ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހާލުގައި ނުޖައްސާ ވަޒީފާ ދޭނަން: ޖާބިރު

ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުން ކަނޑާލާ މުވައްޒަފުންނަށް ވަޒީފާ ދޭން ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިހެން ވިދާޅުވެފައި ވަނީ ކޮވިޑް-19 އާއ ގުޅިގެން ޓުއަރިޒަމަށް ވަރަށް ބޮޑު ހީނަރު ކަމެއް އައިސް ރިސޯޓުތަކުގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ޖާބިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދި ވަޑައިގަންނަވަނީ ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ކަނޑާ ނުލަން ކަމަށާއި އޭނާ ވެސް ތާއީދު ކުރައްވަނީ އެގޮތަށް ކަމަށެވެ. އަދި ވިދާޅުވީ މި ބަލާއާފަތުގެ ވަގުތުގައި އިތުރަށް މީހުން ހާލުގައި ޖެއްސުން އެއީ އިންސާނިއްޔަތާ ހިލާފު ކަމެއް ކަމަށެވެ.

ޖާބިރު ވިދާޅުވީ ރިސޯޓުތަކުން ވަޒީފާއިން ވަކިކުރާ މުވައްޒަފުން އޭނާގެ ކުންފުނިތަކުގެ ވަޒީފާއަށް ދިއުނަށް އެދޭ ކަމަށާއި ހާލަތާއި ބައްދަލު މުސާރައެއް ވެސް ދޭނެ ކަމަށެވެ.

"ރިސޯޓުތަކުން ކަނޑާލާ މުވައްޒަފުން އަޅުގަނޑުގެ ކުންފުނިތަކަށް ވަޑައިގަންނަވާ. ހާލުގައެއް ނުޖައްސާނަން." އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާއެކު ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް އައިސްފައިވާއިރު، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 11،000 އެއްހާ މީހުން މުސާރަ ނުލިބޭ ގޮތަށް، ފޮނުވާލާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޮޔާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފައި ވެއެވެ.