ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޭޝަންޓް ޒީރޯ: ވޫހާންގެ ޝްރިމްޕް ވިއްކާ މީހެއް!

ޗައިނާގެ ވޫހާންގައި ކާނާގެ ގޮތުގައި ބޭނުން ކުރުމަށް ދިރިހުރި ޖަނަވާރު ވިއްކާ މާރުކޭޓެއްގައި ޝްރިމްޕް ވިއްކަން އުޅުނު 57 އަހަރުގެ އަންހެން މީހާއަކީ ކޮރޯނާވައިރަސްގެ "ޕޭޝަންޓް ޒީރޯ" އަށް ވެދާނެ ކަމަށް ވޯލް ސްޓްރޭޓް ޖާނަލް އިން ބުނެފި އެވެ.

ވީ ގުއިޒިއާން ނަމަކަށް ކިޔާ މި އަންހެންމީހާ "ޕޭޝަންޓް ޒީރޯ" ކަމަށް ބެލެވެނީ އެއީ މި ވައިރަސް ފުރަތަމަ ޖެހުނު މީހާ ކަމަށް ބެލެވިފައި ވާތީ އެވެ.

ހުނާން ސީފުޑް މާކެޓްގައި ވީ ޝްރިމްޕް ވިއްކަން އުޅެނިކޮށް އޭނާއަށް ރޯގާގެ އަސަރުތައް ކުރަން ފެށީ ޑިސެމްބަރު 10 ވަނަ ދުވަހު އެވެ. އެހެންވެ އޭނާ އެތާ ކައިރިހުރި ކުޑަކުޑަ ކްލިނިކަކަށް ފަރުވާ ހޯދަން ދިޔަ އެވެ. އަދި ބޭސް ނަގައިގެން އެނބުރި އައިސް އަނެއްކާ ވެސް އެއްޗެތި ވިއްކުމުގައި ދެމި ހުރީ އެވެ. ވީ ގެ ގެއިން އެތައް ލައްކަ ބަޔަކަށް ބަލި ފެތުރި އެތައް ހާސް ބަޔަކު މިހާރު ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ.

އިނގިރޭސި ވިލާތުގެ ނޫހަކަށް ވީ ކިޔައިދިން ގޮތުގައި އޭނާ ކުޑަކޮށް ވަރުބަލިވި ނަމަވެސް ކުރީ އަހަރުތަކުގައި ރޯގާ ޖެހިގެން ވަރުބަލި ވަރަކަށް މި ފަހަރު ވަރުބައްޔެއް ނުވެ އެވެ.

"ކޮންމެ ފިނި މޫސުމެއްގައި އަހަންނަށް ރޯގާ ޖެހޭ. އެހެންވެ އަހަރެން ހީކުރީ ރޯގާ ޖެހުނީ ކަމަށް،" ވީ ބުންޏެވެ.

އަނެއް ދުވަހު ވެސް ރޯގާ ރަނގަޅު ނުވުމުން ވީ އަނެއްކާ ކްލިނިކަށް ދިއުމުން އޭނާގެ ގަޔަށް އިންޖެކްޝަނެއް ޖެހި ކަމަށާއި ނަމަވެސް ރަނގަޅުވާ ގޮތް ނުވުމުން ވޫހާންގެ އިލަވަންތު ހޮސްޕިޓަލަށް ދައްކަން ދިޔަ ކަމަށް ވީ ބުންޏެވެ. އެތަނުން ދިން ބޭހަށް ވެސް ރަނގަޅު ނުވުމުން ފަހުން ވޫހާން ޔުނިއަން ހޮސްޕިޓަލަށް ވީ ދެއްކީ ޑިސެމްބަރު 16 ވަނަ ދުވަހު އެވެ. މި ހޮސްޕިޓަލަކީ މުޅި ވޫހާންގައި ވެސް ހުރި އެންމެ ބޮޑު ހޮސްޕިޓަލެވެ.

އޭނާގެ ބައްޔަކީ ވަރަށް ވަރުގަދަ ބައްޔެއް ކަމަށާއި އެ ބަލި ޖެހިގެން ހުނާން ސީފުޑް މާކެޓްގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދައްކަމުންދާ ކަމަށް އެ ހޮސްޕިޓަލުން ވީ ބެލި ޑޮކްޓަރު އޭނާ ކައިރީގައި ބުނި ކަމަށް ވެއެވެ.
ވީ ކަރަންޓީނު ކޮށްފައި ވަނީ ޑިސެމްބަރު ނިމެން އުޅެނިކޮށެވެ. އެއީ އަލަށް ފެށިގެން އުޅޭ މި ބަލިމަޑުކަމާއި ސީފުޑް މާކެޓާ ގުޅުމެއް ވާކަން ޑޮކްޓަރުންނަށް ޔަގީން ވުމުންނެވެ.

ވީ ގެ ބަލި ވަނީ ޖެނުއަރީމަހު މުޅިން ފަސޭހަ ވެފަ އެވެ. އޭނާއަށް ހީވާ ގޮތުގައި އެ ވައިރަސް އޭނާގެ ގަޔަށް އެރީ އެ މާރުކެޓުގައި ހުންނަ މަސް ވިއްކާ މީހުން ބޭނުންކުރާ ފާޚާނާގެ ތެރެއިންނެވެ.

މި ރިޕޯޓުގައިވާ ގޮތުން ވީ ގެ ދެ ފަރާތުގައި މަސް ވިއްކަން ތިބި މީހުންނަށާއި އޭނާގެ ދަރިންނަށާއި ބޮޑު ދައިތަ ކިޔާ ކުއްޖަކަށް އަދި އޭނާގެ ފިރިމީހާއަށް ވެސް ބަލި ޖެހުނެވެ.

ވީ ގަބޫލުކުރާ ގޮތުގައި ޗައިނާ ސަރުކާރުން ތަންކޮޅެއް ދުރާލާ އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިނަމަ މިހާ ގިނަ މީހުންނަށް ބަލި ޖެހި މަރެއް ނުވީހެވެ.

ވީ އަކީ އެ މާރުކޭޓުން ބަލި ޖެހުނު "ޕޭޝަންޓް ޒީރޯ" އަށް ވެދާނެ އެވެ. ނަމަވެސް އޭނާއަކީ ކޮރޯނާވައިރަސް ޖެހުނު ފުރަތަމަ މީހާއެއް ނޫނެވެ. ސަބަބަކީ ޑިސެމްބަރު 1 ވަނަ ދުވަހު ވެސް ކޮވިޑް-19 އަށް މީހަކު ޑައިގްނޯސް ވެފައިވާތީ އާއި އެ މީހާ އާ އެ މާރުކޭޓާ އެއްވެސް ގުޅުމެއް ނެތީމަ އެވެ.

ވޫހާންގެ ޖިންޔިންޓަން ހޮސްޕިޓަލުގެ ސީނިއާ ޑޮކްޓަރެއް ކަމަށްވާ ވޫ ވެންޖުއާން ބީބީސީ އަށް ވިދާޅުވެފައިވާ ގޮތުގައި ފުރަތަމަ ކޮރޯނާވައިރަސް ޖެހުނީ އަލްޒައިމާ ބަލި ޖެހިފައިވާ ވަރަށް މުސްކުޅި ފިރިހެނަކަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ފިރިހެންމީހާ ދިރިއުޅެނީ ސީފުޑް މާރުކޭޓާ އެހާ ދުރު ނޫން ހިސާބެއްގައި ކަމަށާއި ބަލިކަމުން އޭނާ އެއްގޮތަކަށް ވެސް ބޭރަށް ނުކުމެ ނޫޅޭ ކަމަށެވެ. އޭގެ ފަހުން ވެސް ބައެއް މީހުންގެ ގައިން މި ބަލީގެ ނިޝާންތައް ފެނިފައިވާ ކަމަށާއި މި މީހުންނަކީ ވެސް ސީފުޑް މާރުކޭޓަށް ގޮސް އުޅޭ ބައެއް ނޫން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19 މިހާތަނަށް ހަތް ލައްކަ އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު 30،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.