވަނީ، ކަރަންޓީން ކުރާ ހުރިހާ ފަރާތްތައް، ކޮވިޑް-19 އަށް ޓެސްޓް ކުރުމަށެވެ. ފުރަވެރި ރިސޯޓްގައި ހޭދަ ކުރާ މުއްދަތުގައި ޓީސީގެ ސްކޮޑްގައި ހިމެނނޭ ކޮންމެ މެންބަރެއް ވަކިވަކީން ޓެސްޓް ކުރާނެ އެވެ.