ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: ސައުދީގައި ބޭސް ފަރުވާގެ ހަރަދު ރަސްގެފާނު ދެއްވަނީ

Mar 31, 2020

ރިޔާދު (މާޗް 31) - ސައުދީ އަރައްބިއްޔާގައި ކޮވިޑް-19 ޖެހޭ ހުރިހާ އެންމެންގެ ބޭސް ފަރުވާގެ ހަރަދު ސައުދީ ރަސްގެފާނު ސަލްމާން ދެއްވާނެ ކަމަށް އެ ގައުމުގެ ސަރުކާރުން އިއުލާނުކޮށްފި އެވެ.

ސައުދީގައި އެ ބަލި ޖެހުނު މީހުންގެ އަދަދު 1،453 އަށް އަރާފައިވާއިރު، އޭގެ ތެރެއިން އަށް މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

އެކަމާ ގުޅިގެން، ސައުދީގެ ހެލްތު މިނިސްޓަރު ތައުފީގު އަލް ރާބިއާ ވިދާޅުވީ، ސައުދީގައި ކޮވިޑް-19 ޖެހޭ ހުރިހާ އެންމެންގެ ބޭސް ފަރުވާގެ ހަރަދު ރަސްގެފާނު ދެއްވާނެ ކަމަށެވެ. އެހެންކަމުން، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުންނަ ހުރިހާ އެންމެން ލަސް ނުކޮށް ޓެސްޓު ކުރުމަށް މިނިސްޓަރު ވަނީ ގޮވާލައްވައިފަ އެވެ.

ވައިރަސް ފެތުރުން ހުއްޓުވުމަށް، ސައުދީ ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން، ސައުދީއަށް އަންނަ ހުރިހާ އިންޓަނޭޝަނަލް ފްލައިޓުތަކެއް ހުއްޓުވާފައިވާއިރު، ރިޔާދު، މައްކާ، މަދީނާ އަދި ޖިއްދާ ފަދަ ސިޓީތަކަށް މީހުން ވަދެ ނުކުތުން ވަނީ ވަރަށް ބޮޑަށް ލިމިޓުކޮށްފަ އެވެ.

އޭގެ އިތުރުން، ސައުދީގައި މިވަގުތު ހުރި ކާބޯތަކެތީ ރިޒާވް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މުޅި ދުނިޔެއަށް ބަލާއިރު، ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 784،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން މިހާތަނަށް 37،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.